ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރުމަށް ހުށަހަޅާފައިވާ މުހައްމަދު ޝާހިދު(ކ) އާއި އަލީ އިރުފާނު.
05 ސެޕްޓެމްބަރ 2024 - 12:36
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އިތުރު ދެ ނަމެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރުމަށް ހުށަހަޅާފައި ވަނީ މުހައްމަދު ޝާހިދު އާއި އަލީ އިރުފާނު އެވެ.
މުހައްމަދު ޝާހިދު ވަނީ މޯލްޑިވްސް ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމު އަދާކުރައްވައިފަ އެވެ. މީރާގެ އެކި ޑިޕާޓްމެންޓްތަކުގެ ޑިރެކްޓަ ޖެނެރަލްގެ މަގާމާއި މީރާގެ ބޯޑުގެ ސެކްރެޓަރީ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.
ޝާހިދު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓާ އޮފް ސައިންސް (ފައިނޭންސް) އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗްލާ އޮފް އެކައުންޓިން އެންޑް ފައިނޭންސް (އޮނާސް) ހާސިލް ކުރައްވައިފަ އެވެ.
ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅުއްވާފައިވާ އަލީ އިރުފާނަކީ ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން އެންޑް ރީފޯމްގެ ޕްރޮޖެކްޓް ޑިރެކްޓަރެވެ. އޭނާ ވަނީ ވޯލްޑް ބޭންކުގެ ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަނ،ް ފައިނޭންސް އެންޑް ގްރާންޓް އޮޕަރޭޝަންގެ "ވޮއިސް ސެކަންޑީ" ގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
އަލީ އިރުފާން 2018 ވަނަ އަހަރުން ފެށިގެން މާލީ ދާއިރާގެ އެކި ވަޒީފާތައް އަދާކުރައްވާފައިވެ އެވެ. އޭނާ އަކީ ޗާޓަޑް އެކައުންޓަންޓެކެވެ.
އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވައިފަ އެވެ. އަދި އިނގިރޭސިވިލާތުގެ ހެރިއޮޓް-ވަޓް ޔުނިވާސިޓީއިން ބެޗަލާ އޮފް އާޓްސް އިން އެކައުންޓަންސީ އެންޑް ފައިނޭންސް ވެސް ހާސިލްކުރެއްވި އެވެ.
ބީއެމްއެލްގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓީން (އީޖީއެމް) މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އެ ޖަލްސާގައި ބައިވެވޭނީ މި މަހުގެ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވާ މީހުންނަށެވެ.
މިއީ މި އަހަރު ބީއެމްއެލް އިން ބާއްވާ ތިން ވަނަ އީޖީއެމް އެވެ. އޭގެ ކުރިން ބޭއްވި ދެ އީޖީއެމް ވެސް ބޭއްވީ، ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަންކުރުމަށެވެ.
ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިބެ އެވެ. އެއީ ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ. އެކަމަކު މިވަގުތު ބޯޑުގައި ތިއްބެވީ 8 ބޭފުޅުންނެވެ. އޭގެ ތެރެއިން ސަރުކާރުން އައްޔަންކޮށްފައި ތިއްބެވީ ހަތަރު ބޭފުޅުންނެވެ. ބޯޑުގައި އިންނަވާތާ އެތައް އަހަރެއް ފަހުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން މިދިޔަ މަހު ވަނީ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަދަނި
07 September 2024
އިރުފާނަކީ ވަރަށް އަހުލާގު ރަނގަޅު މޮޅު، ފަންނީ ގާބިލު ބޭފުޅެއް. މީހުންނަށް އިހުތިރާމު ކުރާ މީހުން ގޮވައިގެން އުޅެން އެނގޭ، ޓީމެއްގެ ގޮތުގަ މަސައްކަތް ކުރަން އެނގޭ ބޭންކިންގެ އިންޓަރނޭޝަނަލް ތަޖުރިބާހުރި ކެރޭ ޖެހިލުންކުޑަ މީހެއް، ވަރަށް ރަނގަޅު . ޝާހިދު އައުޓް ޑޭޓެޑް
ދޮންބެއް
06 September 2024
ދެލޯ މަރައިގެން ހުރި މީހަކަށް ކިހިނެއް ބޭންކު ހިންގޭނީ. ފައިސާކޮޅު ގެއްލޭތަންވެސް ނުފެންނާނެދޯ.
ޏުހަނު
06 September 2024
އިރުފާނު ބަރާބަރުު
ޒުރާސު
05 September 2024
ސާހިދަކީ ކަމުދާ .މީހެއް ނޫން. މީރާގަ އުޅުނުއިރު އެކަން ފެނުނު
އޭދަފި
07 September 2024
މަވެސް ތިކަމާ އެއްބަސް. އަހުލާގީ ގޮތުންވެސް ވަރަށް ފެންވަރު ނެތް މީހެއް!
ހައްޖަ.
05 September 2024
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ.
ނޯނީމަޑުއެކޭ
05 September 2024
ޝާހިދު ރަނގަޅުވާނެ
ށަޟީޜޫ.
05 September 2024
އޭނާ އަކީ ވަރަށް ސުމެއްގެ މީހެއް. ނޫރައްދީނަށްވުރެން ބޮޑަށް ވެރިން އަންގާ ގޮތަށް ކަންކުރާނެ މީހެއް. އެވަރިހަމަ ޤަވާއިދާއި ޙިލާފު ކަމެއްވިޔަސް. މީރާގައި ހުރެގެންވެސް ކަންކުރީ އެހެން.
ގުންބާ
05 September 2024
ރައީސް އަންގަވާގޮތަށް ކަންކުރަންޏާ މައްސަލައެއްނެތް
ސައުދާޤަރު.
06 September 2024
ގުންބާ ތިބުނި ކަންތައް ވަރަށް ރަނގަޅަށް ޝާހިދު ކުރާނެ. އެހެންވެ ޔާމީނުގެ އަމުރަށް ގާޑިޔާތައް ހިންގާ މީހުންނަށްވެސް ޝާހިދުގެ އުދަގޫ ބޮޑޫ ކުރީ.އޭނާ މީރާގައި އުޅުނު އިރު ކަންކުރިގޮތް އިގޭ މީހުންނަށް މިކަން އިގޭނެ.
އޮނަރަބްލް އަފީފު ދީދީ
05 September 2024
މީގެ 42 އަހަރުކުރިން ބޭންކްގެ ކްލާކެއްގެގޮތުގައި ސްކޫލްނިންމާފައި ވަންނަކުއްޖަކަށް މާލީ އިޤްތިސޯދީ އަމުދުން ބޭންކިންގްދާއިރާގެ މަތީތަޢުލީމް ޙާސިލްކުރުމެއްނެތި ޒަމާނީ ބޭންކިންގ ސިސްޓަމް ހިގާގޮތާއި އެފަދަކަންކަމަށް ގޮތްނިންމުމުގެ އެއްވެސްހުނަރެއް އެފަދަފަރާތެއްގެގައިގައި ނުހުންނާނެކަންއިގޭއިރުވެސް ޑރ މުއިއްޒުގެ ސަރުކާރުގެ މިނިންމުމަށް ފާޑުކިޔާ "އަގު ވަޒަން ނުކުރިކަމަށް" ދައްކަނީ މުޅިން ގޯސް ވާހަކަ. ޙަޤީގަތުގައިވެސް ބޭންކަށް ބަދަލުތަކެއް ބޭނުންވޭ.
ހަސަނު
05 September 2024
ވަރަށް ރަނގަޅު ބަދަލު ތަކެއް ކަމަށް ފެނެ ..