މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ބަދިގެ އެއް.-- ފޮޓޯ: ރައީސް އޮފީސް
03 ސެޕްޓެމްބަރ 2024 - 09:02
މާލެއިން ފުރައިގެން ބައި ގަޑިއިރު އިރުގެ ދަތުރަކަށް ފަހު ކ. މާފުށީ ޖަލުގެ ފަހަތު ޖެޓީއަށް މަޑުކޮށްލާފައި މި ވަންނަނީ ޖަލުގެ ގޯތިތެރެއަށެވެ. ރާއްޖޭގައި އޮތް ކުށުގެ ވެށީގެ ހާލަތު އެންމެ ރަނގަޅަށް ތަމްސީލުވާ ބިރުވެރި މާހައުލަކީ މާފުށި ޖަލެވެ. އެކަމަކު ޖަލުގެ ތޭރިތަކާ ހިސާބަށް ދިއުމުގެ ކުރިން ފެނުނީ އިހުގެ ސާދާ ދިރިއުޅުމުގެ ތެރެއަށް ހަނދާންތައް ގެންގޮސްދިން އެ ޒަމާނުގެ އަވަށަކަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގެ ގޯތި ތެރޭގައި ހުޅުވި "ދިވެހި ސަގާފީ ގޯތި" ތެރޭގައި ހަދާފައިވާ އެންމެ ހާއްސަ އެއް ތަނަކީ އިހު ޒަމާނުގެ އެދުރުގެ އެވެ. ތަނުގައި އެދުރުދައިތައާ އެކު ކުދިންތަކެއް ވޮށުފިލާގައި އަކުރު އަޅައިގެން ކިޔަވަން ތިއްބެވެ. ހަރުދަނާ އެތައް ބަޔަކު ބިނާކޮށްދިނުމުގެ ބިންގާ އެ ޒަމާނުގައި އަޅައިދިން ފަދަ އެދުރުގެއެކެވެ.
މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ގެއެއްގައި އެދުރު ދައިތައެއް ކިޔަވައިދެނީ.-- ފޮޓޯ: ރައީސް އޮފީސް
އެއް ކުއްޖަކު ފިލާގައި ކިޔަވަމުން ދިޔައިރު، އަނެއް ކުއްޖަކަށް އަކުރު އަޅައިދެމުން ދިޔައީ ހަނޑޫ ދޮލަނގަކުންނެވެ. އެކަމަކު އެއީ އަހަރެމެން އެތައް ބައެއްގެ އުނގެނުން ފެށުނު ހިސާބެވެ. އަހަރެމެން އެ ބަޔަކަށް ނުހަނު އިހުތިރާމާއި ލޯބި އަދިއަދަށް ދާންދެން ވެސް ދެމުން އަންނަ އެދުރު ދައިތައިންނާއި އެދުރުބެއިންނެވެ.
ކިޔަވާގެއިން ނުކުތް އިރު ދިވެހި ސަގާފީ ހެދުމުގައި މީހުން ކޮޅުކޮޅަށް ހިނގާތީ ފެނެ އެވެ. އެކި މީހުން އެކި ކަންކަމުގަ އެވެ.
އޭރު އެދުރުގޭގެ ކަނާތްފަޅީގައި ހުރި ގިފިއްޔެއްގައި، ތެޅިގަލުން ރާނާފައި ހުރި ވަޅަކުން ދާނިން ފެން ނަގަމުން ކުއްޖަކު ފެންވަރުވަން ތައްޔާރުވަނީ އެވެ.
މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ގިފިއްޔެއްގައި ކުއްޖަކު ފެންވަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރޯނު ވެށުމާއި ވަޑާންގެ އާއި އަޅި އުނދުންލީ ބަދިގެ އާއި މި ނޫނަސް އެ ޒަމާނުގެ މަސައްކަތްތަކަށް ހާއްސަ އެތައް ތަނެއް އެ އަވަށުގައި އެބަހުއްޓެވެ. އެތަނުގައި މަސް ކައްކައި ހިއްކުމަށް މީހުންތައް އަވަދިވެތި އުޅެމުން ދިޔަ އެވެ. ތިލޭރުގެއަކާއި އަތްތެރި މަސައްކަތް ދަސްކޮށްދޭ ގެތައް ވެސް ހުއްޓެވެ.
އިރުކޮޅަކުން ފެނުނީ ރުކަކުން މީހަކު ރާ އަރައިގެން މީހަކު ފައިބަނިކޮށެވެ. ރުއް ކައިރީ ހުރި ހޮޅުއައްޓެއްގައި މަސްވެރިންގެ ބަޔަކު އެ ތިބީ އެންދަމާ ދަލެއް މަރާމާތުކުރުމުގަ އެވެ. އަންހެންވެރިން އެހެން ގެއެއްގައި ފަންގިވިދެ އިލޮށި މަށައި މަދު ފަޅަނީ އެވެ. އަނެއް ބަޔަކު ކަށިކެޔޮ ލިޔެ ބިންބި ތަޅާއިރު ކަސަބު ގެތުމާއި އިސްތިރިކުރުމުގައި އަވަދިނެތި އުޅޭ ބަޔަކު ވެސް ތިއްބެވެ.
މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ރާ އަރަނީ.-- ފޮޓޯ: ރައީސް އޮފީސް
އެތަނުގެ ކުރިމަތީ ކުޑަކުދިން ކުޅުމާއި ދަނޑުހެއްދުމަށް ހުސް ބިމެކެވެ. އަހަރެމެންގެ ގައުމު މި ހިސާބަށް ގެނެސްދިން އަމާން ވެއްޓެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރު އަހުމަދު ނަސީމް ވިދާޅުވީ ހަތް މަސް ދުވަހުން ޖަލު އޮފިސަރުން ހެދި މި ތަނުގައި ގައިދީންނަށް ވެސް އެތައް ކަމެއް ދަސްކޮށްދެމުން އަންނަ ކަމަށެވެ.
"މިތަން ތައްޔާރު ކޮށްފައި މި ވަނީ ކަރެކްޝަންގެ އޮފިސަރުންގެ ޓީމުތައް ރަށްރަށަށް ދަތުރުކޮށް، އެ ތަންތަން އަސްލު ހަދާފައި ހުންނަ ގޮތަށް ބަލައިގެން. އޮފިސަރުން ވަނީ އެ ކަންކަން އެ ރަށްރަށުން ދަސް ވެސް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.
މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ވަޑާންގެ އެއްގައި ބަޔަކު މަސައްކަތް ކުރަނީ.-- ފޮޓޯ: ރައީސް އޮފީސް
ގައިދީންނަށް މަސައްކަތް ދަސްކޮށްދިނުމަށް ހާއްސަ އެ ސަރަހައްދު އާންމުންނަށް ވެސް ހުޅުވާލަން ކަރެކްޝަންސް އިން ވަނީ ނިންމައިފަ އެވެ. ސްކޫލްތަކުގެ ކުދިންނާއި ޓޫރިސްޓުންނަށް ވެސް ޒިޔާރަތްކޮށް އެތަން ބަލައިލުމުގެ ފުރުސަތު ދޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.
އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީން ރިހެބިލިޓޭޝަންގައި ބައިވެރިވެވަޑައިގެން އިސްލާހުވެ، އަލުން އެނބުރި މުޖުތަމައަށް ގެނައުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ. ޖަލަކީ އަދަބު ދޭ ތަނަކަށް ވުރެ ބޮޑަށް މީހުން އިސްލާހުކުރާ ތަނަކަށް ހެދުމަށް ކުރާ މަސައްކަތަށް ހިތްވަރު ދިނުމަށް، ރިހެބިލިޓޭޝަންގައި ބައިވެރިވުމުން ޖަލު ހުކުމުން ދުވަސްތައް އުނިވާ ގޮތް ހަދަން ނިންމަވާފައިކަން ވެސް އިއުލާން ކުރެއްވި އެވެ.
މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ގެއެއްގައި މީހަކު ރޯނު ވަށަނީ.-- ފޮޓޯ: ރައީސް އޮފީސް
އިހްސާން ވިދާޅުވީ ގައިދީންނަކީ ހަމައެކަނި "ތޭރިތަކުގައި ބަންދުކޮށްގެން" ގެންގުޅޭ ބަޔަކަށް ހެދުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ވެސް މުޖުތަމައަށް އަނބުރާ އެ ގައިދީން ނުކުންނައިރު މަސައްކަތްތެރި އަދި އުފެއްދުންތެރި ބަޔަކަށް ހެދުން ކަމަށެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުމް ކަނޑައަޅާފައިވާ އާ ސިޔާސަތެއް އެއީ، ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ގައިދީއަކީ، އެ މީހާ [ކޮންމެ ދާއިރާއަކުން] ވިޔަސް މަސައްކަތް އުނގެނުމަށް މަސައްކަތްކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އެއް ދުވަސް ކެނޑޭނެ ދުވަހެއްގެ ގޮތުގައި [ހަމަޖެއްސެވުން]." އިހުސާން ވިދާޅުވި އެވެ.
މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ސަރަހައްދުގައި ހަދާފައިވާ ގެ އެއްގައި ކަސަބު ވިޔަނީ.-- ފޮޓޯ: ރައީސް އޮފީސް
ޕްރިޒަންސް ކޮމިޝަނަރު ހަސަން ޒަރީރު ވިދާޅުވީ ގައިދީން ގިނަ ދުވަހު ޖަލުގައި ހޭދަކުރަންޖެހުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރިހިބިލިޓޭޓް ކޮށްގެން އެ މީހުން އަނބުރާ މުޖުތަމައަށް ނެރެން ކަމަށް އޭނާ ވިދާޅުވި އެވެ.
މާފުށީ ޖަލުގެ ސަގާފީ ގޯތީގައި އުފެއްދުންތެރި އެތައް މަސައްކަތްތަކެއް ޖަލުގެ މުވައްޒަފުންނަށް ދަސްކޮށްދީފައިވާ ވާއިރު، އެ މަސައްކަތްތައް ކުރިމަގުގައި ގައިދީންނަށް ދަސްކޮށްދޭނެކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.
މާފުށި ޖަލުގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި": ގައިދީން ތައްޔާރު ކޮށްފައިވާ ބައެއް ތަކެތި.-- ފޮޓޯ: ރައީސް އޮފީސް
މިވަގުތު ވެސް ރާއްޖޭގެ ޖަލުތަކުގައި 1،600 އަށް ވުރެ ގިނަ ގައިދީން އެބަތިއްބެވެ. އޭގެ ތެރެއިން 65 ޕަސެންޓް ގައިދީންނަކީ ކުށް ތަކުރާރުކޮށްގެން ބަންދުގައި ތިބި މީހުން ކަން ފާހަގަކުރައްވައި ކޮމިޝަނަރު ޒަރީރު ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި އަމާންކަން ގުޅިފައި އޮތީ ކުށުގެ ވެށި ނައްތާލެވިގެން ކަމަށެވެ.
ޖަލު ވާން ޖެހޭނީ ކުށުގެ ވެށިން ނެރެދޭ ތަނަކަށެވެ.
ޖަލުގެ "ސަގާފީ ގޯތި" އެ ސިފަކޮށްދެނީ ގައިދީންގެ މި އެދުމެވެ. ޖަލުގެ އަނދިރިކަމުން ނުކުމެ ކޮންމެ މީހެއްގެ ވެސް އުންމީދަކީ މި ގޯތިން ހަނދާންތައް ގެންގޮސްދޭ އިހުގެ އެ އަމާން އުފާވެރި އަދި ހާސްކަމެއް ނެތް ސާދާ ދިރިއުޅުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސަތު
06 September 2024
ހަމަ ވަރަށް ރަނގަޅު ގޮތެއް ޢާއިލާ އިން އެމީހުންގެ ޙަރަދުގެ ބައެއް ދެއްކުން އަދި ކުށްވެރިން ލައްވާ މަސައްކަތް ކޮށްގެން އެމީހުންގެ ޚަރަދު ހޯދުން. މިކަހަލަ ސިޔާސަތު ބޭނުން ބޮޑު، ދަރަނިވާ ދަނޑިވަޅުގައިވެސް. ޖަލުގެ ވެރިޔާ އަދި ސަރުކާރުން މިފަދަ ކަންކަން ކުރަން ފެނޭ
raajje
03 September 2024
އަޅުގަނޑުގެއޮތީ އެންމެސުވާލެއް، މިހާރުމިޒަމާނުގައި މިހިރަވަސީލަތްތައް، މިސާލަކަސް ގޭސްއުނދުން، ކަރަންޓު، ފޯނު، މިތަކެތި ކާބަފައިންނަށް ލިބުނުނަމަ ކާބަފައިން އުޅޭނީ ދަރުއުނދުނުންކައްކައިގެން ފަނުންހަދާފަހުންްގޭގޭގަ ރިޔަލުދޯނީގަތޯ؟ މާނައަކީ އަޅުގަނޑުމެންގެ ކާބަފައިންނަށް މިދެންނެވި ވަސީލަތްތައް ލިބިފަނެތީމައޭ އެގޮތަށްދިރިއުޅުނީ، އެހެންވީމާ މިދެންނެވިވަސީލަތްތައް ލިބިފައިވާ ޒަމާނެއްގާ ސަގާފަތްދިރުވަންކަމަށްބުނެ އެގޮތައްއުޅުމަކީ ބޯހަމަޖެހޭކަމެއްތޯ؟
ހަންދޮގު
03 September 2024
ތިޔަ ވިދާޅުވަނީ މިހާރު ލިބިފަހުރި ވަސީލަތްތައް ކާބަފައިންނަށް ލިބުނުނަމަ އެމީހުންވެސް ކުށްތަކަށް އަރައިގަންނާނެއޭތޯ؟
raajje
03 September 2024
ހަންދޮގު: މިބުނީސީދާތިހެނެއްނޫން، އެކަމަކު ތަރަށްގީވާއިރު ތަރައްގީވަނީކީ ހަމައެކަނި ރަނގަޅުކަންކަމެއްނޫން، ކުށްކުރުންވެސް އެޑުވާންސްވަމުން ގިނަވަމުންދާނީ، ކުށްކުރުންގިނަވާ މައިގަންޑު ސަބަބަކީ މީހުނަށްދަތިވުން، އެއްބަޔަކު ފެއިލްވުން، މިހެންދިމާވަނީ ސަރުކާރުތަކުން ރައްޔިތުންގެ ކުރިއެރުން ކޮންޓުރޯލުކުރުމަށް އަޅާފައިއޮންނަ ސިއްރުފިޔަވަޅުތަކުގެސަބަބުން، މިޒަމާނުގެ ސަރުކާރުތަކަކީ ބިޒުނަސްގުރޫޕުތަކެއްފަދަބައެއް ފޯކަސްހުންނާނީ އެމީހުންގެ ފައިދާއަށް،
މުރާއްޔެއްނޫން
03 September 2024
އަސްލު ބަލާނަމަ އިހުގެ ސާދާ ދިރިއުޅުމުން މީހުންނަށް ލިބިދޭ ކަސްރަތު މިހާރުގެ ކަންފަސޭހަ ސާމާނު ބޭނުންކުރަން ފެށީމަ ނުލިބޭ. މިހާރު ދިރިއުޅުން ފަސޭހަކުރަން ހުރިހާ އާލާތްތަކެއް ގެންގުޅެންވީމަ ކަރަންޓާ ފެންބިލް ބޮޑުވޭ. އަދި ކާން ލިބޭ އެއްޗިހި މުޅިން ގަޑުބަޑުކޮށް ކެމިކަލުން ފުރިފަ ހުރީމަ އިތުރަށް ސިއްހަތު ގޯސްވެ ބޮޑެތި ބަލިތައް ގިނަވޭ. ގުދުރަތީ ކަންކަމާ އެއްޗެއްސާ ދުރަށް ދާ ވަރަކަށް ދުނިޔެއަށާ އިންސާނުންނަށް ގެއްލުންވާނެކަމަށް ފެންނަނީ.
އެޒަމާން
03 September 2024
ތިދައްކާލުން އަދި ރަނގަޅެއްނޫން. ކުރީޒަމާނުގައި ފުނޑާ ދައި ފެންނަނީ ބަދިގޭގެ ފެންޑާއިން. ފޮޓޯއިން ފެންނަހެން ގޭ ދޮރުމައްޗަކުން ނޫން. ހުނިގޮނޑި ފެންނާނީ ބަދިގެ ތެރެއިން. ފަން ބަދިގެއާ އިންވެގެން ދަރު ގެ އެއްވެސް ފެނޭ. އެއީ ކައްކަން ބޭނުންކުރާ ދަރު، ވާރެއިން ސަލާމަތްކުރުމަށްޓަކައި ހަދާ ތަނެއް. އަދި ތެލި، ތަށި ފަަދަ ތަކެއްޗަށް ޚާއްޞަ އަށިވެސް ފެންނާނީ ބަދިގޭކައިރިން. އަދި ބަދިގެ ފަރާތަށް ޚާއްޞަ ވަޅަކާއި ގެއަށް ނުވަތަ ފެންވަރަން ޚާއްސަ ވަޅުވެސް ހުރޭ.
ސަލާމުއްދީން
03 September 2024
އިހްޒަމާނުގައި ދިވެހިން ތިގޮތަށް ބުރުގާ ނާޅާ. އޭރު މާ ރީތީ.
