ލައިފްސްޓައިލް / ވާހަކަ

ކުރު ވާހަކަ: އަނބިންގެ ފިރިންނަށް ޝައްކު

ޑިޖިޓަލް ކޮލާޖު: މޫސާ މަމްދޫހު

ހަޑިއީސާ އާއި އޫފިކުރީ ތިބީ ހޮޅުއަށީގައި ހެވާއިން ފަނި ދަމައިގެން ގޮސް ދެބައޮޑުވާށެވެ. ހޮޅުއަށީގެ ދެބޯގެރި ދުއްވުމުގައި ޖެހިފައި ހުރި ކިރުދޮންބެގެ އަނގައިން ސޮނި ވެއްޓެނީ އެވެ. އެ މީހުންގެ ބުހުތާނަށް ލައިގެން ސާގުމޫސާގެ ދެމަފިރިންގެ ވާހަކަ ރޯފިލުވަމުން ގެންދިޔަ ފުރިހަމަކަމުންނެވެ.

ކިރުދޮންބެ އިނީ ހަނޑޫހޮވާށެވެ. ރައިވަރަކަށް ފައި ހަމަކޮށް ފޫއަނބުރަމުން ކުނިކަހަމުން ހިރަފުސް އަރުވަމުން އައި ކަޅުކަލޯ އާއި މަނިކާސީދީ ވެސް އެންމެ ފަހުން ހޮޅުއަށީގެ އޮލަ ވާހަކައިގައި ޖެހި މަގު އޮޅިއްޖެ އެވެ. އެ މީހުންނަކީ ސާގުމޫސާގެ އަވައްޓެރިންނެވެ.

ޒުވާން ސާގުމޫސާ ގޮސް ޖައްސާލައިގެން އިނީ އެ މަލާމާތާ މާ ދުރު ނޫން ހިސާބެއްގައި ހުރި ބަނބުކެޔޮ ގަހެއްގެ ފިނި ހިޔަލުގަ އެވެ. އެކުވެރި ރެކިފުތާ މިއަދު ވެސް އެ ތަނުގައި އިނީ ދޮންރުއް ފަނަކުން އިލޮށި މަށައި އޮމާން ކުރާށެވެ. ފަނި ހިރޭހެން އޭނާ ހިރުވަމުން ގެންދިޔަ ވަޅީގެ ތޫނު މިޔައިގެ ދަޅަޔަށް ގެއްލި އިން ސާގުމޫސާ ރަށު ބިޑިއެއް އަނބުރަމުން ގެންދިޔަޔަސް އޭނާގެ ހަތަރެސްފައިގައި ދެމެމުން ދިޔަ ލޭ ކައްކަމުން ގެންދިޔައީ ހޮޅުއަށީގެ ދެބައޮޑުވުމުގައިވީ ހޫނެވެ.

އެހެންކަމުން ސާގުމޫސާގެ އަތުން ފައިން ގޯހެއް ހަދައިފާނެ ކަމަށް ރެކިފުތާ މިއަދު ވެސް އެ އިނީ ހުޝިޔާރު ވެގެންނެވެ. ރެކިފުތަށް ހަމަނޭވާ ލެވުނީ ނިކަފަތުގައި އެނބުރި ބިޑި ރޯކޮށް ސާގުމޫސާ އެންމެ ފަހުން ދުން އަރުވަން ފެށި ހިސާބުންނެވެ.

ރަށުގެ ފިރިހެންވެރިންތައް އޭރު މަޑުމަޑުން ޖަމާވަމުން ގެންދިޔައީ އަތިރިމައްޗަށެވެ. ދޮންމަރިޔާގެ ކަންނެލިއޮޑި އައިސް މަހުން ލެފީއެވެ.

ދޮންމަރިޔާ އަކީ 'އަނބިގޮއްޔެ' އޮޑީގެ މާކެއުޅެވެ. ހަޑިއީސާ އާއި އޫފިކުރީގެ އަނބިންނަކީ އެ އޮޑީގައި ދެ ފަލިވެރިންނެވެ. ހަތަރު ފަލީގެ އެ މަސްދޯނީގައި ދެން ފަލިޖަހަން ތިބެނީ ކަޅުކަލޯ އާއި މަނިކާސީދީގެ އަނބިންނެވެ. ކިރުދޮންބެގެ އަންހެނުންނަކީ އެންކެޔޮޅެވެ.

