29 އޯގަސްޓް 2024 - 17:30
އެމްއޭސީއެލްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފިއުލް ސާވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިން-ހައުސް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި އެވެ.
މި ތަމްރީންތަކަކީ އޮޕަރޭޝަނަލް ޓީމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތާއި ހުނަރު އުގަންނައިދިނުމަށް ހިންގާ ޕްރޮގުރާމުތަކެކެވެ. މި ޕްރޮގުރާމުގައި ފުރަތަމަ ތަމްރީނުތައް އަމާޒުކޮށްފައިވަނީ ކޮލިޓީ ކޮންޓްރޯލް އަދި އިންޓު-ޕްލޭން އޮޕަރޭޝަންސް ދާއިރާތަކަށް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ،
އަދި ޑިޕޯ އޮޕަރޭޝަންސް އަދި މެއިންޓެނަންސް ދާއިރާތަކުގެ ތަމްރީންތައް ކުރިޔަށް އޮތް ތަނުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.
އެމްއޭސީއެލްއިން ބުނީ މި ޕްރޮގްރާމްތަކަކީ ކުރިން ބޭރުގެ ކޮންސަލްޓަންޓުންގެ އެހީގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްތަކެއް ކަމަށެވެ. އަދި މިހާރު ފަށާފައިވާ ތަމްރީން ޕްރޮގްރާމްތަކަކީ އިން-ހައުސްކޮށް، ބޭރުގެ ތަމްރީންތަކުގެ މިންގަނޑުތަކާ އެއްގޮތަށް، ފިއުލް ސާވިސަސްގައި މަސައްކަތްކުރާ ތަޖުރިބާކާރު ސީނިއާ މުވައްޒަފުން ހިންގާ ޕްރޮގުރާމެއްކަން ފާހަގަކުރި އެވެ.
އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓުން މި ޕްރޮގްރާމްތައް ފާސްކޮށްފައިވަނީ ޕްރޮގްރާމްގައި ބޭނުންކުރާ މެނުއަލްތަކާއި ތަމްރީނުދޭ ފަރާތްތައް ކޮލިޓީގެ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. އަދި މި ތަމްރީންތަކަކީ ވެލާނާ އެއާޕޯޓުގެ ފިއުލް އޮޕަރޭޝަނަށް ބޭނުންވާ ގޮތަށް ބައްޓަންކޮށްގެން ކުރިއަށް ގެންދާ ޕްރޮގުރާމުތަކެކެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްއާން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވަނީ ފިއުލް ފާމަށް ޒިޔާރަތްކުރައްވައި، ތަމްރީންތައް ކުރިއަށް ގެންދާގޮތް ބައްލަވާލައްވާފަ އެވެ.
އެމްއޭސީއެލްއިން ބުނީ މި ޕްރޮގުރާމުތަކަކީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް މެނޭޖްމެންޓުން ރާވައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ހިމެނޭ މުހިންމު އެއް ޕްރޮގްރާމު ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަނީ ވެލެނާ އެއާޕޯޓުން އެއާލައިންތަކާއި، ފަސިންޖަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުޅާ ސައްތާރު
29 August 2024
މިއީ އަލަށް ހިންގާ ޓްރޭނިންގު ޕުރޮގްރާމެއް ބާ؟
ޓާކުރު
29 August 2024
ޢިންޑިޔާއިން މިލިޔަނުން ހަރުދު ކޮށްގެން 4 ބުރަށް ފެކްޓަރީ އިންސްފެކްސަން އަށް ގޮސްގެން ގެނައި 2 ޖެޓް ފިއުލް ބައުޒަރު ތަކުން ކުރަނީ ކޮންމަސައްކަތެއް ތޯ ނޫސް ވެރިޔާ ސުވާލު ކޮށްލި ނަމަ ވަރައް ސަޅިވީސް