ޕްރައިވެޓައިޒޭޝަން ބޯޑުގެ އޮފީސް ހުންނަ، ފިނޭންސް މިނިސްޓްރީގެ އިމާރާތް ކައިރިން މީހަކު ހިނގާފައި ދަނީ: އެ ބޯޑުން ވަނީ 10 ކުންފުންޏެއްގެ ބޯޑުން މެންބަރުންތަކެއް ވަކިކޮށްފައި. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
11 އޯގަސްޓް 2024 - 18:04
ސަރުކާރު ހިއްސާވާ 10 ކުންފުންޏެއްގެ ބޯޑު ގިނަ އަދަދެއްގެ މެންބަރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަކިކޮށްފި އެވެ.
ޕީސީބީން އާންމުކުރި މައުލޫމާތުގައިވާ ގޮތުގައި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑުން ދެ މެންބަރަކު ވަނީ ވަކިކޮށްފަ އެވެ. އެއީ މުހައްމަދު ރަޝީދާއި ހާމިދު ސޯދިގެވެ. އަދި އެ ކުންފުނީގެ ބޯޑަށް ޒިދުނާ އިބްރާހިމް ވަނީ އައްޔަންކޮށްފައިވެ އެވެ.
މޯލްޑިވްސް ޕޯސްޓްގެ ޗެއާޕާސަން މުހައްމަދު އަބްދުﷲ ވެސް ވަނީ ވަކިކޮށްފަ އެވެ. އަދި ބޯޑު މެންބަރު މުހައްމަދު ނާޝިދު ވަކިކޮށް، ހައްވާ ސަފްނާ ވަނީ އައްޔަންކޮށްފަ އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ތިން މެންބަރަކު ވެސް ވަކިކޮށްފައިވެ އެވެ. އެއީ، ހުސެއިން މުހައްމަދު ދީދީ އާއި ޝާތިފް އަލީ އަދި ޝަޒުރާ ޝާކިރެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ ބޯޑު ދެ މެންބަރުން ކަމަށްވާ ލަމްޔާ އިބްރާހިމާއި އަހުމަދު އިފްތިހާރު ވެސް ވަނީ ވަކިކޮށްފަ އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމުން ނަޖީލް އަހުމަދު ވެސް ވަނީ ވަކިކޮށްފަ އެެވެ.
ޕޮލިސް ވެލްފެއާ ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމުން އަލީ ނަޒީރު ވަކިކޮށްފައިވާއިރު އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑުން ޝުހުދާ އިބްރާހިމް ވެސް ވަނީ ވަކިކޮށްފަ އެވެ. އަދި ޓްރޭޑް ނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން ނާހިޔާ މުހައްމަދު ވެސް ވަނީ ވަކިކޮށްފަ އެވެ.
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން ތިން މެންބަރަކު ވަކިކޮށްފައިވެ އެވެ. އެއީ އަލީ ނަބީލާއި މުސްތަފާ މުހައްމަދު އަދި އަލީ އިކްރާމެވެ.
މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޗެއާޕާސަން އަހުމަދު ޝަހީރާއި ބޯޑު މެންބަރު އިބްރާހިމް ނާއިފާއި އަހުމަދު އީހާބު ވެސް މަގާމުން ވަކިކޮށްފައިވާކަން ޕީސީބީއިން ވަނީ އިއުލާނުކޮށްފަ އެވެ.
ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން މި މެންބަރުން ވަކިކުރި ސަބަބެއް ޕީސީބީއަކުން ނުބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
12 August 2024
އެއްދުވަހު ވަޒީފާދީފަ އެކަމުގެ އުފަލުގައި އާއިލާއަށް ސައިފޮދެއްވެސް ނުދެވި އުޅެނިކޮން ދެން ފެންނާނީ ވަކިކޮށްފައި އޮއްވާ ދެއްތޯ ސަހާދެއް މަޖާކަމެއްމީ
އިންސާފުު
13 August 2024
ބޯޑު މެމްބަރުން ތިބެނީ ގޭގަ އަރާމުގަ ސަިފޮދު ބޮއެލަ ބޮއެލާ. ބުރަ މަސައްކަތް ކުރާ މުވައްޒަފުން ހޯދާ މުސާރައިގެ 3 ގުނަ ހޯދައިގެން.
