މަޖިލީހުގެ ރައީސް އަބްދުއްރަހީމް: މަޖިލީހުގެ ދައުރު އިތުރު ދެ ހަފުތާއަށް ދަންމާލަން ވަނީ ފާސްކޮށްފައި --- ފޮޓޯ/މަޖިލިސް
13 އޯގަސްޓް 2024 - 13:42
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުން ދެ ހަފްތާއަށް ފަސްކޮށް، ހިނގަމުންދާ ދައުރު ދަންމާލަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވާއިދު މިހާރު އޮތްގޮތުން މި ދައުރުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށެވެ. އޭގެފަހުން މަޖިލިސް ޗުއްޓީގައި އޮތުމަށްފަހު ފަށާނީ އޮކްޓޫބަރު މަހު އެވެ.
ނަމަވެސް މިވަގުތު މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ހުރި ކަމަށާއި އެހެންކަމުން މި މަހު 26 ވަނަ ދުވަހާ ހަމައަށް ދައުރުގެ މުއްދަތު އިތުރުކުރަން ގަސްދު ކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މިއަދު ނެގި ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ އިއްތިފާގުން ވަނީ ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ގިނަ ބިލުތަކެއް ފޮނުވާފައިވާއިރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ދަރަނީގެ ބިލާއި ފިސްކަލް ޒިންމާގެ ބިލް ހިމެނެ އެވެ. އޭގެ އިތުރުން މިއަދު ފޮރިން އިންވެސްޓްމަންޓާ ގުޅޭ ބިލެއް ވެސް މަޖިލީހަށް ވަނީ ތައާރަފް ކޮށްފަ އެވެ.
އޭގެ އިތުރުން މަޖިލީހަށް މިއަދު ވަނީ ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަކިކުރަން ހުށަހަޅައި އެ މަސައްކަތް ވެސް ކުރިޔަށް ގެންދަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުނާރު
13 August 2024
ރަނގަޅު ، ޕީޖީ ވަކިކޮށްފައި ޗުއްޓީ އަށް ދިއުން މަގުސަދަކީ!
ސުންބުލް
13 August 2024
މިދުވަސްކޮޅު ޗުއްޓީއަށް ދިއުން ރަނގަޅެއްނޫން. ވިއްސާރަ އަލިވަންދެން މަޑުކޮށްލުން ބުއްދިވެރި. ރައްކާވެ ތިބިއްޔާ ދަތުރު.
ކުރި
13 August 2024
އެބޭފުޅުން ވަރުބަލި ފުޅު ނުވާނެ ތޯ؟ އަޅުގަނޑު އެކަމާ ވިސްނާ ވިސްނާ ލޮލުފިޔައެއް ނުޖެހޭތާ މިޔަދަށް ހަދުވަސް