raajje
03 September 2024
އޭރުނާޅާ ކިތަންމެއެޗެއްމިހާރުއަޅާ ބޭރުންވެސް އެތެރޭންވެސް، ސަގާފަތޭކިޔާފަ އަޅުގަނޑުގެންގެ ކާބަފައިން ކުރިހާކަމެއްކުރަން ދިމާކުރުމަކީ ހަމަޖެހޭކަމަކަށްނުވާނެ، ނަމަވެސް ކާބަފައިންކޮށްފައިވާ ރަނގަޅު މިޒާމަނަށްވެސް ބޭނުންތެރިކަންކަން ދިރުވިދާނެ، ސަގާފަތްކަމަށްބުނެ ރާއްޖޭގައި މުޅީންހެންމިކުރަނީ ފައިދާއެއްނެތްކަންކަން،
ކކކކ
03 September 2024
ފަނުން ގެ ހަދައިގެން ނޫޅެވޭނެ ވަގުން ގިނަކަމުން. ކޮންކްރީޓުން ހަދާ ދަގަނޑު ތަޅު ލައިގެންވެސް މިހާރު އުޅެވެނީ ކިރިޔާ
ހުސްނ
03 September 2024
ކޮންކުރީޓު އަޅަން ދަސްކޮށްދޭންވީނު. ފެނާއި ކަރަންޓު ވަޔަރުކުރާގޮތްވެސް.
ރަގަޅުކަމެއް
03 September 2024
މިހާރު ބިދޭސީންގެ އަތްމަތީ އޮތް ތިޔަ ފަދަ ކަންކަން ދަސްކޮށްދިނިއްޔާ ޖަލުން ނިކުމެ އެމީހުން ކުރާނެ މަސައްކަތެއް ނެތިގެން މަގުމަތީ އުޅެނީއޭ ބުނެވޭނެ ޖާގައެއް ނޯންނާނެ.
ޖުލައި2021
03 September 2024
މީ އަސްލު ވަރަށް ބޭކާރުކަމެއް، ޖަކުގެ ސަލާމަތަށް ނުރައކާ ހުރިކަމެއް، މިފަދަ ތަނެއް ޖަލުތެރޭގަ ހަދައިގެން ، އާމުން އެތަނަސް ވަދެވޭ ގިތަށް ހުޅުވާލީމަ، ޖަލަށް އެްޗެހިވައްދަން އިތުރު މަގެއް ހުޅުވުނީ. އަނެއްކާ ޖަލު އޮފިސަރުންގެ މެންޑޭޓެއްނޫން ސަގާފީ ގޯތހި ހިންގުމަކީ. ތިތަން ޖަލުން ނެރ މާފުށީގަ ޓޫރިސްޓުން އުޅޭ ހިސާބުގަ ތި ހަދަންވީ.
ވަކަންޑަވަތިލް ކަންޑަވާޅި
03 September 2024
ކަރެކްޝަނުން ބޭނުންވާ ގޮތަށް ނުވިނަމަވެސް ބައެއް ފަހަރު ނުވަތަ ގިނަ ފަހަރަށް ޖަލަކީ ކުށްކުރަން ދަސްވާ ތަނަކަށް ވަނީ ވެފައެވެ. އާދައިގެ ކުށެއްގައި ކުރުމުއްދަތަކަށް ޖަލަށްވަދެފައި އެބުރި އަންނަނީ ނުރައްކައުތެރި ކުށްވެރިޔަކަށްވެ ކުށްތައް ހިންގާނެ ހުނަރުތައް ދަސްކޮށްގެން ގާނޫނު ދެކެ ބިރު ނުގަންނަ މީހަކަށް ވެގެންނެވެ.
ލޮލީލް
03 September 2024
ހެހެހެ ދިވެހިންގެ ދެފުށްކެހެރިކަމާއެވެ
6ޔ66
03 September 2024
ޖަލަށްލާ ކުށްވެރިންގެ އާއިލާ އަތުން ފައިސާ ނަގައިގެން ކުށްވެރިންނަށް ހަރަދުކުރަން ޖެހޭ،، ޓެކްސް ޕޭޔަރުންގެ ފައިސާ ތި މީހުނަށް ހަރަދު ކުރުން ބަލައެއް ނުގަނެވޭނެ.. މަހަކު 15000/- އެމީހުންނަށް ..ކަމަކު ނުދޭ
ކީއްކުރަން
03 September 2024
އާއިލާ އަތުން ފައިސާ ނެގުމަކީ އެހާ ރަގަޅު ގޮތެއްތަ؟ ކުށްވެރިން ލައްވާ މަސައްކަތްކުރުވައިގެން އެމީހުން އަތުން ފައިސާ ހޯދުން މާ ރަގަޅުވާނެ. އާއިލާ މީހުން އަތުން ކޮންމެވެސް ވަރެއް ނެގިދާނެ އެކަމު އެމީހާ ކުރި ކުށަކަށް އާއިލާ މީހުން ކީއްވެ ހުރިހާ ޚަރަދެއްކުރަންވީ؟ .