މާލޭގެ މަގެއްގައި މިއަދު ފެންބޮޑުވެފައި: ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ބައެއް ގެތަކުން މީހުން ބަދަލުކުރަން ވެސް ޖެހުނު. -- ފޮޓޯ | މިހާރު
13 އޯގަސްޓް 2024 - 20:44
ވިއްސާރައިގައި މާލޭގެ 183 ގެއަކަށް ފެން ވަދެ، އޭގެތެރެއިން ދިރިނޫޅެވޭވަރުވި ތިން ގެއަކުން މީހުން ބަދަލުކުރުމުގެ މަސައްކަތް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ފަށައިފި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ސީއީއޯ ހިސާން ހަސަން "މިހާރު" އަށް ވިދާޅުވީ މިހާތަނަށް ހެދި އެސެސްމަންޓުން އެނގިފައިވާ ގޮތުގައި މާލޭގެ ތިން ގެއެއްގައި ދިރިނޫޅެވޭ ވަރަށް ފެން ބޮޑުވެފައިވާ ކަމަށެވެ. އެ ގެތަކުން 16 މީހަކު ބަދަލު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެތަން ސާފުކޮށް ނިމެންދެން، އެ މީހުން ބޭނުން ނަމަ ތަންތަނަށް ބަދަލުވުމަށް ބޭނުންވާ ފައިސާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް އަސަރުކުރީ، އާއްމުކޮށް ފެންބޮޑުވާ މާފަންނު ސަރަހައްދުތަކުގެ ގެތަކަކަށެވެ. އެއީ މީގެ ކުރިން ވެސް ފެން ބޮޑުވުމުން ގެއްލުންވާ ގެތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ބައެއް ގެތަކުގައި ކައިބޮއެ ނުހެދޭ ވަރަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަން ވެސް މޮނިޓާ ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ހއ. ބާރަށުން ދެ އާއިލާއަކާއި ހޯރަފުށިން ހަ އާއިލާއަކަށް އަދި ކެލާ އިން ވެސް ދެ އާއިލާއަކަށް އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފް އިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަންނަމުންދާތީ މާލޭ ސަރަހައްދުގައި 48 ގެއެއްގައި 136 ވެލި ބަސްތާ ޖަހާފައިވާ ކަމަށެވެ.
މާލެއަށް ކުރަމުންދާ ވިއްސާރާގައި މިހާތަނަށް ބައެއް ގަސްތައް ވެއްޓި ޕާކު ކޮށްފައި ހުރި އުޅަނދުތަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ.
އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވައިޖެހެނީ 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
13 August 2024
ރަށްރަށުގެ ކައުންސިލްތަކުގެ ބޭނުމެއްވެސް ނުފެނުނު. ފެން ބޮޑުވި ރަށްރަށުގަ ތިބީ ސިފައިން ދަންދެން ކަމެއް ނުކޮށް. ރައްޔިތުން އެކުވެގެން ކުރެވޭ ކަންކަންވެސް ހުންނާނެ ނޫންތޯ.
ނިންމުން ރަނގަޅު
13 August 2024
ސަރުކާރުގެ މި ނިންމުން ރަނގަޅު
ކުރި
13 August 2024
އެމްޑީޕީ އިން އެންމެ ފަހުން ހެދި މަގު އަމީނީމަގު އެއޮތީ ފެނު އަޑީގަ އަދިވެސް އަރާ މޮޅު ވާހަކަ ދައްކާތި