ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޒަމީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް
01 ސެޕްޓެމްބަރ 2024 - 19:14
ރާއްޖޭގައި ގާއިމުކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލަށް ބޭނުންވާ ބޭހާއި އާލާތްތައް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން، އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީގައި ރާއްޖޭން ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ކެބިނެޓުގެ ބައެއް ނިންމުތައް ހިއްސާ ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޒަމީރު ވިދާޅުވީ އެޓޮމިކް އޭޖެންސީގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެ އޭޖެންސީގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ރާއްޖޭގައި ގާއިމުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކެންސަރު ހޮސްޕިޓަލަށް މަގުފަހި ކުރުން ކަމަށެވެ.
"އެކަމަށްޓަކައި މިހާރު މި ޒަމާނުގެ މެޑިސިންގައި ވަރަށް ބޮޑަށް ބޭނުންވޭ އެޓޮމިކް އޭޖެންސީގެ އެހީތެރިކަން އެއީ މިކަމަށް ބޭނުންވާ ބައެއް ކަހަލަ އިކުއިޕްމެންޓް ހޯދުމާއި މީގެ ވޭސްޓް މެނޭޖްމެންޓް ކުރުމާއި މި ކަންކަމަކީ އަސްލުގައި އައިއޭއީއޭގައި މެންޑޭޓުގެ ތެރޭގައި ހިމެނިފައިވާ ކަމެއް،" ޒަމީރު ވިދާޅުވި އެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން، 178 މެމްބަރު ގައުމު ހިމެނޭ އެޓޮމިކް އޭޖެންސީގައި މިހާތަނަށް ބައިވެރިވެފައިނުވަނީ ރާއްޖޭގެ އިތުރުން ބޫޓާން އެވެ.
ކެންސަރު ހޮސްޕިޓަލަށް މަގުފަހިކުރުމުގެ އިތުރުން، އޭނާ ވިދާޅުވި ގޮތުގައި އެޓޮމިކް އެނާޖީއާ ދިމާއަށް ގިނަ ގައުމުތަކުން މިސްރާބު ހިފާފައިވާ އިރު، އެކަމުން ރާއްޖެއަށް ވެސް ފައިދާ ހޯދެން އޮތް މަގުތައް، އެ ޖަމިއްޔާގައި ބައިވެރިވެގެން ހޯދޭނެ އެވެ.
"ދުނިޔެއަށް އަންނަ ބަދަލަށް ބަލާއިރުގައި އެޓޮމިކް އެނާޖީއާ ދިމާލަށް ދުނިޔެ ދިޔުމުގެ ފުރުސަތު އެބައޮތް. މިހާރު ރިނުއަބުލް އެނާޖީ އަދި ހައިޑްރޯކާބަން ދުނިޔޭގައި ބޭނުންކުރުން މަދުކުރުން މިކަންކަމާ ކުރިމަތިވެގެންދާނެ، އެހެންވީމަ ރާއްޖެ ވެސް މީގައި ބައިވެރިވެގެން މީގެއިން ލިބެން ހުރި ބެނެފިޓްތައް ހޯދަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެބިނެޓުގެ ނިންމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބުމުން އެ ޖަމިއްޔާގައި ރާއްޖޭން ބައިވެރިވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރާއްޖޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތްކުރުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޕްލޭނެކެވެ. ހޮސްޕިޓަލް އަޅަން ފުރަތަމަ ނިންމީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްސްގެ ދަށުން ލ. ގަމުގަ އެވެ.
ނަމަވެސް، ޑޮކްޓަރުންގެ ކަންބޮޑުވުންތަކާ ހެދި މި ސަރުކާރުން ވަނީ، ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކޮށް، ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލް އަޅަން ނިންމައިފަ އެވެ.
އެއާ އެކު، ދަރުމަވަންތަ ހޮސްޕިިޓަލްގެ ފުރަގަހުން އޮންނަ ބިމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތްކުރަން ނިންމައި އެކަމުގެ ފީސިބިލިޓީ ދިރާސާތައް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އިއުލާނުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަފީގޫ
02 September 2024
އަސްލު ކެންސަރު ހޮސްޕިޓަލާ ގުޅުން ހުރި ކަމެއް ނޫން. ކޮންމެވެސް ބަޔަކު ޕްރެޝަރުކުރަނީ ތޯއްޗެއް. ތިޔަ އެޖެންސީއެއްގައި ބައިވެރިވީމާ އަނެއްކާވެސް ތި ތަނަށް ސަރުކާރުން އިޝްތިރާކު ދައްކަން ޖެހޭ. އެއީ ކުޑަ އަދަދެއް ނޫން. ޚަރަދު ބޮޑުވާ ކަމެއްތާ މިހާރުވެސް ތި ކުރަނީ. ކެންސަރު ހޮސްޕިޓަލަށް ކުރާ ކަމެއްނަމަ، އެ ހޮސްޕިޓަލް އަޅާ ނިމި އޮޕަރޭޝަނަށް އަންނަންދެން މަޑުކޮށްލަންވީއެންނު.
ހައުޒާން ނިޒާމް
02 September 2024
ރާއްޖޭގެ ކެންސަރު ބަލި ވަރަށް ގިނަވެއްޖެ. މުހިއްމު ކަމެއް މިއީ
ޒޫނާ މުހައްމަދު
02 September 2024
ކެންސަރު ހޮސްޕިޓަލޭ ކިޔާފަ އިބޫ މެން ދެއްކީ ހުވަފެން. އެހެން ނުވާނެ މިސަރުކާރުގަ. ނަތީޖާ ނެރޭނެ
ދަންމަރު
02 September 2024
އާނ. މީ ނިއުލްލިއަރ ރިއެކްޓަރތައް ހުންނަ ޤައުމެއް ވިއްޔަ. ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އުޅޭ ބައެއް މީ!
މުހައްމަދު މަފާޒް
02 September 2024
ކެންސަރ ހޮސްޕިޓަލް ހަގީގަތަކަށް ހަދާނީ މިސަރުކާރުން. އިންޝާﷲ
އާބިދު ސައީދު
02 September 2024
ވަރަށް ރަނގަޅު ނިންމުމެއް. އަވަހަށް ތިކަން ފާސްކޮށް މިކަމާ ކުރިޔަށް ދާންވީ
ބަރުބާދު
02 September 2024
އދ ގެ އެޓޮމިކް އޭޖެންސީއަކީ ކެންސަރަށް ބޮންއަޅާ ބައެއްތަ؟.
ކަނޑުކޮސް ޒަމީރު
02 September 2024
އެޓޮމިކް އެޖެންސީ އާއި ގުޅުމާއި ކެންސަރު ހޮސްޕިޓަލް އެޅުމާއި ހުންނަ ގުޅުމަކީ ކޮބަިއތަ؟ އެތަނާއި ނުގުޅި އެކަން ނުވޭތަ؟
ކަރުބުލޮކު
01 September 2024
ހުޅުމާލޭ ހިޔާފުލެޓު ހުރިހިސާބުގަނޑުގަ އެކަހަލަ އިންޖީނުގެއެއް އެޅުން ރަނގަޅު. އަޑުގަދައެއްވެސްނުވާނެ އަނެއްކާ ތެލުގެ ހަރަދު ކުޑަވާނެ.
ރާވެރިބެ
01 September 2024
ނިއުކްލިއަރ ހަކަތަ ލިބުމުން ތެލަށް މިކުރާ ބޮޑު ޚަރަދު ވަރަށް ކުޑަކޮށް ލެވޭނެ. މުސްތަގުބަލަކީ ސޯލާރ އާއި ނިއުކްލިއަރ ހަކަތަ. ރާއްޖޭގަ ބިނާކުރާ ފުރަތަމަ ނިއުކްލިއަރ ރިއެކްޓަރު އަޅަންވާނި އިންޑިއާގެ އެހީގަ ރާއްޖޭގެ ސީދާ މެދުގަ. ދެން ކަނޑު އަޑިން ހުރިހާ އަތޮޅަކަށް ކޭބަލް ގުޅާލާނީ. މިތަން ހިންގާނީ އިންޑިއާ އާ އެމެރިކާގެ ބެލުމުގެ ދަށުން.
ޑަކުތަރު
01 September 2024
އިޒްރޭލުގެ އެންމެބޮޑު ދެއެކުވެރިން. އެކަމަކު މިކަހަލަކަމެއްގާ އިޒްރޭލެއް ފަލަސްތީނެއް ނޯންނާނެ.
އަފްރާސިޔާބު
02 September 2024
ތިޔަ އޮތީ ރާއްޖޭގެ އިގްތިސާދު ހަބޭސް ވެފައި. ދެން ސެޓެލައިޓް އަރުވައި މިސައިލުގެ މުއާހަދާގައި ސޮއިކުރީމާވެސް ރާއްޖޭގެ އިގްތިސާދު ސިންދަފާތުވާނެ.