09 ސެޕްޓެމްބަރ 2024 - 09:42
އެމެރިކާގެ ޓޭލާ ފްރިޓްސް ބަލިކޮށް އިޓަލީގެ ޔެނިކް ސިނާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ކެރިއަރުގެ ދެ ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފި އެވެ.
ދުނިޔޭގެ އެއް ވަނައިގައި އޮތް ސިނާގެ ފުރަތަމަ ގްރޭންޑް ސްލޭމަކީ ޖެނުއަރީ މަހު އޮތް އޮސްޓްރޭލިއަން އޯޕަން އެވެ.
ޔޫއެސް އޯޕަން ކާމިޔާބުކުރި އިޓަލީގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ސިނާ ހޯދީ ނިއު ޔޯކް ސިޓީގައި ކުޅުނު ފައިނަލް މެޗުގައި 6-3، 6-4، އަދި 7-5 އިން ފްރިޓްސް އަތުން މޮޅުވެގެންނެވެ.
ފްރިޓްސް މި މެޗާ ކުރިމަތިލީ 12 އަހަރުގެ ތެރޭ މޭޖާ ޓެނިސް މުބާރާތެއް ކާމިޔާބުކުރާ އެމެރިކާގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދުމަށެވެ. އެންމެ ފަހުން ބޮޑު މުބާރާތެއް ކާމިޔާބުކުރި އެމެރިކާ ކުޅުންތެރިޔަކީ 2003 ގެ ޔޫއެސް އޯޕަން ކާމިޔާބުކުރި އެންޑީ ރޮޑިކް އެވެ.
އުމުރުން 23 އަހަރުގެ ސިނާ ބުނީ ޔޫއެސް އޯޕަން އަކީ ވަރަށް ހާއްސަ މުބާރާތެއް ކަމަށާއި މިއީ އަބަދަށް ހަނދާން ހުންނާނެ ކާމިޔާބެއް ކަމަށެވެ.
"ޓެނިސް ދެކެ އަހަރެން ވަރަށް ލޯބިވޭ. އެކަމަކު ޓެނިހުގެ ބޭރުން ވެސް އަހަރެންގެ މުހިއްމު ކަންކަން ހުރޭ. އެގޮތުން މިވަގުތު ވިސްނެނީ ބަލި އެނދުގައި އޮތް ބޮޑުދައިތަ މަތިން. މި ކާމިޔާބީ ހާއްސަކުރަނީ އެ ދައްތަ އަށް،" ސިނާ ބުންޏެވެ.
މި އަހަރުގެ ހަތަރު ގްރޭންޑް ސްލޭމުގެ ތެރެއިން ދެ މުބާރާތް ސިނާ ކާމިޔާބުކުރިއިރު، އަނެއް ދެ މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ކާމިޔާބުކުރީ ސްޕެއިނުގެ ކާލޯސް އަލްކަރާޒް އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ޓެނިހުން ދެން ފެންނާނީ މި ދެ ކުޅުންތެރިންގެ ވާދަވެރިކަން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy