ތައިލެންޑުގެ ބޮޑުވަޒީރުކަމަށް މިއަދު އިންތިހާބުކުރި ޕައޭޓޮންޓާން ޝިނަވަޓްރާ: އޭނާ އަކީ ތައިލެންޑުގެ އެންމެ ޒުވާން ބޮޑުވަޒީރު. -- ފޮޓޯ: އޭއެފްޕީ
16 އޯގަސްޓް 2024 - 14:52
ތައިލެންޑުގެ ބޮޑުވަޒީރު ކަމަށް ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ޒުވާން ދަރިކަނބަލުން ޕައޭޓޮންޓާން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު އިންތިހާބުކޮށްފި އެވެ.
ބިލިއަނަރު ތަކްސިންގެ ދަރިކަނބަލުންގެ އުމުރުން އަދި 37 އަހަރެވެ. އެހެންވެ އޭނާ ވެފައިވަނީ ތައިލެންޑުގެ އެންމެ ޒުވާން ބޮޑުވަޒީރަށެވެ. އަދި އޭނާ އަކީ ގައުމުގެ ދެ ވަނަ އަންހެން ބޮޑުވަޒީރެވެ. އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރަކީ ޕައޭޓޮންޓާންގެ ބޮޑުދައިތައެއް ކަމަށްވާ ޔިންގްލަކް އެވެ. ޢެއީ ތަކްސިންގެ ކޮއްކޮ އެވެ.
ޕައޭޓޮންޓާން ބޮޑުވަޒީރުކަމަށް އިންތިހާބުކޮށްފައި މި ވަނީ ކޯޓުން ކުރި ދެ ހުކުމަކާ އެކު ތައިލެންޑުގެ ސިޔާސީ މަސްރަހް ގަޑުބަޑުވެފައި ވަނިކޮށެވެ. އޭނާ ބޮޑުވަޒީރު ކަމަށް އިންތިހާބުކުރީ މީގެ ދެ ދުވަސް ކުރިން ދުސްތޫރީ ކޯޓުން ކުރި ހުކުމެއްގައި، ބޮޑުވަޒީރުކަމުން ސްރެތާ ތަވިސިން ވަކިކުރުމާ އެކުގަ އެވެ.
ތައިލެންޑުގެ ބޮޑުވަޒީރުކަމަށް މިއަދު އިންތިހާބުކުރި ޕައޭޓޮންޓާން ޝިނަވަޓްރާ. -- ފޮޓޯ: އޭއެފްޕީ
ޕައޭޓޮންޓާން އަކީ ވެސް، ބޮޑުވަޒީރުގެ ސުލޫކީ މިންގަނޑުތަކާއި ގަވައިދާ ހިލާފުވި ކަމަށް ކަނޑައަޅައި ބޮޑުވަޒީރުކަމުން ވަކިކުރި ސްރެތާގެ ފީއު ތައި ޕާޓީގެ ބޭފުޅެކެވެ. އެއީ މިދިޔަ އަހަރުގެ އާންމު އިންތިހާބުގައި ދެ ވަނަ އަށް ދިޔަ ޕާޓީ އެވެ. އެ ޕާޓީއަށް މަޖިލީހުގެ ކޮންޓްރޯލް ލިބެނީ ކޯލިޝަނަކުންނެވެ.
ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ވަން މުހައްމަދު ނޫރު މާތާ ވިދާޅުވި ގޮތުގައި ޕައޭޓޮންޓާން ބޮޑުވަޒީރު ކަމަށް އިންތިހާބުކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ 319 މެންބަރުންގެ ތެރެއިން 145 މެންބަރަކު ވޯޓު ދެއްވި އެވެ.
ޕައޭޓޮންޓާން ވިދާޅުވީ "މިއީ ވަރަށް ބޮޑު ޝަރަފެއް އަދި އުފަލެއް" ކަމަށެވެ.
"ރައްޔިތުންގެ އިތުބާރު ހޯދޭނެ ކަމުގެ އުންމީދު އަޅުގަނޑަށް ވަރަށް ބޮޑަށް އެބަ އޮތް. ތައިލެންޑުންގެ ހުރިހާ ރައްޔިތުން ބާރުވެރިކުރުވައި ފުދުންތެރިބަޔަކަށް ހެދުމުގެ އުންމީދު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
އުމުރުން 62 އަހަރުގެ ސްރެތާގެ ވެރިކަމަށް އަހަރެއް ވެސް ނުވަނީސް އޭނާ މަގާމުން ވަކިކުރި އިރު އޭނާ އަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި ދުސްތޫރީ ކޯޓުން މަގާމުން ދުރުކުރި ތިން ވަނަ ބޮޑުވަޒީރެވެ. އޭނާގެ މަގާމު ގެއްލިފައިވާ ކަމަށް ހުކުމްކުރީ ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރި ގާނޫނީ ވަކީލެއް ކެބިނެޓުގައި ހިމެނި މައްސަލައިގަ އެވެ.
ތައިލެންޑުގެ ސިޔާސީ މައްސަލަތައް ބޮޑުވެފައި ވާއިރު އެ ގައުމުގެ އިގްތިސާދީ މައްސަލަތައް ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެހެންވެ އާ ބޮޑުވަޒީރަށް ގޮންޖެހުންތައް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަހަރޯވެރިޔާ
18 August 2024
ތައިލޭންޑް ވެސް ހަލާކާ ދިމާޔަށް މިސްރާބު ޖެހީއެވެ. މިސާލަކީ ހަސީނާއެވެ.
ދޮންބެ
18 August 2024
މި ކުއްޖާ އަށް ގުޅޭ ނަންބާރ އެއްދީބަލަ,, މީހަކާއި އިދެގެންތަ އުޅެނީ,?
އަބްޑޫޅް +
17 August 2024
ތާއިފުރަދޭސް ވެސް، ރަސްކަމަކުން ތިންވަނަ ދުނިޔޭގެ ދޮންކެޔޮ ރަސްކަމަކަށް ފުރޮޅުނީ.