މިދުހަތު
12 August 2024
އަދިވެސް ރަނގަޅަށް ބަލާފަ ޒިންމާދާރު ނޫން މީހުން ވަކިކުރަންވީ. މި މަގާމުތަކުގަ ތިބެން ޖެހޭނީ ޒިންމާދާރު މީހުން. ސަރުކާރުން މި އަޅާ ފިޔަވަޅުތައް ވަރަށް ރަނގަޅު.
ހާލިދުު
12 August 2024
އަހަރެމެން ރައްޔިތުންގެ ބޭނުންތަކަށް އެހީވާން މަގާމުތަކަށް ނަގާ މީހުން ވަޒީފާ ލިބޭ އިރަށް ބޮޑާވެ ގެއްލޭތަން ފެންނަނީ. ހިދުމަތްކޮށްދިނުމުގެ ފެންވަރުހުރި ގާބިލް ބޭފުޅުން ތި މަގާމުތަކަށް އައްޔަންކުރުން އެއީ ވަރަށް މުހިންމު ކަމެއް.
ތައްޔިބު
12 August 2024
ވަޒީފާއެއް ލިބުނީމަ އޭގެ ނާޖައިޒް ފައިދާ ނަގާ މީހުން ގިނަ ތަންތާގަ ތިބެނީ. އެކަހަލަ މީހުން ވަކިކޮށް ޒިންމާދާރުބައެއް އެ މަގާމުގަކަށް ނަގަން ޖެހޭ.
މާއިން ލުތްފީ
12 August 2024
މި ބޮޑެތި މަގާމުތަކުގައި ތިބެގެން އަހަރެމެން ރައްޔިތުންނަށާއި މި ގައުމަށް މި މީހުން ކޮއްދޭ ކަމެއް ނުފެނޭ. ރައްޔިތުންނަށް އަހައްމިއްޔަތުކަން ދީ މި ގައުމުގެ ތަރައްގީއަށް ވިސްނާ މީހުން މި މަގާމުތަކަށް އައްޔަންކުރަން ޖެހެނީ.
ޒަމީރު އަލީ
12 August 2024
ރައްޔިތުންނާ ގައުމަށް ހިދުމަތްކޮށްދޭން ތިބި މީހުން މި މަގާމުތަކަށް އައްޔަން ކުރަންވީ. ނަމެއްގައި ތިބޭ މީހުން ވަކިކޮއްލުން ރަނގަޅު.
ގާދިރު
11 August 2024
މަގާމުތަކަށް އައްޔަންކުރައްވާއިރު ބަލަން ޖެހޭ އެ މަސައްކަތްތަކާ ގަޔާވެގެން ކުރާނެ ބައެއް އައްޔަންކުރެވޭތޯ. އައްޔަން ކޮއްފަ މަސައްކަތް ނުވަންޔާ އެޔަށްވުރެ އެކަށީގެންވާ މީހުން އެ މަގާމުތަކަށް ހޮވަންވީ
އަހްމަދު ޒިޔާދު
11 August 2024
މި މަގާމްތަކަށް އައްޔަންކުރަންވާނީ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެވޭނެ ވަރުގެ ފެންވަރުގެ މީހުން. ބޭނުންވާ ވަރަށް މަސައްކަތް ނުކުރެވޭބަެއް ވިއްޔާ ވަކިކުރަންވީ.
މާނިއު ލުތްފީ
11 August 2024
ތަންތަނަށް އައްޔަން ކުރެވިފަތިބެންވާނީ މަސައްކަތްކުރަން ތައްޔާރަށް ތިބި ޔަގީންކަމާއެކު ތަފާތު ދައްކާނެ މުވައްޒަފުން. އެކަށީގެންވާ ޕާފޯމެންސް ނުދެއްކެންޔާ ވަކިކޮއްލާފަ ތަޖުރިބާހުރި ބައެއް އައްޔަން ކުރަންވީ.
ހާނިމް ސައީދް
11 August 2024
ބޭކާރު ގޮތުގައި ތަންތަނަށް ލާފައި ތިބުމުގެ އެއްވެސް ބޭނުމެއް ނެތް. ކުރާ މަސައްކަތްތައް އަމަލުން ނުދެއްކެންޔާ ކަނޑާލަންވީ ވަގުތުން.