މުނިފޫހިފިލުވުން / ކުރު ވާހަކަ

ކުރުވާހަކަ: މަރުޖާނު ސައުދާގަރު

ކޮލާޖު އާޓް: މޫސާ މަމްދޫހު

ސައުދާގަރަކީ މުދައުވެރިއެއް ނޫނެވެ. އިބްރާހިމް ސައުދާގަރަކީ ނ. އެކަންޏަށް އުފަން އެކަނިވެރިއެކެވެ. އުމުރު ކޮށައިދިން ފޫހި ދަތުރެއްގައި ނަވާނަވައިންގެ އުދަރެހާ އަރައި ހަމަކޮށްފައިވާ ފަގީރު މުސްކުޅިއެކެވެ. ކުލަފަތިކަމެއް ނެތި ދަހިވެތިވެފައިވީ ހިތަކާއި ނަފުސެއް ގޮވައިގެން ހަވާނަފުސުގެ އަސާގަނޑެއްގައި ދަތުރުކުރާ މުސާފިރެކެވެ. އެކަމަކު އޭނާ ހޯދުމަށް ކެތްމަދުވެފައި ވަނީ އެއްވެސް އުޅުމެއް ނެތް މި ދިރިއުޅުމުގައިވީ މާނައެއް ނޫނެވެ. އެއަށް ވުރެ މާ ފުނުގައި ވަޅުލައި ފޮރުވާފައިވީ ފޮފަޅި މަރުޖާނެވެ.

ބޮއްކުރައެއްގައި އެކަނިން ފުރައިގެން ސައުދާގަރު މާލެއަށް ފުރީ ނޫކަށިފުރައިގެ ފޯރީގައި އޭނާ ބެލި ހުވަފެނެއްގެ އަވައިގައި ޖެހިގެންނެވެ. އެ ހުވަފެނަކީ ދިރިއުޅުމުގެ ދަތުރުގައި އޭނާ އަބަދުވެސް ބަރޯސާވި ސަމުގާ އެވެ. ނަމަވެސް ހުވަފެނަކީ ބިލާހެކެވެ. ނުވަތަ ހަޔާތަކީ އަބަދުވެސް ދުރާލައި ރޭވިގެން އައިސް ބައްދަލުކުރާ ކެއްސެކެވެ.

ނޫއުޑެއްގައި ބަގުޑިބައްދައިގެން އޮތް ނޫކަނޑެއްގައި ފަލިޖަހައި ވަރުބަލިވެ ދެ އަތުގައި ފޮޅުނަގައި ފޮޅުކަނޑައިފިއެވެ. ދިލަނަގައި ވޭން އަޅައިގަތުމުން ރައްބެއްގެ ވޮޑިގަތުން މަތިން ހަނދާންވެ ޒުވާން ސައުދާގަރަށް ބަލައިލެވުނީ ފެށުމަކާއި ނިމުމެއް އޭގައި ބުނެދޭން ނޭނގޭ ފަށަލައިގެ އުޑަށެވެ. ކުރެވުނު ކަންތަކާ މެދު ފިކުރުބޮޑުވެ ފަލިން އަތްދޫކޮށް ދެ އަތަށް ބަލައިލުމުން ފެނުނީ ލެއިން ކަޅިވެ ވާތާވެ ތުރުތުރުލަމުން ދިޔަ ވިންދާއި ފުރާނަ އެވެ.

ޒުވާން ސައުދާގަރު ބޮއްކުރާއެއްގައި ފުރައިގެން އެ އައީ ހުވަފެނެއްގެ އަވާގައި ޖެހިގެން ގޮސް މުޅި ރަށުގައި ވެސް ލޭ އޮހޮރުވާލައިފައެވެ. ކުރެވުނު ކަންތަކާ މެދު މޮޔަ ހީވެ ދެ ލޮލުން ކަރުނަ ހިލިގަތް ވަގުތު އޭނާ ޖަހައިގަތީ ބަނަކޮށްލި އުޑުން އެނބުރިގަތް ނަގޫރޯޅިއެކެވެ.

މަޑުވި ގަދަކަނޑުގެ ދެފެންދޭތެރޭގައި ވާލެއް އިޔާރެއް ނެތި އިޔާސްވަމުން ދަނިކޮށް ޒުވާން ސައުދާގަރު ސަލާމަތްކުރީ އައިނުތަކުން ފުމެމުން ދިޔަ ކޯމަސްތަކެއްގެ ތެރެއިން އޭނާއާ ދިމާލަށް ތުނބުން ފުމެން ފެށި މަޑު ފިޔާތޮށި ކުލައިގެ ކޯމަހެކެވެ. ކަނޑުމަތިން އޭނާ ނަގައިގެން ރަސްމާލެ އަށް ގެންދިޔަ އޮޑީގެ ފަޅުވެރިންނަށް އޭނާ ކިޔައިދިން މި ވާހަކަވީ މާލޭގެ ނަވަރަންނަ މަހާރަދުންގެ ޝައުގުވެރިކަން އިންތިހާ އަށް ދަމައިގަތް ކަމަކަށެވެ.

އެކަނީގެ ލޭ އޮހޮރުވުމުގެ ޚަބަރު މާލެ އަށް ފޯރިއިރު ސައުދާގަރަކީ ގަނޑުވަރުގެ ކުތުބުޚާނާގައި ކުތުބުދާރެކެވެ. ޒުވާން ސައުދާގަރުގެ ކިބައިގައިވީ ވާހަކަ ކިޔައިދިނުމުގެ އާދަޔާހިލާފު ހުނަރުން އަޖާއިބުވެ ވަޑައިގެންނެވި ބޮޑުކަމުން އެ ޒުވާނާ އަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދީ ބަނޑުފުރާނަ މުއްތިކުރާނޭ ގޮތް ހޯދައި ދެއްވަން މަހާރަދުން ބޭނުންފުޅުވެ ވަޑައިގެންނެވީ އެވެ.

ރަސްގަނޑުވަރުގެ ފިނި ހިޔަލާއި މީރު ކެއިންބުއިމާއި ޝަރާބުގެ ކޯވަރު ކަށަވަރުވުމުން ސައުދާގަރު ހީކުރީ އޭނާ ބެލި ހުވަފެން އެންމެފަހުން ހަގީގަތަށް ވަނީ ކަމަށެވެ. އެކަމަކު ހުވަފެނަކީ ބިލާހެކެވެ. ހަޔާތަކީ މަސްތުކޮށް ހައްލާލާ ދަޅައެކެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ ސައުދާގަރުގެ އަރު ތެރޭގައި ދޭން ފެށީ ލޭގެ ރަހައެވެ. އިންސާފު އަރައި ހަމަކުރި ހިނދު ނަގައި އެއްލައިލެވުނީ ތޭރީގެ ބިއްދޮށަށެވެ. ކަނު އަނިދިރީގައިވީ ބިންގަރާހަކަށެވެ. ޖަލުގެ ކުޑަ ގޮޅިއަކަށެވެ.

އެ ބިންގަރާހުގެ އަނދިރިކަމުގެ ފުލުގައި ކުރުގެޅެމުންދާއިރު ހީވަނީ މޭލެއްގެ ދުރުމިނުގައިވީ ފުރިހަމަ ހަނދެއް ހަނާ އަޅާ ހެންނެވެ. އެއީ ހަނދުވަރީ އުފާވެރި ހަނާ އެޅުމެއް ނޫނެވެ. އެކަމަކު އަބަދުވެސް ޒުވާން ސައުދާގަރުގެ ހިޔާލުތައް ފަޅުފިލުވައިދިން ހުވަފެނުގައި ވެސް އޭނާ އަށް ފެންނަ ހަނދެވެ. ނުވަތަ ފުރިހަމަ ހަނދެއްގެ ސިފައިގައިވީ ބިންގަރާސް ދޮރެކެވެ. އެ ހަނދު ވަށައިގެން މަރުޖާނު މުތްތައް ގުރަހަ ތަރިތަކެއްގެ ގޮތުގައި ފައުޅުވަމުންދާ ގޮތެވެ. އަދި ބިންގަރާހުގެ ކޮޅުން ފިޔާތޮށިކުލައިގެ ކޯމަހެއް އެތެރެއަށް ދެމިގެން އައިސް ސައުދާގަރުގެ ކަންފަތްދޮށުގައި ބޮސްދެމުން ކިޔައިދިން އުފާވެރި ވާހަކަތަކާއި ދިންހާ އުފާވެރި ޚަބަރެވެ. ގެނެސްދިން މީރު ކެއިން ބުއިމެވެ.

