ބަންގްލާދޭޝްގެ ވެރިކަން ވައްޓާލި މުޒާހަރާގައި މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ: މަރުގެ މައްސަލައިގައި ބޮޑުވަޒީރު ޝައިޚް ހަސީނާގެ މައްސަލަ ތަހުގީގުކުރަން ކޯޓުން ވަނީ އަމުރުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
14 އޯގަސްޓް 2024 - 07:33
ބަންގްލާދޭޝްގައި މިދިޔަ މަހު މުޒާހަރާކުރި މީހުންގެ ތެރެއިން އެކެއްގެ މަރުގެ މައްސަލައިގައި މީހަކު ކޯޓަށް މައްސަލަ ހުށަހެޅުމުން ފުލުހުން އެ މައްސަލަ ބަލައިގަނެ ތަހުގީގުކުރަން ކޯޓުން އަމުރުކޮށްފި އެވެ.
މުޒާހަރާތައް ހޫނުވުމުން އިސްތިއުފާ ދެއްވި އުމުރުން 76 އަހަރުގެ ހަސީނާ އާއި އިތުރު ހަ އޮފިޝަލަކަށް ރައްދުވާ ގޮތަށް މި މައްސަލަ ހުށަހެޅީ އަމިއްލަ ފަރުދަކު ކަމަށް އެ މައްސަލައިގައި ކޯޓަށް ވަޑައިގެންނެވި ވަކީލެއް ކަމަށްވާ މައުމޫން މިއާ އޭއެފްޕީއަށް ވިދާޅުވި އެވެ.
އެ މައްސަލައިގައި ބުނެފައިވަނީ އެ މީހާ މަރާލީ ފުލުހުން ކަމަށެވެ.
މަސް ދުވަހަށް ވުރެ ގިނަ ދުވަސްވީ މުޒާހަރާތަކުގައި އުފެދުނު ކުރިމަތިލުންތަކުގައި 450 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް، ފުލުހުންނާއި ހޮސްޕިޓަލްތަކުން ހާމަކޮށްފައިވާ މައުލޫމާތުން އެނގެ އެވެ.
ވަކީލް ވިދާޅުވީ ގަސްތުގައި މީހަކު މަރާލުމުގެ މި މައްސަލާގައި ޑާކާ މެޓްރޮޕޮލިޓަން ކޯޓުން މިހާރު ވަނީ ހަސީނާ އާއި އިތުރު ހަ އޮފިޝަލެއްގެ މައްޗަށް ތަހުގީގު ހިންގުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ. މިއީ ބަންގްލާދޭޝްގެ ގާނޫނުތަކުގެ ދަށުން ޖިނާއީ މައްސަލައެއް ތަހުގީގުކުރަން ފެށުމުގެ މަރުހަލާ ފެށޭ ހިސާބެވެ.
މި މައްސަލައިގައި ހަސީނާގެ ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން އާއި ހަސީނާގެ އަވާމީ ލީގު ޕާޓީގެ ޖެނެރަލް ސެކްރެޓަރީ އުބައިދުލް ގާދިރު ވެސް ހިމެނެ އެވެ. އޭގެ އިތުރުން ހަސީނާގެ ސަރުކާރުން އައްޔަންކުރި ފުލުހުންގެ އިސް ހަތަރު އޮފިސަރަކު ވެސް ހިމެނެ އެވެ.
މި މައްސަލާގައި ތުހުމަތުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު، ހަރުކަށިކަމާ އެކު މުޒާހަރާތައް ރޫޅާލުމުގެ ތެރޭގައި ފިހާރައެއްގެ ސޭޓަކު މަރާލާފައިވާ ކަމަށާއި އެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ އެ ހަތް ބޭފުޅުން ކަމަށެވެ.
މުޒާހަރާގައި މީހުން މެރުމުގެ އިތުރުން ހަސީނާގެ ވެރިކަމާ ދެކޮޅަށް އުޅުނު އެތައް ބަޔަކު އަނިޔާވެރިކަމާ އެކު މެރި ކަމުގެ ބޮޑެތި ތުހުމަތުތައް ހަސީނާގެ ސަރުކާރަށް ކުރެވެ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy