އެމްއައިބީގެ ހެޑް އޮފީސް: ލިވިން އެކްސްޕޯގައި އެ ބޭންކުގެ ސްޓޯލް ހާއްސަކުރަނީ ހައުސިން ފައިނޭންސިންއަށް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
07 އޯގަސްޓް 2024 - 12:14
މާދަމާ ފަށާ ލިވިން އެކްސްޕޯގައި އެމްއައިބީގެ ސްޓޯލް ހާއްސަކުރާނީ ހައުސިން ފައިނޭންސިންއަށް ކަމަށް އެ ބެންކުން ބުނެފި އެވެ.
ބުރާސްފަތި ދުވަހުން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނަ މި އެކްސްޕޯގައި، ގެދޮރު ގަތުމަށާއި ގެދޮރު އަޅަން ޝައުގުވެރިވާ މީހުންނަށް އެމްއައިބީން ދޫކުރާ ހައުސިން ފައިނޭންސިން ފެސިލިޓީއާ ގުޅޭ މައުލޫމާތުތައް ދޭނެ އެވެ. އަދި ހައުސިން ފައިނޭންސިންއަށް ހުށަހަޅަން ޖެހޭ ލިއުންތަކާއި ހުށަހަޅާނެ ގޮތުގެ މައުލޫމާތު ވެސް ލިބޭނެ އެވެ.
އެމްއައިބީން ބުނި ގޮތުގައި އެ ބެންކަކީ މާކެޓުގައި މިހާރު އެންމެ އަގުހެޔޮކޮށް ހައުސިން ފައިނޭންސް ދޭ އެއް ބޭންކެވެ.
އެ ބޭންކުން ބުނި ގޮތުގައި 9 ޕަސެންޓާއި 11 ޕަސެންޓާ ދެމެދުގެ ރޭޓުގައި އެ ބެންކުގެ ފެސިލިޓީ މެދުވެރިކޮށް ފްލެޓް ގަނެވޭނެ އެވެ. އަދި އެ ރޭޓަކީ މާކެޓުގެ އެންމެ ރަނގަޅު އެއް ރޭޓު ކަމަށާއި ހައުސިންގެ ގިނަ ޕްރޮޖެކްޓުތަކެއް ހުޅުމާލޭގައި މިހާރު ވެސް ކުރިއަށް ދާއިރު މީގެ ގިނަ ޕްރޮޖެކްޓުތަކަކީ އެމްއައިބީން ފައިނޭންސިން ފޯރުކޮށްދޭ ޕްރޮޖެކްޓްތަކެކެވެ.
ޕޮރޮޖެކްޓްތަކަށް ފައިނޭންސް ކޮށްދިނުމުގައި ޕްރޮޖެކްޓު ހިންގާ ކުންފުނީގެ މާލީ ގާބިލްކަމަށް ބެލުމުގެ އިތުރަށް ދިވެހި ކުންފުނިތަކުގެ ޕްރޮޖެކްޓުތަކަށް އިސްކަންދޭ ކަމަށް އެ ބެންކުން ބުނެ އެވެ.
އެމްއައިބީން ބުނި ގޮތުގައި މިފަދަ އެކި ކަންތައްތައްތަކަށް ބެލުމަށް ފަހު, އެ ބެންކުން ޕްރޮޖެކްޓުތައް ކުރިއަށް ގެންދާތީ އާއްމުންގެ އިތުބާރު ވެސް އެމްއައިބީން އެޕްރޫވްކުރާ ޕްރޮޖެކްޓުތަކަށް ލިބިފައިވާ ކަމަށެވެ.
ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބޭ އެ ބޭންކުގެ ފައިނޭންސިން ހޯދުމަށް ވެސް އޮންލައިންކޮށް ހުށަހެޅޭނެ އެވެ.
އެމްއައިބީއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ގިނަ ކަސްޓަމަރުނން ތިބި, ހަލުވިކޮށް ކުރިއަރަމުން އަންނަ ބޭންކެކެވެ. ނިމިދިޔަ ކުއާޓަރުގައި އެ ބޭންކު ވަނީ އޭގެ ކުރީ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު 97 ޕަސެންޓު ކުރިއަރައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy