އިޒްރޭލުގެ ހަމަލާގައި ޝަހީދުވި މީހުންގެ މައްޗަށް ކަށުނަމާދުކުރަނީ: އެއް އާއިލާއިން ޝަހީދުވި 15 މީހުންގެ ތެރޭގައި ނުވަ ކުޑަކުދިން ހިމެނޭ. -- ފޮޓޯ: އޭއެފްޕީ
17 އޯގަސްޓް 2024 - 22:04
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ރޭ މެންދަމު ދިން ހަމަލާއެއްގައި އެއް އާއިލާއަކުން 15 މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ނުވަ ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވީ މި ހަމަލާދިނީ ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް ޒަވައިދާ ނެއިބަހުޑްގައި ހުންނަ ގެޔަކަށް ކަމަށެވެ.
"އިސްރާއީލުން އަޒްލާހް އާއިލާގެ ގެއަށާއި އަލްޒަވައިދާގައި ހުންނަ އެ މީހުންގެ ގުދަނަށް ދިން ހަމަލާގައި މަރުވި އަދަދު ވަނީ 15 އަށް އަރާފައި،" ބައްސާލް ވިދާޅުވި އެވެ.
އޭނާ ވަނީ ހަމަލާގައި ޝަހީދުވި އެންމެންގެ ނަންތައް ހިމެނޭ ލިސްޓެއް ވެސް މީޑިއާތަކާ ހިއްސާކުރައްވައިފަ އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި ހަމަލާ ދިނީ މެންދަމުން އަލިވިތަނާ އެވެ.
"ތިން ރޮކެޓް ސީދާ ގެޔަށް އަމާޒުވި،" ބިމާ ހަމަވެފައިވާ ގޭގެ ގާތަކުގެ ދަށުން މީހުން ހޯދައި ނެގުމުގެ މަސައްކަތްކުރަމުން ދިޔައިރު އެތަނުގައި ހުރި މީހަކު އޭއެފްޕީއަށް ބުންޏެވެ.
މި ހަމަލާއާ ބެހޭ ގޮތުން އިޒްރޭލުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ކޮންމެ ހަމަލާއެއް ދިނުމަށް ފަހު ވެސް އިޒްރޭލުން ބުނަނީ އެއީ ހަމާސްގެ ހަނގުރާމަވެރިން އުޅޭ ތަނެއް ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި ހާހަކަށްވުރެ ގިނަ މީހުން މަރާލުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 40،000 އިން މައްޗަށް އަރައިފަ އެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ގިނަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު އަތީގު
18 August 2024
މިހާރު ދުއާ ކުރުމާ މުޒާހަރާ ކުރުން ހުއްޓުނީބާ.ފޫހިވީ ދޯ
ބަތީވު
19 August 2024
އަތީގުމެން ނުދާތީ ހުއްޓާލީ