26 އޯގަސްޓް 2024 - 07:53
މެލޭޝިއާއަށް ގޮސް އުޅެނިގެން ސިންކްހޯލް އަކަށް ވެއްޓި ގެއްލިފައިވާ އިންޑިއާ މީހާ ހޯދުމުގެ މަސައްކަތްކުރާތާ ހަތަރު ދުވަސް ވީއިރު އޭނާގެ ފައިވާން ފިޔަވައި އޭނާއާ ގުޅުން ހުރި އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ބުނެފި އެވެ.
އުމުރުން 48 އަހަރުގެ އަަންހެން މީހާ ޕޭވްމަންޓުން ހިނގާފައި ދަނިކޮށް ފައިދަށުން ބިންގަނޑު އަޑިއަށް ދަމައިގެ އުފެދުނު އަށް މީޓަރު ފުން ވަޅުގަނޑަށް ވެއްޓުނު ވަގުތުން ފެށިގެން ހޯދަމުން ގޮސް ހޮނިހިރު ދުވަހު ވަނީ އިތުރަށް ބަލާނެ ތަނެއް ނެތުމުން މަސައްކަތް މެދު ވެސް ކަނޑާލައިފަ އެވެ.
އެކަމަކު އޭނާ ހޯދުމުގެ މަސައްކަތް އިއްޔެ އަލުން ފަށާފައި ވާއިރު ހާދިސާ ހިނގި ޖަލާން މަސްޖިދު އިންޑިއާ ސަރަހައްދާ ގުޅިފައިވާ ހަ ޖަންކްޝަން ވަޅު ވެސް މިހާރު ބަލާފައިވާ ކަމަށް، ސާޗް އެންޑް ރެސްކިއު ޓީމުން ވަނީ ބުނެފަ އެވެ. މި ހުރިހާ ތަނެއް ގޮސް ނިމެނީ ނަޖިސް ފެން ބޭރުކުރާ ފެންގަނޑަކަށެވެ.
މިތަންތަން ބެލި އިރު އަންހެން މީހާގެ ފައިވާންކިބައެއް ފެނިފައިވާ ކަމަށާއި އެކަމަކު އޭނާ އަދިވެސް ނުފެންނަ ކަމަށް ބުންޏެވެ.
ކުއާލަ ލަމްޕޫރު ފަޔަ އެންޑް ރެސްކިއުގެ އޮފިޝަލަކާ ހަވާލާދީ ސްޓާ ނޫހުން ބުނި ގޮތުގައި އެންމެ ބޮޑަށް ސުވާލު އުފެދެނީ މީހާ ވެއްޓުނު ތަނުގެ ތެރޭގައި ފެންގަނޑު ވަރަށް ތިލަކޮށް އޮތް އިރު މީހާ އެގޮތަށް ގެއްލެން ދިމާވި ސަބަބާ މެދުގަ އެވެ. އޮފިޝަލުން ވިދާޅުވެފައިވަނީ ފެންގަނޑު ވަރަށް ތިލަ ކަމަށާއި އެކަމަކު ވަރަށް ބާރަށް ދައުރުވާ ކަމަށެވެ.
ގެއްލުނު މީހާ އަކީ އާއިލާއާ އެކު މެލޭޝިއާއަށް ޗުއްޓީއަކަށް ގޮސް އުޅުނު މީހެކެވެ. އެ މީހުން ދެ މަހެއްހާ ދުވަހު މެލޭޝިއާގައި ތިބުމަށް ފަހު ތައްޔާރުވަމުން ދިޔައީ އެނބުރި ގައުމަށް ދިއުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލްމަލް50
27 August 2024
ﷲ ގެ ކުޅަދުންވަންތަކަން މިކަމުންވެސް ފެނިގެންދަނީ ،ދިރިތިބީންނައް ..
ވަޒީފް
26 August 2024
މެލޭޝިޔާ ޖަންގޝަން އިންޑިއާއާއި ގުޅިފައި؟؟؟
ރަދީފްއޮފިޝަލް
26 August 2024
ބްރޯ މިއުޅެނީ އިންސާނަކު ގެއްލި ވީނުވީއެއް ނޭނގިގެން.އެހެންވީމަ ތި މޭރުމުން ކޮމެންޓް އިބާރާތްކުރުން އެއީ ވަރަށް ހިތާމަހުރިކަމެއް.