އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އެމެރިކާގެ ބޮސްޓަންގައި މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
07 އޯގަސްޓް 2024 - 06:46
ޖަރުމަނުގެ ބާލިންގައި ކުރި މުޒާހަރާއެއްގައި "ފްރޮމް ރިވަ ޓު ދަ ސީ، ފަލަސްތީން ވިލް ބީ ފްރީ" ސްލޯގަން ބޭނުންކުރި އަންހެނަކު 600 ޔޫރޯ (655 ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.
އުމުރުން 22 އަހަރުގެ އަވާ އެމް. ޖޫރިމަނާކުރި މައްސަލައިގައި އޭނާގެ ވަކީލް ވިދާޅުވީ މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަނދިރި ދުވަހެއް ކަމަށެވެ.
ކޯޓުގެ ތަރުޖަމާނަކު އޭއެފްޕީއަށް ވިދާޅުވީ އަވާ ޖޫރިމަނާކުރަން ހުކުމްކުރީ އޮކްޓޫބަރު މަހު 11 ވަނަ ދުވަހު ބާލިންގެ ޑިސްޓްރިކްޓެއްގައި ބޭއްވި، މަނާކޮށްފައިވާ މުޒާހަރާއެއްގައި ބައިވެރިވެ ބޭނުންކުރި ޝިއާރުގެ ސަބަބުން ކަމަށެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ސްލޯގަން ބޭނުންކޮށްގެން މުޒާހަރާކުރީ ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާ ދިންތާ މާ ގިނަ ދުވަހެއް ނުވެ ކަމަށާއި އެހެންވެ އިޒްރޭލަކީ އޮވެގެން ވާނެ ތަނެއް ނޫން ކަމަށާއި ހަމާސްގެ ހަމަލާއަށް ތާއީދުކުރާކަން ހާމަވުން ނޫން މާނައެއް އެ ސްލޯގަން އިން ނުނެގޭ ކަމަށެވެ.
"ފްރޮމް ރިވަ ޓު ދަ ސީ، ފަލަސްތީން ވިލް ބީ ފްރީ" އަކީ އިޒްރޭލު ނައްތާލުމަށް ގޮވާލުން ކަމަށް އެއްބަޔަކު މާނަކުރާއިރު އަނެއް ބަޔަކު ބުނަނީ އެއީ އިޒްރޭލާއި ފަލަސްތީނަށް ވެސް ހަމަހަމަ ގޮތެއްގައި ހައްގުތައް ދިނުމަށް ގޮވާލުން ކަމަށެވެ.
މި އިބާރާތް ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ނެންސީ ފޭޒާ މިދިޔަ ނޮވެމްބަރު މަހު ވަނީ މަނާކުރައްވައިފަ އެވެ. އެއީ ހަމާސްގެ ހަރަކާތްތައް ޖަރުމަނުގައި ހުއްޓުވުމުގެ ނަމުގައި ކުރި ކަމެކެވެ.
މިގޮތަށް ނިންމާފައި އޮތަސް ޖަރުމަނުގެ އެކި ސަރަހައްދުތަކުގެ ކޯޓުތަކުން، މި އިބާރާތް މަނާކުރުމުގެ ގާނޫނީ ހައިސިއްޔަތާ މެދު ދެކެނީ އެކި ގޮތަށެވެ. ގިނަ ކޯޓުތަކުން ބުނެފައިވަނީ އެ އިބާރާތް މަނާކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފު ކޮބާ
07 August 2024
އިޒްރޭލު މީހުން އެ ޝިޢާރު ބޭނުންކުރިއަސް އެބައިމީހުންނަށް މައްސަލައަކަށް ނުވޭ