އެ ބިންގަރާހުގެ އެކަނިވެރިކަމުގައި ސައުދާގަރު ފޫހިފިލުވައިދިނީ ކޮކާހަނދުވަރުގެ ތެރެއިން އުދުހެމުން އައި އަލިފާންކޮކާލެވެ. ރަންފެހިކުލައިގެ ރެނދަން ހަނދުވަރަކުން ބިންގަރާސް ދިއްލޭ ވަގުތު އޭނާގެ ހަތަރެސްފަޔާ ދިމާލަށް ޖަމާވަމުން ދިޔައީ މަސްލީ ބޮއްޔާއި ދިރޭ މުރަކައެވެ. ނުވަތަ އެއީ ޖަލުގެ ފާރަވެރިން އޭނާއާ ދިމާލަށް ހޫރާލާ ކުނިބުނީގެ ތެރެއިން ދެމެމުން ދިޔަ ފުޅަ ފަނިފަކުސައެވެ.

އެންމެފަހުން ބިންގަރާހުގައި އުފެދި ކެކިއަރަން ފެށީ މާމުއިގެ ކޯރެކެވެ. ނުވަތަ ޒަހަމުތަކުން ފޭބި ލޭގެ ކޯރެކެވެ. އަމިއްލަ މަޖަލުން އޭނާ އެކަހެރިކޮށް ދިރޭ އެ މާމުއިގެ ބާރުގައި ޖަހައިގެން ގޮސް ސައުދާގަރު ބިންގަރާސް ތެރެއިން ނަގައި އެއްލާލައިފިއެވެ. ހޭނެތި ޚަބަރު ހުސްވެފައި އޮތް ޒުވާނާއާ ދިމާލަށް ގަސްތަކާއި ރުއްތައް ތިރިވެ ތިބެ ކުދިގޮވަން ފަށައިފިއެވެ.

ޒުވާން ސައުދާގަރަށް ހޭލެވުނުއިރު ގަސްގަހާ ގެހި ޒުވާބުކުރަނީ އެވެ. ގަންނާކުރެއްވި ބިރާ އެކުގައި ދުއްވައިގަތުމުން ގޮސް ވެއްޓުނީ ރިހި ކުލައިން ދިއްލި ދަޅައަރުވަމުން ދިޔަ މޫދަކަށެވެ. ރަށު ތެރެއަށް އަރައިގެން ދުވަމުން ދިޔައިރު ގޯތިތަކުގެ މެދުގޯތިން ރިހި ފެންގަނޑުތައް ދިރޭ ރަހައިގެ ސިފައިގައި ދެމިގެން މަގުތަކަށް ނުކުންނަނީ އެވެ. ވަޅުތަކުން ފެންގަނޑުތައް ކެކިގެން އަރަނީ އެވެ. ކަރުތާފެނުގައި ނޭވާ ހާސްވަނީ އެވެ.

އެންމެފަހުން އެ ހުވަފެނުން ހޭނުލެވި އުޅެނިކޮށް އަނެއްކާވެސް ސައުދާގަރު ޚަބަރުހުސްވެގެން ރަށްމެދަށް ވެއްޓިއްޖެ އެވެ. އެއީ ހުވަފެނެއް ނޫނެވެ. އެއީ ހިޔަރަކާތްވިލޭރެއެކެވެ. ނަކަތުން ނަކަތް ފުރިހަމަވެ ބުރު ޖެހުނު ރެއެކެވެ.

އަރައިގެން އައިއިރާ އެކު ސައުދާގަރު ހޭލެއްވީ ރަތްދަކަ އަތްވެވެ. އެކަމަކު ބިންގަރާހުގެ ކުޑަ ގޮޅިއެއްގައި އޭނާ ބަންދުކުރި ނަވަރަންނަ މަހާރަދުންގެ ދުނިޔެއަކަށް ނޫނެވެ. ތަހުތުގެ ވެރިކަން ނިމުމަކަށް އައިސް ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން އިސްކޮށްފައިވާ މުރައްކަބުޖާހިލީ އައުލާދެއްގެ ދުނިޔެއަކަށެވެ. ނުވަތަ ޒުވާން ސައުދާގަރު ބެލި ހުވަފެނުން އަދިވެސް އޭނާ އަށް ނުހޭލެވެނީ އެވެ.

"މި ހުވަފެން މި އަޅާ ޖަހައިގެން މި ގެންދަނީ ކޮން ކަހަލަ ސުވަރުގެއަކަށް ހެއްޔެވެ؟"

އެ ސުވަރުގެ އަކީ މީސްނާމާ އެވެ. އެތަން އެންމެ ވައްތަރީ ރަސްގަނޑުވަރުގައި ސައުދާގަރު ކުތުބުދާރަކަށް އުޅުނު ކުތުބުހާނާއާ އެވެ. އެކަމަކު މި ދުނިޔެ އާއި އޭގެ ސިފަޔާ އެކުގައި އެތަން ވެސް ވަނީ ބަދަލުވެފައެވެ. ބަދަލުނުވެ ހުރީ ސައުދާގަރު އެކަންޏެވެ.

** ** **

ރަހަލީ ބިއްލޫރީގެ ލޯގަނޑެއް ކުރިމަތީގައި ހުއްޓި ގަބުއަރާފައި ހުރި ސައުދާގަރު ސިހުނީ އޭނާގެ ބޮލާއި ތުނބުޅި ކޮށައި ރީތިކޮށްދިން މީހާ އޭނާ އަށް ގޮވާލި އަޑަށެވެ. އެއީ އިހުތިރާމާއި އަދަބުވެރިކަމުގައިވީ މަޑުމައިތިރި އަޑެކެވެ. އަދި މައާފަށް އެދުނު އަޑެވެ. ސައުދާގަރަށް އެއީ ކާކުކަން ނޭނގުނަސް އެ މީހާ އަށް ސައުދާގަރު ވަރަށް ރަނގަޅަށް އެނގޭ ކަހަލަ އެވެ.

ބޯކޮށައި ނަލަވަގެން ސައުދާގަރު ބޭރަށް ނުކުމެ ހިނގައިގަތެވެ. ރަތްދަކަ އަވި އޭގެ ފިނިހޫނު އެއްވަރުކޮށް ހަމަކޮށް ރަށު ތެރެއަށް ފެތުރިގަތެވެ. މަގުމަތިން ފެންނަ އެންމެން ވެސް ގެންދިޔައީ އިހުތިރާމު އަދާކުރުމުގެ ގޮތުން ސައުދާގަރާ ދިމާލަށް ހުއްޓި ބޯޖަހައި ގުދުވެ ހިނިތުންވަމުންނެވެ. ހުވަފެނެއްހެން ހީވިޔަސް މިއީ މިހާރު ހުވަފެނެއް ނޫންކަން އޭނާ އަށް ޔަގީނެވެ. އަދި ކުރިން ފެނުނު ހުވަފެން ނުފެންނަތާ ވީ އަހަރެއް ބުނެދޭކަށް ނޭނގެއެވެ.

ނަމަވެސް މި ސައުދާގަރަކީ މުދައުވެރިއެކެވެ. އޭނާގެ ފެށުމާއި އަސްލު ކިޔައިދޭން ނޭނގުނަސް މި ރަށުގެ އަހުލުވެރިންނާ އެކު ދިރިއުޅެމުން ގެންދާތާ އެތައް އަހަރެއް ވެފައިވާ ދީލަތި މަދަދުގާރެކެވެ. އަދި އޭނާގެ އަމިއްލަ އަސްލާއި ނަސްލު ހޯދަން ކެތްމެދުވެފައިވާ މުސާފިރެކެވެ. މި ދިރާސާގައި އޭނާގެ އެންމެ މުހިންމު މަންޒިލަކީ މީސްނާމާ ކުތުބުޚާނާކަން ޝައްކެތް ވެސް ނެތެވެ.

އޮއްސޭއިރާ އެކު ސައުދާގަރު ކޮންމެ ދުވަހަކުވެސް ދަނީ މީސްނާމާ ކުތުބުހާނާ އަށެވެ. ޒުވާން ސައުދާގަރުގެ އެންމެ އުފާވެރި ހަނދާންތަކަށް އޭނާ ގެންގޮސްދޭ ހަމައެކަނި މާހައުލަކީ ވެސް މިއެވެ. ރަސްގަނޑުވަރުގެ ހަނދާންތައް ހީބިހީގެ ގޮތުގައި އަރުޝީފުކޮށްފައިވާ މައިދާނެވެ. ރަސްގަނޑުވަރެއް މިއަދު އެތަނުގައި ނެތަސް އެ ކުތުބުޚާނާ އެ ހުރީ އަދިވެސް އެ ބިމުގައެވެ. ނަމަވެސް މިއަދު މި ކުތުބުޚާނާގައި ހަމަ އެއްވެސް ފޮތެއް ނެތެވެ. އެތަން ފުރާލާފައި ވަނީ ހަނދާންތަކުންނެވެ.