މަސްކަނޑައި ނިމިގެން ދޮންމަރިޔާ ގިފިއްޔަށް ވަންއިރު އިރުއޮއްސި އަނދިރިވެއްޖެ އެވެ. މަޣުރިބް ފަހަނަޅައި ހިނގައްޖެ އެވެ. ފެންވަރައި ނަލަވެގެން ހުވަނދުލައިގެން ގޮސް އޭނާ ދެން އެރީ މިސްކިތަށެވެ. އަންހެނުންގެ އެ މިސްކިތުގައި އިޝާ ނަމާދު ކޮށްގެން އެނބުރި ގެ އަށް އައިއިރު އޭނާގެ ޒުވާން ފިރިސޮރު ސާގުމޫސާ ހުރީ ރޭގަނޑުގެ ކެއުން ތައްޔާރު ކޮށްފަ އެވެ. ލޯބޮޑު ކަންނެއްޔެއްގެ ބޮލަކާއި ބަނޑައިދުލާއި އޭގެ ބިހާއި ކިރާއި ގޮށްމުށެއް ވަރުގެ ބޮޑު ލަގޮނޑިއެކެވެ. އެ ކަންނެލީގެ ސިކުނޑި ބޯލައިގެން ވައިލަމުން ގޮސް ދޮންމަރިޔާ ނުކުތީ ފުޅިބައްތީގެ އަލިން ދިއްލާފައި އޮތް ފެންޑާ އަށެވެ.

އުނދޯލީގައި ގޮސް ޖައްސާލި އެވެ. ދުފައި ރަތްކޮށްލި ތަނުން ސާގުމޫސާ ގުޑުގުޑާއެއް ތައްޔާރުކޮށްގެން ގެނެސްދީފިއެވެ. ދޮންމަރިޔާ ދުންބޯން ފެށިއިރު ސާގުމޫސާ އޭނާގެ ފައިމޮޑެނީ އެވެ. އެހެން އޮއްވައި ނިދި ޖެހުނުއިރެއް ނޭނގެ އެވެ.

** ** **

މެންދަމުން އަލިވިއިރު ވެސް ކިރުދޮންބެ އޮތީ ދެ ލޯ ބޮޑުކޮށްލައިގެންނެވެ. ލޮލުފިޔަ ނުޖެހިފައި އެ އޮތީ ތޮށަލީގެ ފުރާޅުގަނޑު މަތިން ފުރޭތައެއް ފާޅުވާތީކީއެއް ނޫނެވެ. އޭނާ ކައިރީގައި ނިދައި މަރުވެފައި އޮތް ހައްވާބީނާ ބޮޑުގުގުރީގައި ވާޖަހައިގެން އުޅޭތީ އެވެ.

އަނެއްކޮޅުން މިއީ މާވަހަރުގެ އިރުވަރެވެ. ހަނޑޫ ހޮވައި، ކައްކައި ދަރިން ބަލަން ގޭގައި ނީނދެ މާވަހަރެއް ހޮވައިގެން މި ރަށުން އަރައި ފުރައިގެން ދިއުމަކީ ކިރުދޮންބެގެ ޒަވާޖީ ހަޔާތް ހައްވާބީނާގެ މި ޖަލުގައި ފެށުނު ދުވަހުން ފެށިގެން އޭނާ ބަލަމުން އަންނަ ހުވަފެނެކެވެ.

ދެ ލޯ ތަންމިނަށް ހުޅުވައިގެން އެ ހުވަފެނެއް ބަލަން އޮއްވައި ކިރުދޮންބެ ރަނގަޅަށް ހޭލައްވާލީ އޭނާގެ މޫނުމަތީގައި މީހަކު އަޅުވައިލި ވަރުގަދަ އެތި ފަހަރަކުންނެވެ. އެއީ މަދިރިދުންދަނޑިގަނޑު ހުސްވުމާ އެކު ކޮޓަރި ތެރޭގައި ރަސްކަންކުރަން ފެށި މަދިރިތަކާ ދިމާލަށް ނިދީގައި އޮތް ހައްވާބީނާ ހޫރާލި އަތެކެވެ.

ބުރާންތި އަރުވާލި އެ އެތިފަހަރަށް ފަހު ކިރުދޮންބެ ވަގު ވަގަށް ނިދާ އަށިން ފައިބައިފިއެވެ. އަދި އަލަމާރި ތެރެއިން ނެގި މަދިރިދުންދަނޑިއެއް ރޯކޮށް ޖަސްތު ހަރެއްގައި ހަރުކޮށްލުމަށް ފަހު ވަގު ޖަހަމުން ގޮސް ކޮޓަރިން ނުކުމެއްޖެ އެވެ.

މުންޑުގަނޑު އަރުވާޖަހައި ހިމުން ދޮންވެލިން ދަތް އުނގުޅަމުން ގޮސް ކިރުދޮންބެ ގެއިން ނުކުތްއިރު ފަޖުރުއްސާދިގުގެ އަލިކަން ފައުޅުވެއްޖެ އެވެ. ހަރުކޮށް ހެލެމުން ގޮސް އޭނާ ފޭބީ އާންމުކޮށް ކޮންމެ ދުވަހަކު ވެސް ހާޖިވެރިކަމުގައި ގޮސް ޖައްސާލާ ހިސާބަށެވެ.

މަރުވެ، ކުނިވެ ފުޅައަޅައިފައި އޮތް ހުދުކުލައިގެ ކާޅުގަނޑަކުން ފުޅަ ދަމައިގެން ކަމުން ގެންދިޔަ މަކަރުވެރި ކާޅަކާ ދިމާލަށް ކަޅިއެއް އެއްލައިގެން އިންދައި މާގެފިލިކޮށް ނިމިއްޖެ އެވެ.

"އަނެއްކާ އެ ކާޅުގަނޑު ކައި ހުސްކުރަމުން އެ ގެންދަނީ މާވަހަރެއް ހެއްޔެވެ؟،" ކިރުދޮންބެގެ ހިތާހިތުން އަހާލެވުނީ މިހެންނެވެ.

ގޮނޑުދޮށަށް އެރި ތާހިރުވެލައިގެން ގޮސް ތެލިތާސްތަކާ އެކު ދެން އޭނާ ފޭބީ ދިޔަވަރު ހިކި ހިމޭންވެފައި އޮތް މޫދަށެވެ. އިރުކޮޅެއް ނުވެ ހަޑިއީސާ އާއި އޫފިކުރީ ގޮނޑުދޮށަށް ފައިބައިގެން ތުން ތަޅުވަމުން ހެމުން އަންނަ މަންޒަރު ފެނިއްޖެ އެވެ. އެ މީހުންގެ ދެ އަންހެން ދަރިން ދުވެފައި އެ އައިގޮތަށް ގޮސް ފުންމާލީ ގޮނޑުދޮށާ ދިމާލުން މޫދުގައި ކޮނެފައި ހުރި ވަޅުގަނޑަކަށެވެ. އެއީ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ފަތަން އަންނަ ވަޅުގަނޑެކެވެ. މޫދަށް ފަރިތަ ދެ އަންހެން ދަރިން އެ ވަޅުގަނޑުގެ ތެރޭގައި އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައި ތެލިތާސް ދޮންނަން ހަޑިއީސާ އާއި އޫފިކުރީ ވެސް ގޮނޑުދޮށުގައި ޖައްސާލި އެވެ. އާދައިގެ މަތިން ދެބައޮޑުވައި ހޭން ފަށައިފި އެވެ.

