ތައިލެންޑް މުބާރާތުން ރަން މެޑަލް ހޯދި ތަޒްކިޔާ އާއި ތިން ރިހި މެަލް ހޯދި ރިހާން
19 އޯގަސްޓް 2024 - 13:09
ތައިލެންޑްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަން ޝޯޓްކޯސް އޭޖް ގުރޫޕް މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އަމްނާ ތަޒްކިޔާ މިރުސޯދު ރަން މެޑަލް ހޯދައިފި އެވެ.
އެ މުބާރާތުގައި ރާއްޖޭގެ ދެ ކްލަބް، ނިއު ލެގޫން ސްވިމިން ކްލަބާއި ލައިފްގާޑުން އެސޯސިއޭޝަންގެ ފެތުންތެރިން ވާދަކުރި އެވެ.
ނިއު ލެގޫންގެ ފެތުންތެރިން ވަނީ 11 މެޑަލް ހޯދައިފަ އެވެ.
އެ ޓީމުގެ ތަޒްކިޔާ ރަން މެޑަލް ހޯދީ 100 މީޓަރު ފްރީ ސްޓައިލް އިވެންޓުންނެވެ. އޭގެ އިތުރުން އޭނާ ވަނީ ދެ ރިހި މެޑަލް އަދި ލޯ މެޑަލް ހޯދައިފަ އެވެ. ރިހި މެޑަލް ހޯދީ 200 މީޓަރު ފްރީ ސްޓައިލް އަދި 50 މީޓަރު ފްރީސްޓައިލު އިވެންޓްތަކުންނެވެ. ލޯ މެޑަލް ހޯދީ 50 މީޓަރު ބަޓަފްލައި އަދި 200 މީޓަރު އިންޑަވިޖުއަލް މިޑްލޭ އިވެންޓުންނެވެ.
އާއިޝަތު ޝައިހާ: އޭނާ ވެސް ވަނީ ތައިލެންޑް މުބާރާތުން ރިހި މެޑަލް ހޯދާފަ
ނިއުލެގޫން ސްވިމިން ކްލަބްގެ އާއިޝަތު ޝައިހާ ޝާފިއު ވަނީ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. އަދި 100 މީޓަރު ބެކްސްޓްރޯކުން ލޯ މެޑަލް ވެސް އޭނާ ހޯދި އެވެ.
އެ މުބާރާތުގައި ރާއްޖޭން ވާދަކުރި ފެތުންތެރިންގެ ތެރެއިން މުހައްމަދު ރިހާން ޝިހާމް ވަނީ ތިން އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ އިތުރުން ލޯ މެޑައްޔެއް ވެސް "ޓީމު ޝިހާމްސް" ގެ ފަރާތުން ވާދަ ކުރި ރިހާން ހޯދި އެވެ. ރިހި މެޑަލް އޭނާ ގެންދިޔަ ހަތަރު އިވެންޓަކީ 50 މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ބަޓަފްލައިސްޓްރޯކް، 100 މީޓަރު ބެކްސްރޯކެވެ. އޭނާ ލޯ މެޑަލް ހޯދީ 200 މީޓަރު ފްރީ ސްޓައިލުންނެވެ.
ލައިފްގާޑްގެ މެރާލް އާއިން ލަތީފް ވެސް ވަނީ ރިހި މެޑަލް ހޯދާފަ އެވެ. އިންޑަވިޖުއަލް މިޑްލޭ 100 މީޓަރު އިވެންޓްގައި ވާދަކޮށް މެރާލް ރިހި މެޑަލް ހޯދީ 1 މިނެޓް 14.7 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި 100 މީޓަރު ބަޓަފްލައި 50 މީޓަރު ބަޓަފްލައި އިވެންޓުން ލޯ މެޑަލް ހޯދި އެވެ.
މެރާލް: އޭނާ ވެސް ވަނީ ތައިލެންޑް މުބާރާތުން ރިހި މެޑަލް ހޯދާފަ
އެ
ރާއްޖޭން ދެން ވާދަކުރި ދާނިއަލް އަމީން ފައިސަލް ވެސް ވަނީ 50 މީޓަރު ބަޓަފްލައިސްޓްރޯކުން ލޯ މެޑަލް ހޯދައިފަ އެވެ.
ނިއު ލެގޫންގެ ލޫތު މުހައްމަދު ހުސައިން ވަނީ 200 މީޓަރު ބްރެސްސްޓްރޯކް އަދި 25 މީޓަރު ބްރެސްޓްސްޓްރޯކުން ވެސް ލޯ މެޑަލް ހޯދި އެވެ. އޭގެ އިތުރުން 4 ގުނަ 50 މީޓަރުގެ ރިލޭ އިވެންޓުން ރިހި މެޑަލް ނިއު ލޭގުނަށް ހޯދައި ދިނުމުގައި އޭނާ ހިއްސާވި އެވެ.
50 މީޓަރު 4 ގުނަ ރިލޭއިން ރިހި މެޑަލް ހޯދި ނިއު ލެގޫންގެ ފިރިހެން ޓީމު
އެ ކްލަބުން ވާދަކުރި އިބްރާހިމް މާދު ސާޖިދު ވަނީ 100 މީޓަރު ބެކްސްޓްރޯކް އަދި 200 މީޓަރު ބެކްސްޓްރޯކް އިވެންޓުން ވެސް ލޯ މެޑަލް ހޯދައިފަ އެވެ. އަދި ރިލޭ އިވެންޓުން ރިހި މެޑަލް ހޯދައިދިނުމުގައި ވެސް މާދު ހިއްސާވި އެވެ.
ނިއުލެގޫންގެ ކްލަބަށް ރިލޭގެ އިވެންޓުން ރިހި މެޑަލް ހޯދައިދިނުމުގައި ދެން ހިއްސާވީ އިޒްޔާން އާއި ހާމީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސުއިން
19 August 2024
މުހައްމަދު ރިހާން ޝިހާމް އަކީ ލައިފްގާޑްގެ ކުއްޖެއް ނޫން