ސަމޭދާން ބައްތީގެ އަލިކަމުގެ ތެރެއަށް ވަދެގެން ސައުދާގަރު މަޑުމަޑުން ހިނގަމުން ދިޔައިރު މީސްނާމާ ކުތުބުހާނާ ފުރާލާފައި އޮތީ އެކި ސިފަސިފައިގެ އެކި ވަރުވަރުގެ މީސްތަކުންނެވެ. ފޮތްތަކުގެ ބަދަލުގައި މި ކުތުބުޚާނާގައި ރައްކާކޮށްފައި ވަނީ އިންސާނުންނެވެ. މުޅި ތަން ފުރާލާފައި ވަނީ ވަރުވަރުގެ ބިއްލޫރި ފޮށިތަކުގައި ބަންދުކޮށްފައިވާ އެކި އުމުރުފުރައިގެ މީހުންނެވެ. މިއީ އެކި ޒަމާންތަކުން އެއްކޮށްފައިވާ ފުރާނަތަކެވެ.

ސައުދާގަރުގެ ހިތުގައި އަދިވެސް އޮތީ ފޮފަޅި މަރުޖާނުގެ އެދުމާއި ދަހިވެތިކަމެވެ. އޭނާގެ އަސްލަކީ އެއީކަން ޔަގީނެވެ. ބޮއްކުރާއެއްގައި ކުރި ދަތުރާއި ބިންގަރާހެއްގައި އެކަނިމާއެކަނި ހޭދަކުރި ދުވަސްތައް ހުވަފެނެއްގައި އަލުން ނުފެނުނަސް އޭނާގެ ހިތުގައި އޮތީ އެ ހަގީގަތް ހޯދުމުގެ ދަހިވެތިކަމެވެ. ހުވަފެނުގައި ސިފަނުވިޔަސް ސައުދާގަރު އަދިވެސް ބަލާ ސަމުގާ އަކީ މިއެވެ. އަދި ފޮފަޅީގެ މަރުޖާނަށް އޭނާ ގެންގޮސްދޭނެ ޗާޓު ފޮރުވިފައި ވަނީ މީސްނާމާ ކުތުބުޚާނާގެ ސިކުނޑިއެއްގެ ތެރޭގައިކަން އޭނާ އަށް މިހާރު ޔަގީނެވެ.

އާދައިގެ މަތިން ކުތުބުޚާނާ ތެރޭގައި އެނބުރެމުން ގޮސް ސައުދާގަރު އެންމެފަހުން އޭނާގެ ހޮވުން ހޮވައިފިއެވެ. ބިއްލޫރީގެ ފޮއްޓެއްގައި ބަންދުކޮށްފައި އޮތް ވަރަށް ރީތި އަންހެނެކެވެ. ކާކުކަން ނޭނގުނަސް ސައުދާގަރުގެ ހިތަށް އެ ހިތް އޮތްގޮތް އެނގޭ ކަހަލަ އެވެ.

ބިއްލޫރީގެ ފޮށިގަނޑުގައި އޮތް އަންހެން މީހާ ސައުދާގަރުގެ ގެއަށް ގެންގޮސްދިނީ މީސްނާމާ ކުތުބުޚާނާގެ ދެ އަޅުންނެވެ. ކިރިއްޔާގެ ގޮތުގައި ސައުދާގަރު މިފަހަރު ދިނީ އެހެން ހުރިހާ ފަހަރުތަކަށް ވުރެން ބޮޑު އަގެކެވެ. ބައިލައްކަ ރަން ބޮއްޔެވެ. ވާހަކަ ކިޔުއްވަން އޭނާ މިފަހަރު ކުއްޔަށް ނެގީ ރަންއަރުޝީފަށް ނިސްބަތްވާ ނަފުސެކެވެ.

ރޭގަނޑުގެ ފަރިއްކޮޅަށް ފަހު އެންމެފަހުން ވާހަކަ އަޑުއަހާ ވަގުތު އައިސް ޖެހުނީއެވެ. ބިއްލޫރި ފޮށީގެ މަތިގަނޑު ހުޅުވާލުމާ އެކު އެތެރޭގައި އޮތް އަންހެން މީހާ މަޑުމަޑުން ދެ ލޯ ހުޅުވާލިއެވެ. ސައުދާގަރު ގޮސް ޖައްސާލީ އޭނާގެ އަދަރާދަގޮޑީގައެވެ. އުށްބައްތީގެ ރަންއަލިން ދިއްލައި ޖަރީކޮށްލާފައި އޮތް މާހައުލުގެ ހުވަނދާއި ހޫނަށް ހޭލައި ނޭވާލަމުން ފޮށިގަނޑުގެ ތެރެއިން އެ އަންހެން މީހާ ނުކުމެއްޖެއެވެ. ވަށައިގެންވީ މާހައުލު ބަލައި ހޯދާލުމަށް ފަހު ސައުދާގަރާ ދިމާލަށް ހުއްޓި އިހުތިރާމުގެ ހިނިތުންވުމަކުން ހިނުތުންވެލިއެވެ. ދުފައި ރަތްކޮށްލައިގެން އިނދެ ގުޑުގުޑާއަކުން ދުން ބޮމުން ގެންދިޔަ ސައުދާގަރުގެ ލޮލުގައި އަޅައިގަތީ ކަސަބުން ބޯވަޅުއެޅި ލިބާހެއްގައި ހުރި އެ އަންހެން މީހާގެ ދެ ފައިގައިވީ ތަކަހޮޅި އެވެ. ރަންކުލައިގެ މުތުން ޖަރީކޮށްފައިވާ އެ ތަކަހޮޅިން މާ ކުރީގެ ހަނދާންތަކަކަށް ދަޅައަޅުވަމުންދާތީ އެވެ.

"އަޅުގަނޑުގެ ނަމަކީ ހައްވާބޫއްޔާ އެވެ. އަޅުގަނޑަކީ ލޯފަން އަންހެނަކީމެވެ،" ވަރަށް މަޑުމައިތިރިކަމާ އެކުގައި އަންހެން މީހާ ތައާރަފްވެލި އެވެ.

އަނެއްކާވެސް ހިނިތުންވެލިއެވެ. މިފަހަރު އެއީ ލަދުރަކި ހިނިތުންވުމެކެވެ.

ސައުދާގަރު އިނީ އޭނާގެ އަދަރާދަގޮނޑީގައި އިންގޮތަށެވެ. ބޮމުން ބޭރުކުރަމުން ގެންދިޔަ ދުންތަކާ އެކު ކޮޓަރިކޮޅުގެ އެ މާހައުލު އޮތީ ފުސްކޮށްލައިފައެވެ.

ހައްވާބޫއްޔާ ކިޔައިދިން ވާހަކައިގައި އުޅެނީ މަސްވެރި ދެމަފިރިންނާއި އެމީހުންގެ ހަސަދަވެރި އަވައްޓެރިއެކެވެ. އެއް ރެއެއްގެ ދަންވަރު އެ ދެމަފިރިންނަށް ހޭލެވެނީ ގޯތި ތެރެއިން މީހަކު ތުނބުންފުމޭ އަޑަށެވެ. ހައްވާބޫއްޔާގެ ފިރިކަލޭގެ އިއްތަފޫ ދުވެފައި ގޮސް ބަދިގެ އަށް ވަދެ މަސްވަޅިއެއް ނަގައި އަތަށް ހެޔޮވަރުކޮށްގަތެވެ. އޭރު މެންދަމުން އަނބުރާ ތިނެއް ޖަހަނީ އެވެ.

ތުނބުން ފުމޭ އަޑެއް އަންނަނީ ގިފިލި ތެރެއިންކަން ޔަގީންވުމުން އިއްތަފޫ އެދިމާލަށް ދިޔައީ ހުސިޔާރުވެ ހުރެގެންނެވެ. ތޮށަލީގެ ދޮރުފަތް މަޑުމަޑުން ހުޅުވާލުމާ އެކު އިއްތަފޫގެ ލޮލުގައި އަޅައިގަތީ ބޮކިޖަހާފައި އުތުރިއަރަމުން ގެންދިޔަ ގިފިލީގެ ވަޅުގެ ފެންގަނޑެވެ. އެ ފެންގަނޑު އޮތީ ރެނދަންލައި ދިއްލައިފައެވެ. އަދި ވަޅުތެރެއިން ބޯދިއްކޮށް ތުނބުން ފުމެމުން ގެންދިޔައީ ފިޔާތޮށިކުލައިގެ ކޯމަހެކެވެ.

ހައްވާބޫއްޔާގެ ވާހަކަ މިހިސާބަށް ދިޔަތަނުން އެ ވާހަކައިގައި ދެން ވާނޭ ގޮތް ސައުދާގަރަށް ވަގުތުން އެނގިއްޖެއެވެ. އަދި މީސްނާމާ ކުތުބުޚާނުން މިފަހަރު ކުއްޔަށް ނަގައިގެން ގެނައި އަންހެން މީހާ އަކީ އެމީހަކު ހޯދަން އޭނާގެ އުމުރު ދުވަސް ހޭދަކުރި މީހާކަން ޔަގީންވެ ކަށަވަރުވެއްޖެއެވެ. އަދި މިއީ ކޮންމެ ރެއަކު ވެސް އޭނާ ކުތުބުޚާނާއިން ކުއްޔަށް ގެންނަ ވާހަކަ ކިޔައިދޭ މީހާ ކަމާއި ކޮންމެ ރެއަކު ވެސް އޭނާ ކިޔައިދެނީ އެއް ވާހަކައެއްކަން އިސާހިތަކު ފަހުމުވެ އިހުސާސުވެގަތެވެ.

ގައިން ނަގައިގަތް ހީބިއްސާއެކު ސައުދާގަރު ފުމެލީ ޖެހިގެން ހުރި ކުޑަ މޭޒު މަތީގައި ބަހައްޓާފައި ހުރި އުށްބައްތިއަށެވެ. އެއާއެކު އެ މާހައުލުގައިވީ ހުރިހާ އެއްޗެއް މަޑުމަޑުން ވިއްސިވިހާލިވެ ދިރޭ ދުންގަނޑަކަށް ބަދަލުވެއްޖެއެވެ. ހައްވާބޫއްޔާ ވެސް ހާވިޔާވެ ކުދިކުދި އެތިކޮޅުތަކަށް ބަދަލުވެ ކުނޑިތަކެއްގެ ގޮތުގައި މުޅި އެ މާހައުލު ތެރޭގައި އެނބުރިގަތެވެ. ދެން ހީވީ ބޮއްކުރާއެއްގައި ވަނިކޮށް ނަގޫރޯޅިއެއް އައިސް ސައުދާގަރު ޖަހައިގެން ގެންދިޔަ ރުޅިގަދަ ރޯޅި އަލުން ލޯ މައްޗަށް ސިފަވިހެންނެވެ.

އަނދަރާދަގޮނޑީގެ ތެރެއަށް ވިރިގެން ފޭބިގޮތަށް ސައުދާގަރު ވެއްޓެމުން ދިޔައީ ހުސްކަމެއްގެ ތެރެއަށެވެ. ހޭވެރިކަންވީއިރު އޭނާ އޮތީ ބިންގަރާހެއްގެ ފުލުގައެވެ.

މި ސައުދާގަރަކީ މުދައުވެރިއެއް ނޫނެވެ. ސައުދާގަރަކީ ހަސަދަވެރި އަވައްޓެރިއެކެވެ. އެކަނިވެރިއެކެވެ. ކުލަފަތިކަމެއް ނެތް ދަހިވެތި ހިތަކާއިގެން ހަވާނަފުސުގެ އަސާގަނޑެއްގައި ދަތުރުކުރަމުން ދިޔަ މުސާފިރެކެވެ. ހައްވާބޫއްޔާގެ ދެމަފިރިންނަށް މާތްރަސްކަލާނގެ މިންވަރުކުރެއްވި ނަސީބާއި ހަޒާނާ އެމީހުންގެ އަތުން ޖަހައިގަތް މުރައްކަބުޖާހިލެވެ. އެމީހުންގެ ގާތިލެވެ.

ބިންގަރާހުގެ ޖަލުން ސައުދާގަރު މިނިވަންވީ އޭގެ ބައި ގަރުނު ފަހުންނެވެ. އެއީ އަނެއްކާވެސް ހިޔަރަކާތްވިލޭރެއެކެވެ. ތަހުތުގެ ވެރިކަން ނިމިއްޖެއެވެ. ގަސްތަކާއި ރުއްތައް ބިމަށް ތިރިވެ ތިބެ ގަނޑުވަރުގެ ދެބައޮޑުވަނީ އެވެ. ވަޅުތައް ފުރިގެން އުތުރިއަރަނީ އެވެ. ރަށު އެންމެން ސަޖިދައަށް ތިރިވަނީ އެވެ. ފިޔާތޮށިކުލައިގެ ކޯމަހެއް ތުނބުން ފުމެ ވަޖިދުއަރުވަނީ އެވެ.

