ފަލަސްތީނުގެ ޣައްޒާގައި ކުޑަކުއްޖަކު ފެން އުފުލަނީ: ޣައްޒާ ހައިހޫނު ކަމުގައި އޮތަސް މީހުންނަށް އެހީތެރިކަން ދިނުމަށް ވެސް އިޒްރޭލުން ދަނީ ހުރަސްއަޅަމުން. -- ފޮޓޯ: އޭއެފްޕީ
27 އޯގަސްޓް 2024 - 05:56
އިޒްރޭލުން ކެނޑިނޭޅި ހަމަލާ ދެމުން ގެންދާ ފަލަސްތީނުގެ ޣައްޒާގައި އދ.ގެ އިން ކުރިއަށްގެންދާ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ދީރުލް ބަލަހް ސަރަހައްދު ހުސްކުރަން އިޒްރޭލުން އެންގުމުގެ ސަބަބުން އެއްކޮށް ކަހަލަ ގޮތަށް ހުއްޓިއްޖެ އެވެ.
އދ.ގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅޭ މީހުންގެ ހަބަކަށް ވެފައިވާ ސަރަހައްދު ހުސްކުރަން އެންގުމުން ވަރަށް ގިނަ އޮޕަރޭޝަންތައް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ބުނީ ދީރުއަލް ބަލަހްގައި އުޅޭ "ޓެރަރިސްޓުން" ނަށް އަމާޒުކޮށް، ހަމާސްގެ ބާކީ ހުރި "އިންފްރާސްޓްރަކްޗާ" ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ އެ ސަރަހައްދުން ހުރިހާ އެންމެން ދިއުމަށް ވަނީ އަންގައިފަ އެވެ.
އދ.ގެ ހިއުމެނިޓޭރިއަން އެޖެންސީ (އޯސީއެޗްއޭ) އިން ބުނީ އދ. އާއި އެންޖީއޯގެ އެހީގައި މަސައްކަތްކުރާ 15 ތަނަކާއި އދ.ގެ ހަތަރު ގުދަނެއްގެ އޮޕަރޭޝަނަށް އިޒްރޭލުގެ އިންޒާރުތަކާ ހެދި ބުރޫއަރާފައިވާ ކަމަށެވެ.
އދއިން ޣައްޒާގެ އޮޕަރޭޝަންތައް ހުއްޓާލާފައިވާކަމަށް ބުނުމާ އެކު، ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވީ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީން ފިޔަވަޅުތައް އެޅި ނަމަވެސް އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށެވެ.
ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމަލާދީ 1،199 މީހަކު މަރާލުމާ އެކު އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 40،435 މީހަކު ވަނީ ޝަހީދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
27 August 2024
ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމަލާދީ 1،199 އިޒްރޭލް އާމުން މަރާލީ އިޒްރޭލް ސިފައިން !
ދަށުވެފަ
27 August 2024
މިހެން ވާނީ އދ މަސައްކަތް އިޒްރޭލު ބުނާގޮތަށް ކުރަން ޖެހުނީމަ. ކަން ހިންގާ ތަރުތީބަކީ އެމެރިކާ>އިޒްރޭލު>އަރަބި ގައުމުތައް>އދ>ދުނިޔޭގެ އެހެން ގައުމުތައް. މާނަ އަކީ، އެމެރިކާ ބުނާ ގޮތެއް އިޒްރޭލުން ހަދާނެއޭ. އަދި މިދެގައުމު ބުނާ ގޮތެއް އަރަބި ގައުމުތަކުން ހަދާނެއޭ. އޭގެ ފަހުން އދ ބުނާގޮތެއް ދުނިޔޭގެ އެހެން ގައުމުތަކުން ހަދާނެއޭ. އިސްލާމީ ގައުމުތައް އދ ދޫކޮށް އޯއައިސީ ވަރުގަދަކުރަންޖެހޭ އެބަ.