އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އެ ގައުމުގެ ރޫރަލް ޑިވެލޮޕްމަންޓުގެ މަސައްކަތަށް އައްޔަންކުރެއްވި ނައިބު ރައީސް އަބްދުލްކަރީމް ހުސައިންޒަދީހް
27 އޯގަސްޓް 2024 - 05:56
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، އެ ގައުމުގެ ބައި މަދު ސުންނީ މުސްލިމުންގެ ސިޔާސީ ބޭފުޅަކު އިސް މަގާމަކަށް އައްޔަންކުރައްވައިފި އެވެ.
ޝިޔައީންގެ އަޣުލަބިއްޔަތު އޮންނަ އަދި ދައުލަތަކީ ވެސް ޝިޔައީންގެ ދައުލަތެއްގެ ގޮތުގައި އޮންނަ އީރާންގައި ސުންނީ މުސްލިމުންގެ ނިސްބަތް އުޅެނީ އެންމެ 10 ޕަސެންޓުގަ އެވެ. އިސް މަގާމުތަކަށް ސުންނީ މުސްލިމުން އައްޔަންކުރުމަކީ އީރާންގައި އާންމު ކަމެއް ނޫނެވެ.
ޕެޒެޝްކިއާން، ރޫރަލް ޑިވެލޮޕްމަންޓުގެ މަސައްކަތް ހަވާލުކުރައްވައި ނައިބު ރައީސްކަން ދެއްވީ އަބްދުލްކަރީމް ހުސައިންޒަދީހް ކިޔާ ބޭފުޅެވެ. އޭނާ މަގާމަށް އައްޔަންކުރައްވައި ނެރުއްވި ގަރާރުގައި ރައީސް ވިދާޅުވެފައިވަނީ އެކަހެރި ހިސާބުތައް ތަރައްގީކުރުމުގެ މަސައްކަތް އޭނާއާ ހަވާލުކުރެއްވީ އެއީ ތަޖުރިބާކާރު ބޭފުޅަކަށް ވާތީ ކަމަށެވެ.
އުމުރުން 44 އަހަރުގެ ހުސައިންޒަދީހް އަކީ 2012 ވަނަ އަހަރުން ފެށިގެން، އީރާނުގެ ގާނޫނު ހަދާ މަޖިލީހުގައި ހުޅަނގު އުތުރުގެ ސިޓީތައް ކަމަށްވާ ނަގަދޭހާއި އޮޝްނަވީހް ތަމްސީލު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ އީރާންގައި ސުންނީ މުސްލިމުންގެ ހައްގުތައް ގޮވާލައި ވާހަކަ ދައްކަވާ ބޭފުޅެކެވެ.
އީރާން ސަރުކާރުގެ އިސް މަގާމުތަކަށް ސުންނީ މުސްލިމުން އައްޔަންކުރުމަކީ 1979 ވަނަ އަހަރުގެ އިންގިލާބަށް ފަހު އެ ގައުމުގައި ވަރަށް މަދު ކަމެކެވެ. އެކަމަކު މިހާރުގެ ރައީސް ރިޔާސީ ކެމްޕެއިންގައި ވަނީ ގައުމުގައި ބައި މަދު މަޒުހަބުތަކާއި ނަސްލުތަކުގެ މީހުންގެ ބައިވެރިވުން ގައުމު ހިންގުމުގައި އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރުސައި
28 August 2024
ދެބައި މީހުނަކީވެސް ހަމަ އެކައްޗެއް. ކުރަނީ ޝިރުކުގެ އަމަލުތައް.
ހުސްހާސަރު
27 August 2024
ދިވެހިރާއްޖޭގައި އިސް މަގާމަކަށް ޝިޔައީއެއް އައްޔަންކޮށްފާނެބާ؟
ސިންބާ ދަ ގްރޭ ކެޓް
27 August 2024
ތިބާގެ ޚިޔާލަކީ ވޮއިޑް އެބް އިންޝިއޯ އެކެވެ