ސައުދާގަރުގެ ހުވަފެން އަލުން ފެށުނީ އެވެ. އެކަމަކު ސައުދާގަރަކީ މުދައުވެރިއެއް ނޫނެވެ. މަސްވެރި ދެމަފިރިންގެ އަތުން ފޭރިގަތް މަރުޖާނު މުތްތަކަށް ވެސް ވީގޮތެއް ނޭނގެއެވެ.

"މިވަގުތަކީ ހުވަފެނެއް ނޫނެވެ،" ތުނބުން ފުމެމުން ބުރު އަޅަމުން އައި ފިޔާތޮށިކުލައިގެ ކޯމަސް ޗަކަޗަކަލާފައި ހީގަތެވެ.

10 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 36%
icon wow icon wow 21%
icon inlove icon inlove 21%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދދ

19 August 2024

ކަމަކު ނުދޭ

The name is already taken The name is available. Register?

މަހާރަދުން

18 August 2024

މަހާރަދުން ބުނެލަން އޮތީ މިޒަމާނަށް ތަ ވާހަކަ ވަނީ ހިކި ފޮޅި އަށޭ ..އަމުދަކުން މިހާރުގެ ކޫދުންނަށް ތި ބަސް މަގު ފަހުމެއް ނުވެޔޭ...އެކަމު ތޮއްޑޫ އޮއްޓަރު ކަރާ ކަހަލަ ބޭހުޅުންނަށް ވަރަށް ބަސް މަގު ރިވެތި ވާނެ ކަމަށް ހީކުރަމެވެ.

The name is already taken The name is available. Register?

ޓިކް

18 August 2024

ކޮބާ ވާހަކަ ދިހައެއް….އޭގެ އެެއްވެސް އަޕްޑޭޓެއް ނެއްތަ

The name is already taken The name is available. Register?

އެދުރުބެގެ 10

18 August 2024

އެވާހަކަ ދެން އަންނާނެކަމަކަށެއް ނުފެނޭ. މާ ނުރައްކާ ވާހަކައަކަށްވީ

The name is already taken The name is available. Register?

ނނނނނނނނނ

20 August 2024

ހާދަ ރީތި ވާހަކައެކޭ ސިލްސިލާ 10 އެއް. އިންތިޒާރު ކުރާތާ ފަސްއަހަރު ވަނީ

The name is already taken The name is available. Register?

އައިސް

17 August 2024

ހަމަ އެދުރުގެ ހިތް ޖަހަިގަންނަ ޢިބާރާތް ކުރުން! ހީވީ ދިހައެއްގެ ސިލްސިލާގެ ބޮޅެއްގެ ތެރެއަށް ވަދެވެން އުޅުނުހެން

The name is already taken The name is available. Register?

ޙަސަނާހާ

17 August 2024

ބޮޑު ހާސަރެއް

The name is already taken The name is available. Register?

އަރާމަގު ދޮންކަމަނަ

17 August 2024

ވަރަށް ބޯ ގާނައިފިން އެކަމު މި ވާހަކަ ރަގަޅަށް ފަހުމު ވާ ގޮތެއް ނުވި.. ވާހަކައިގެ ފުނަށް ފަސް ހަ ފަހަރު ފީނައިގެން ވާހަކަ ލިޔުންތެރިޔާގެ ބަޑުގަ އޮތް ފިޔާތޮށި ކުލައިގެ ކޯމަސް ކައިރިން ވާހަކަ ތަފްސީލުކޮށް ޝަރަހަކޮށްދޭން އެދެން ޖެހޭނީ.. ވާހަކަ ތަފާތުވެފަ ރީތި.. މަރުޖާނުގެ މާނަ ކޮންމެވެސް ކުއްޖެއް ބުނެދީބަލަ ކަމަނައަށް..

The name is already taken The name is available. Register?

ދޮހޮއްކޮބޭ

17 August 2024

ޒަރު ޖަވާހިރުގެ މަރުޖާނު ދިއްލާރިރޭ އަރުޒަލިލްއުމުރު ދިރިގެން ޝަބާބުގެއައޭ

The name is already taken The name is available. Register?

އަރާމަގު ދޮންކަމަނަ

18 August 2024

ކީކޭ ދޮހޮއްކޮބޭ.. މިހާރު އެ ދިޔައީ ބޯ މަތިން.. ތިކަހަލަ ކަންތައް ނުކުރޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454