ކިރުދޮންބެގެ ބޮލަށް ތުރާވެގެން އެންމެ ފަހުން އޭނާ އެތަނުން ތެދުވެ ތެލިތާސް ބަރިބަރިއަށް ބޯމައްޗަށް ނަގައިގެން ރަށާ ދިމާލަށް ހިނގައިގަތެވެ. ވަޅުގަނޑު ތެރޭގައި ކަރުތާފެނަށް އެރި ސަކަރާތް ޖަހަން ތިބި ދެ ކުދިން ހަމަ ކުއްލިއަކަށް ރޮއި ހޭރިގަތް އަޑު އިވުނީ އެ ވަގުތެވެ. ހަޑިއީސާ އާއި އޫފިކުރީ ތެއްޔާއި ތާސްގަނޑު ހޫރާލާފައި އެ ވަޅުގަނޑާ ދިމާލަށް ދުއްވައިގަތްތަން ފެނުމުން ބޯމަތީގައި ހުރި ތެލިބަރި ނަގައި އެއްލާލާފައި ކިރުދޮންބެ ވެސް ދުއްވައިގަތީ އެ ވަޅުގަނޑާ ދިމާލަށެވެ.

ނަސީބަކުން އެއްވެސް ކުއްޖަކަށް އެއްވެސް ކަމެއް ނުވެ އެވެ. ކިރުދޮންބެ ގޮސް އެ ވަޅުގަނޑާ އަރައި ހަމަވިއިރު ދެ ކުދިން ވެސް ފަތާފައި ހިކިފަހަށް އަރައިފި އެވެ. އެކަމަކު އެ އެންމެން ތިބީ ވަޅުގަނޑުގެ ތެރެއިން ފައުޅުވަމުން ދިޔަ އެއްޗަކަށް ގެއްލި ހުއްޓުން އަރައިފަ އެވެ.

ކިރުދޮންބެ މަޑުމަޑުން ކުރިއަށް ޖެހި ބޯދިއްކޮށްލި ވަގުތު ބޮކި ޖަހާފައި އެ ވަޅުގަނޑުގެ މެދުން މައްޗަށް އެރިތަން ފެނުނީ އަންހެނެއްގެ ގަބުރެވެ. އެއީ ދޮންމަރިޔާގެ ފުރާނަނެތް މަސްގަނޑެވެ. ކަނޑިކިގަނޑު ފިޔަވައި އިތުރު އެއްވެސް ނިވަލެއް އެ ހަށިގަނޑުގައި ނުވެ އެވެ.

** ** **

ހިނަވާގޭގެ އަށިމަތީގައި ދޮންމަރިޔާ އޮތީ ކަފުންކޮށް ނިންމައިފަ އެވެ. އޭނާގެ ހަށިގަނޑު ބަލައި ދިރާސާކުރީ ޖެހިގެން އޮތް ރަށުން އައި ހަކީމީ ފޫޅުމައި ދައިތާއެކެވެ. ގަތުލު މަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި މަރު ތަހުގީގު ކުރުމަށް އަތޮޅުގެ ވެރިކަމުގައި އިންނެވި ދަލޭކާބިބީ ފޮނުއްވި ހަތް ހަކީމުންގެ ވެރިޔަކަށް ހުންނެވި ފޫޅުމާމަ އެވެ.

ދަލޭކާބިބީ އަކީ ދޮންމަރިޔާގެ ނިބޫ ދައްތައެވެ. އަދި މުޅި އަތޮޅުގައި ވެސް ތިއްބެވި އެންމެ މުއްސަނދި، އެންމެ ބާރުގަދަ ދެ އަންހެން ކަނބަލުންނެވެ. އެހެންކަމުން ދޮންމަރިޔާގެ މަރުގެ ޚަބަރަށް ފަސްއަޅައި ފޮރުވާނެ ހަމަ އެއްވެސް ފުރުސަތެއް އެކަކަށް ވެސް ނުލިބުނެވެ.

އެއީ ރަހުމު ކުޑަ އަނިޔާވެރި މަރެކެވެ. ތިލައިގެ ދެފުށުގައި މިޔަ އެޅި ހަންޖަރަކުން އެއްވަރަކަށް ޅިޔަ އަޅައިގެން ދީފައިވާ ރޭވުންތެރި ހަސަދައިގެ އަނިޔާ އެވެ. އެ ވަރުގެ ރަހުމުކުޑަ އަނިޔާއެއް އަންހެނަކަށް ދޭނީ އޭނާއާ މެދު ހިތުގައި އިންތިހާ އަށް ނަފުރަތު އުފެދިފައިވީ ނުބައި ފިރިހެނެކެވެ. މިއީ ފޫޅުމާމައިންގެ ޖަމާއަތުން ހޯދައި އެއްކުރި މައުލޫމާތާއި ހެއްކާއި ގަރީނާ އިން ތަހުގީގުގެ ކުރިއެރުން މާނަކުރަމުން ދިޔަ ގޮތެވެ.

މި ތަހުގީގަށް އެންމެ ގިނަ މައުލޫމާތު ދިނީ ހަޑިއީސާ އާއި އޫފިކުރީ އެވެ. އެއީ ދޮންމަރިޔާގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނުނު ދެ ހެކިވެރިންގެ ގޮތުގަ އެވެ. ނަމަވެސް މި މަރާ ބެހޭ ގޮތުން ހޮޅުއަށީގެ މި ދެ އަހުލުވެރިން ރަށު ތެރޭގައި ފަތުރަމުން ދިޔަ ވާހަކަތަކާ މެދު ދެ މީހުންގެ އަނބިން ވެސް ތިބީ ރުޅިގަދަވެފަ އެވެ. އެއީ ދޮންމަރިޔާގެ އޮޑީގެ ދެ ފަލިވެރިން ކަމުގައިވީ ހިޔަލާއި ސަމީނާއެވެ.

ހަޑިއީސާ އާއި އޫފިކުރީގެ ހަގީގަތް އެ ދެ މީހުންނަށް ރަނގަޅަށް އެނގޭތީ އެވެ. ނުވަތަ ދޮންމަރިޔާގެ އޮޑީގެ ސިއްރުތައް އެ ދެ މީހުންނަށް މާ ރަނގަޅަށް އެނގޭތީ އެވެ.

ކޮންމެއަކަސް މަރުގެ ތަހުގީގުގައި ރަށުގެ އެންމެނާ ވެސް ސުވާލުކޮށް މައުލޫމާތު އެއްކުރި އެވެ. ވަކިން ހާއްސަކޮށް 'އަނބިގޮއްޔެ' އޮޑިން ދޮންމަރިޔާއާ އެކު މަހަށް ދާ އެންމެނާ އެކި ފަހަރު މަތިން އެކި ގޮތްގޮތަށް ސުވާލުކޮށް ތަހުގީގު ކުރެވުނެވެ. ނަމަވެސް މަސްވެރި އޮޑީގެ ސިއްރަކީ އޭގެ އެންވަތުން ހޯދަން އެހާ ފަސޭހަ ސިއްރެއް ނޫނެވެ. އަދި މަސްވެރި އަނބިންނަކީ އަބަދުވެސް މަސްއޮޑީގެ މި ސަގާފަތް ޖީލުތަކަށް ދެމިގެންދާނޭހެން އަބަދުވެސް ވަރަށް ރަނގަޅަށް ރައްކާކޮށް ބަލަހައްޓަމުން ދިޔަ ޖަމާއަތެކެވެ.

ނަމަވެސް ދަލޭކާބިބީގެ އަމުރަށް ފޫޅުމާމައިންގެ ޖަމާއަތުން ހިންގި ތަހުގީގު އެންމެ ފަހުން ގޮސް ދޮންމަރިޔާގެ ގާތިލާ އަރައި ހަމަކުރީ އެންމެން ހީކުރި ވަރަށް ވުރެ ވެސް އަވަހަށެވެ.

