އާޖެންޓީގައިގައި މެއި 17، 2021 ގައި ކުރި މުޒާހަރާއެއްގައި "ފްރޮމް ރިވަ ޓު ދަ ސީ، ފަލަސްތީން ވިލް ބީ ފްރީ" ލިޔެފައިވާ ބޯޑެއް ހިފައިގެން.
05 ސެޕްޓެމްބަރ 2024 - 07:21
ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކޮށް ފާޅުކުރާ ޝުއޫރުތަކުގައި އެންމެ މަގުބޫލު އެއް ޝިއާރު ކަމަށްވާ "ފްރޮމް ރިވަ ޓު ދަ ސީ" އަކީ ފޭސްބުކްގައި މަނާ އިބާރާތެއްގެ ގޮތުގައި ނުބެލެވޭ ކަމަށާއި އެ އިބާރާތް ފޭސްބުކްގެ ކޮންޓެންޓް ޕޮލިސީއާ ހިލާފް ނުވާ ކަމަށް މެޓަގެ އޯވަސައިޓް ބޯޑުން އިއްޔެ ނިންމައިފި އެވެ.
"ފްރޮމް ރިވަ ޓު ދަ ސީ، ފަލަސްތީން ވިލް ބީ ފްރީ" އަކީ ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދުގައި ހިތްވަރު ހޯދުމަށް އަބަދުވެސް ބޭނުންކުރާ ޝިއާރެއް ނަމަވެސް މި އިބާރާތް ބޭނުންކުރުން މި ފަހުން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައީ މިދިޔަ އަހަރުގެ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކާ އެކުގަ އެވެ. އެކަމަކު މިއީ އިޒްރޭލު ނައްތާލުމަށް ގޮވާލާ، ޔަހޫދީންނާ މެދު ނަފްރަތާއި ތަފާތުކުރުން އުފައްދާ އިބާރާތެއް ކަމަށް އިޒްރޭލުން ތުހުމަތުކުރެ އެވެ.
މެޓަގެ ކޮންޓެންޓް މޮޑަރޭޝަނާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސް ފަރާތަކީ މިނިވަން މި ބޯޑެވެ. މި ބޯޑުން މި ފަހުން ވަނީ ފަލަސްތީނުގައި ދެމުން ގެންދާ ހަމަލާތަކާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތަކާ އެކު މަޝްހޫރުކަން ލިބުނު، އެކަމަކު ހިޔާލު ތަފާތުވުން ބޮޑު މި ލަފުޒު ހިމެނޭ ފޭސްބުކް ޕޯސްޓުތަކާ ގުޅޭ ތިން މައްސަލައެއް ރިވިއުކޮށްފަ އެވެ.
ބޯޑުން ބުނީ ނަފްރަތު އުފެއްދުމާއި ހަމަނުޖެހުން ހިންގުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމާއި ނުރައްކާތެރި ޖަމާއަތްތަކާއި ނުރައްކާތެރި ފަރުދުން ޕްރޮމޯޓްކުރުން މަނާކުރާ އުސޫލާ އެ އިބާރާތް ހިލާފް ނުވާ ކަމަށެވެ. އެހެންވެ އެ އިބާރާތް ހިމެނޭ ޕޯސްޓްތައް ފޭސްބުކުން ރިމޫވް ނުކުރެވޭނެ ކަމަށް ނިންމީ އެވެ.
"މީގެ ކޮންޓެންޓް ފޭސްބުކުން ނުނެގުމަށް މެޓާއިން ނިންމާފައިވާ ނިންމުންތައް ދެމެހެއްޓުމަށް ބޯޑުގެ އަޣުލަބިއްޔަތުން ނިންމީ މި ލަފުޒަކީ އެތައް މާނައެއް ހިމެނޭ އަދި އެކި މީހުން އެކި ގޮތްގޮތަށް އެކި ނިޔަތުގައި ބޭނުންކުރާ ލަފުޒެއް ކަމަށް ވާތީ،" ނިންމުމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ވެ އެވެ.
ބޯޑުން ބުނީ އެ ތިން ލަފްޒު ހިމެނޭ އިބާރާތުން ބަޔާންކޮށްދެނީ ފަލަސްތީނަށް ކުރާ ތާއީދު ކަމަށާއި ވަކި ބަޔަކު އެކަހެރިކުރުމަށް ނުވަތަ އަނިޔާވެރިކަމަށް މާނަކުރެވޭ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
"ފްރޮމް ދަ ރިވަ ޓު ދަ ސީ" މި އިބާރާތުން އަންގައިދެނީ އުރުދުން ކޯރާއި މެޑިޓެރޭނިއަން ކަނޑުގެ ދެމެދުގައި ވާ ޖިއޮގްރަފިކަލް ސަރަހައްދެވެ. އެއީ އިޒްރޭލް، ހުޅަނގު އައްސޭރި އަދި ޣައްޒާ ހިމެނޭ ސަރަހައްދެވެ. އިޒްރޭލުން ބުނީ މި އިބާރާތުގައި އެ ބުނަނީ މުޅި ސަރަހައްދު ފަލަސްތީނަށް ލިބެންޖެހޭނެ ވާހަކަ ކަމަށާއި އެއީ އަނިޔާވެރިކަމާ އެކު އެ ބިމުން އިޒްރޭލު ނެރެލުމަށް ގޮވާލުން ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިލަމަންޑާ
05 September 2024
ފޭސްބުކް ހުއްދަތޯ އަހަރެމެން ނުބަލާނަން. އިޒްރޭލުގެ ޖަރީމާތައް ހާމަކުރާނަން. އެއް އެކައުންޓް ބްލޮކް ކުރީ އަނެއް އެކައުންޓް ހުޅުވާނަން. އިޒްރޭލް ޕާސްޕޯޓް ބޭންކުރަން ބުނެފަ އެކަން ނުކުރި ޤައުމިއްޔަތާ ދީނިއްޔަތެއް އަހަރެމެންނަކަށް މުހިންމެއް ނޫން. އިސްލާމީ އުއްމަތުގެ ހައްގުގައި އަހަރެމެން ވަކާލާތުކުރުމަކަށް ދޭނެ މަދު ޑޮލަރު ކޮޅަކުން ނިމުމެއް ނުގެނެވޭނެ