އެ ރަހުމުކުޑަ ގާތިލަކީ ދޮންމަރިޔާގެ ޒުވާން ފިރިސޮރު ސާގުމޫސާ އެވެ. އަދި މި ގާތިލު ހިފުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އޭނާގެ އެކުވެރި ރެކިފުތާ އެވެ. ލޯބޯ ކޮށިވެފައި ވިޔަސް ރެކިފުތާ އަކީ އަދިވެސް ރަށުގައި ހުރި އެންމެ ކުޅަދާނަ ކަނބުރު ބެއްޔާ އެވެ. އަދި ދެމިޔަލީ ހަންޖަރެއް އޭނާ ތައްޔާރުކޮށް ތޫނު ކޮށްދިން ހަނދާނެއް ވަނީ ހަމައެކަނި އޭނާގެ އެކުވެރި ސާގުމޫސާ އަށެވެ.

ހަތިޔާރު އެޅި އަންހެނުންގެ ފައުޖެއް ސާގުމޫސާ ބަލައި އައިއިރު އޭނާ އިނީ އަބަދުވެސް ގޮސް އިންނަ ބަނބުކެޔޮ ގަހުގެ ފިނިހިޔަލުގައި ރަށުބިޑިއެއް ބޮއެ ދުން އަރުވާށެވެ. ދޮންމަރިޔާގެ ހަށިގަނޑު ކޮށާލުމަށް އޭނާ ބޭނުންކުރި ހަންޖަރު ވެސް ފެނުނީ އެ ބަނބުކެޔޮ ގަހުގެ ހިޔަލުގައި ވަޅުލާފައި ވަނިކޮށެވެ.

ދޮންމަރިޔާ އާއި ސާގުމޫސާގެ ޒަވާޖީ ހަޔާތާ ގުޅުވައިގެން ހަޑިއީސާ އާއި އޫފިކުރީ ހޮޅުއަށީގައި ފެތުރި ހުރިހާ ވާހަކައެއް އެންމެ ފަހުން ހަގީގަތަކަށް ވީ އެވެ. އެއީ ޒާތީ ހަސަދަ އާއި އަނިޔާވެރިކަމުން ނޭވާ ހާސްވެފައިވީ ކައިވެންޏެކެވެ. ސާގުމޫސާ ހައްޔަރު ކޮށްގެން ގެންދިޔަ މަންޒަރު ބަލަން އެއްވެ ތިބި އެންމެން ވެސް ބުނަމުން ގެންދިޔައީ މިހެންނެވެ.

** ** **

ހައްވާބީނާއި ހިޔަލާއި ސަމީނާ އަކީ ދޮންމަރިޔާގެ އޮޑީގައި އޭނާ އަށް އެންމެ ވަފާތެރި ތިން މަސްވެރިންނެވެ. ޒަމާންވީ އެކުވެރި މާހައުލެއް ގާއިމު ކޮށްފައި އޮތް މި އޮޑީގައި މަސްލަހަތު ގެއްލުނީ ހައްވާބީނާ އަށް އެން ކެއުޅުކަން ދިން ހިސާބުންނެވެ. ދޮންމަރިޔާގެ މި ނިންމުމާ އެންމެ ބޮޑަށް ދެކޮޅު ހެދީ ފަލީގައި ދެން ތިބި ދެ އަންހެނުންނެވެ. އެއީ ކަޅުކަލޯގެ އަންހެނުން އައިސާކާލޯ އާއި މަނިކާސީދީގެ އަންހެނުން ވިހަސަންފާ އެވެ. ސަބަބަކަށްވީ އޮޑީގައި ދެ ވަނަ އެންވެރިޔަކަށް އުޅުނު އެ ދެ މީހުންގެ އެކުވެރި ސިއްތީ އަށް ލިބެން އޮތް ކުރިއެރުން ގުގުރި ހައްވާބީނާ އަށް ދޭން ދޮންމަރިޔާ ނިންމުމެވެ.

އެ ނިންމުމާ ގުޅިގެން ސިއްތީ އެންމެ ފަހުން އޮޑިން ފޭބީ އެވެ. މި ވާހަކަ އެންމެ ފަހުން ރަށު ތެރެއަށް ތިލަވުމުން ހޮޅުއަށީގައި ހަޑިއީސާމެން ދެބޯގެރި ދުއްވަން ފެށީ ސީދާ އެ މީހުންގެ އަނބިންގެ އެނގުމަށެވެ. އަދި ދޮންމަރިޔާ އާއި ސާގުމޫސާގެ ޒާތީ ދިރިއުޅުމާ ގުޅުވައިގެން ބުހުތާނު ދޮގު ހަދައިގެން ފަތުރަމުން ގެންދިޔައީ ޚުދު ދޮންމަރިޔާ އަށް ވެސް އެކަން އެނގޭ ހާލުގަ އެވެ.

މި ރޭވުމުގެ އެންމެ ބޮޑު ބޭނުމަކަށް ވެފައި އޮތީ މަސްލަހަތު ގެއްލިފައިވީ އޮޑީގެ ވާހަކަ ރަށު ތެރެއަށް ތިލަވިޔަ ނުދިނުމެވެ. ވަކިން ހާއްސަކޮށް ދޮންމަރިޔާގެ އޮޑީގައި މަސްލަހަތު ގެއްލިފައި އޮތް ވާހަކަ އޭނާގެ ނިބޫ ކޮއްކޮއާ ހަމަ އަށް ގޮސްފި ނަމަ އޭގެ ނާޖާއިޒު ފައިދާ ނަގަން އެ އަންހެން މީހާ އުޅެފާނެ ގޮތް ދޮންމަރިޔާ އަށް ވަރަށް ރަނގަޅަށް އެނގޭތީ އެވެ. އެ ދެބެއިންގެ ހަށިގަނޑުގައި އެއް ލެއެއް ދެމުނަސް ދެ މީހުންގެ ދެމެދުގައި އެ އަށް ވުރެ ގަދަ އޮއިވަރެއް އުފެދިފައި އޮތީ ޒާތީ ވާދަވެރިކަމެއްގަ އެވެ.

މި ވާދަވެރިކަމުގައި ދެބެއިން އެކަކު އަނެކަކުގެ މައްޗަށް ކުރި ހޯދަމުން ގެންދިޔައީ އަބަދުވެސް އެ މީހުންގެ މުށު ތެރޭގައިވީ މުދައުވެރިކަމުގެ ދަޅަ މީހުންނަށް ދައްކައިގެންނެވެ. ގިނައީ އެ ދަޅަ އަށް އަބަދުވެސް ވަރަށް ފަސޭހައިން ހެއްލުނު މީހުންނެވެ. އެކަމަކު ބުއްދިވެރިންނަކީ ނަސީބުގެ ބާޖުމަރާ މީހުންނެއް ނޫނެވެ. ޚަޒާނާ މިލްކު ވާނެ ރޭވުމަކާ އެކު ޝިކާރަކުރާ މީހުންނެވެ.

އެ ބުއްދިވެރިޔަކީ ރެކިފުތާ އެވެ. އަދި އެ މަކަރުވެރިކަން އޭނާއާ ހަމަ އަށް ގެނެސްދިން މޭސްތިރި އަކީ އެންކެޔޮޅުކަން ނުދީ އޮޑިން ނަގައި އެއްލައިލި އޭނާގެ ޒުވާން އަންހެނުން ސިއްތީ އެވެ.

'އަނބިގޮއްޔެ' އޮޑީގައި އުފެދި ފަނިއަޅަން ފެށި ހިޔާލުތަފާތުވުމާ އެކު އެންމެ ފަހުން އޮޑި ދެ ފަޅިއަށް ފަޅައިގެން ދިޔައީ ސަތޭކަ ކިލޯގެ ހުދަންބަރެއް ހޮވައިގެން އެ މާވަހަރު ބަހާނެ ގޮތަކާ ބެހޭ ގޮތުން ކުރަން ފެށި ޒުވާބުތަކާ އެކުގަ އެވެ. އެންމެ ފަހުން ވިހަސަންފާ އާއި އައިސާކަލޯ ވެސް އޮޑިން ނަގައި އެއްލައިލެވުނީ އެވެ.

ސަބަބަކީ އޮޑިއަކުން ހޮވާ މާވަހަރެއް ބަހާނެ ގޮތް ކަނޑައެޅުމަށް އެ މާވަހަރެއް އަތޮޅުވެރިއެއްގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތް އޮތުމާ ހިޔާލަށް ދޮންމަރިޔާ އާއި އޭނާގެ ވަފާތެރި ތިން އެކުވެރިން ތާއީދު ކުރުމުންނެވެ. އޮޑީގައި އުފެދޭ ދެބަސްވުމާއި ޒުވާބު ރަށު ތެރެއަށް ނުގެންދިއުމަށް ވައުދުވެފައި ވިޔަސް ވިހަސަންފާ އާއި އައިސާކާލޯ އެންމެފަހުން ނިންމީ އެ މައްސަލާގައި މުޅި ރަށާއި ރައްޔިތުންގެ މަސްލަހަތު އިސްކުރާށެވެ. ނަމަވެސް އަމިއްލަ އެދުމުން ފޯވެ ތިބެ އެ މީހުން ގޮސް މި މާވަހަރުގެ ވާހަކަ ކިޔައި ދިނީ ރެކިފުތާ އަށެވެ.

ރެކިފުތާގެ ހިތުގައި އުފެދިފައިވީ ޒާތީ ހަސަދައިގައި ހުޅުގަނޑު ރޯވެ އަނދައިގަތީ އެ ހިސާބުންނެވެ.

ހަނުލައި ތޫނުކުރަން ސާގުމޫސާ ދީފައި ހުރި ވަޅިތަކުގެ ތެރެއިން ދެމިޔަލީ ހަންޖަރު ނަގައި ތޫނުކުރަމުން ގޮސް ރެކިފުތާ ދޮންމަރިޔާމެންގެ ގޯއްޗަށް ވަންއިރު އޭނާ އޮތީ ދުންބޮއެގެން ފެންޑާގައި ބޮޑުއުނދޯއްޔަށް ދެމިފަ އެވެ. ޒުވާން ސާގުމޫސާ އޮތީ ގޭތެރޭގައި ނިދައި މަރުވެފަ އެވެ. ދޮންމަރިޔާގެ ހޭވެރިކަން އޭނާގެ ހަތަރެސްފައިގައި ބައްދައިގަތްއިރު އޭނާ އޮތީ ރަށުގެ ފުނަވަލުގައި އެކޮޅުއެކޮޅުން ނަގައި ގަހެއްގައި އެލުވައި އޮރިޔާން ކޮށްފަ އެވެ.

ކޮކާ ހަނދުވަރުގެ ތެރޭގައި ހުއްޓި ހުރި ރެކިފުތާ ސުވާލު ކުރަމުން ގެންދިޔައީ މާވަހަރުވީ ތަނަކާ ބެހޭ ގޮތުންނެވެ. އެކަމަކު އެ ލޭ އޮހޮރުވައި ނިމުނުއިރު ވެސް ހުދަންބަރު ފޮރުވިތަނެއް ނޭނގުނެވެ.

"އެ ހުދަންބަރު ފޮރުވީ ހައްވާބީނާއި ހިޔަލާއި ސަމީނާ އެވެ،" ޒުވާން ސިއްތީ ބުނެތެވެ.

އެކަމަކު އެ ބުނާ ސަތޭކަ ކިލޯގެ ހުދަންބަރެއް ލޯ ދުށް ފަޅުވެރިޔަކު 'އަނބިގޮއްޔެ' އޮޑީގައި ވެސް ނެތެވެ. ވިހަސަންފާ އާއި އައިސާކާލޯގެ ބޮލުގައި ވެސް ދޮންމަރިޔާމެން ހުދަންބަރެއް ހޮވައިގެން އުޅޭ ވާހަކަ ވިއްސައި ކުޓުވައި ބޮޑުކުރަމުން ގެންދިޔަ މީހަކީ އެ ޒުވާން ސިއްތީ އާއި އޭނާގެ ހިތުގައި އުފެދިފައި އޮތް ހަސަދަވެރިކަމެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާއްޑަ

30 August 2024

ހާދަ އިންސް-ޖަންވާރީ ތަސްވީރެކޭ. ކޮންތާކުން އިންސްޕަޔަވެގެން؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454