ރިޔާސީ ބަހުސްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
11 ސެޕްޓެމްބަރ 2024 - 13:47
ހެއިޓީން އެމެރިކާގެ އޮހާޔޯގެ ސްޕްރިންގްފީލްޑަށް ވަގަށް އެތެރެވާ މީހުން އެތަނުގައި އުޅޭ ބުޅާތަކާއި ކުއްތާތައް ކަމުން ގެންދާ ކަމަށް ރިޔާސީ ބަހުސްގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން މައްސަލަ ބޮޑުވެއްޖެ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ނައިބު ރައީސް ކަމަލާ ހެރިސްއާ އެކު ޓީވީ ބަހުސްގައި ޓްރަމްޕް މިހެން ވިދާޅުވެ އިތުރުފުޅު ހެއްދެވީ އިމިގްރޭޝަންގެ މައްސަލަތަކާ ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ.
"އެ މީހުން އެ ދަނީ މީހުން ގެންގުޅޭ ޕެޓްތައް ކަމުން. މިއީ އަޅުގަނޑުމެންގެ ގައުމު އޮތް ހާލަތަކީ. މިއީ ލަދުވެތިކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް މިހެން ވިދާޅުވުމާ އެކު ކަމަލާ ވަނީ އެ ވާހަކަ ގަބޫލު ނުކުރެއްވޭކަން އިޝާރާތުން ދައްކަވައި އަދި ހިނިފުޅު ވަޑުވައިފަ އެވެ. އެއާ އެކު ޓްރަމްޕް ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ "ބައެއް މީހުންގެ ކުއްތާތައް ކައިފައިވާ ކަމަށް މީހުން އެބަ ބުނޭ" ކަމަށެވެ.
ބަހުސްގެ މޮޑެރޭޓަރު ޑޭވިޑް މުއީރް ވިދާޅުވީ ސްޕްރިންގްފީލްޑުގައި މީހުން ޕެޓްތައް ހިފައިގެން ކައި ކަމުގެ ސައްހަ ރިޕޯޓެއް ލިބިފައި ނެތް ކަމަށް ޓައުން މެނޭޖަރު ވިދާޅުވާ ކަމަށެވެ.
ބަހުސް ފެށުމުގެ ކުރިން ޓްރަމްޕުގެ ކެމްޕެއިނުން ވަނީ ޓްރަމްޕް ބުޅަލަކާއި އަސްދޫންޏެއްގެ ގައިގައި ބައްދާލައިގެން އިންނަ "އޭއައި ޖެނެރޭޓެޑް" ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ.
ވަގަށް އުޅޭ ބިދޭސީން ޕެޓްތައް ހިފައިގެން ކާ ވާހަކަތައް އެންމެ ފުރަތަމަ ފެށުނީ ގެއްލުނު ބުޅަލެއް ފެނުނީ ހެއިޓީ ބަޔަކު އެ ހިފައިގެން ކަނިކޮށް ކަމަށް ބުނެ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އަދި މީހަކު ބުޅަލެއް ކޭ ކަމަށް ތުހުމަތުކޮށް ސުވާލުކުރާތީ ފެންނަ ފުލުހުންގެ ބޮޑީކެމް ފުޓޭޖެއް ވެސް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވެ އެވެ. އަދި ކަޅު ނަސްލުގެ މީހަކު ދެ އަސްދޫނި ހިފައިގެން ދާތީ ފެންނަ ފޮޓޯއެއް ވެސް އާންމުވެފައިވެ އެވެ.
އެކަމަކު އަސްދޫނިތައް ގެންދާ މީހާ އަކީ ހެއިޓީ މީހެއްކަމެއް ނޭނގެ އެވެ. އަދި ބުޅާ ކޭ ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުކުރި މީހާ އަކީ އެމެރިކާއަށް އުފަން މީހެކެވެ.
ސްޕްރިންގްފީލްޑުގެ ފުލުހުން ވެސް ވަނީ ޕެޓް ޖަނަވާރުތައް ހިފައިގެން ކައި ކަމަށް ބުނާ ވާހަކަ ސާބިތުވާ ވަރުގެ ކަމެއް ރިޕޯޓްކޮށްފައި ނެތް ކަމަށް ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރޭ
12 September 2024
މިގައުމުގައި ބިދޭސީން ކަނީ ކުކުޅާއި، ގެރިއާއި ބަކަރި މަސް، ދިވެހިންނަށް އެމީހުން ދެނީ ބުޅާމަސް
ކިތުނާ
11 September 2024
ޓުރަންޕޫ. މިގައުމުގާ ބުޅާމަސް ކާންދެނީ ބިދޭސީން ދޭސީންނަށް. މިގައުމުގާ ހުރިހާކަމެއްވެސް ހިނގަނީ އެކޮޅުކޮޅުން.
ހޮޓްކިންގ
11 September 2024
ރާއްޖޭގައި ވެސް އަމިއްލަ ފަރާތަކުން މީހަކަށް ލަނޑުދޭން ސާބިތު ނުހިފޭގޮތަށް ކުރި ޕޯސްޓެއް. އެކަމުގެ ތެރެއަށް ސަރުކާރުގެ އިދާރާއެއްގެ މަސައްކަތުގެ ސްޕީޑް ހުރިވަރު ދައްކަން ވަދެ އެމީހާ ހައްޔަރުކޮށް ބުޅާމަސް ކާންދޭ މީހާ ކަމަށް މުޅި މީޑިއާގައި ފަލީހަތްކުރި. އެކަމުގެ ސާބިތު އެއްވެސް ހެއްކެތް އެއްވެސް މިންވަރަކަށް ފުލުހުންވެސް ފުޑްޑްރަގް އޮތޯރިޓީވެސް ދެއްކިފައި ނެތް. މީހުންގެ އަބުރު ކަތިލުމަކީ ބޮޑު ފާފައެއް. އެއީ ބިދޭސީއަކަސް ނުވަތަ ދޭސީއަކަސް.
ބުޅާކާ
14 September 2024
ފްރިޖް އަށް ލާފަހުރި ބުޅާތަކޯ؟ ކެހެރި ނޮޅާފަ ކާބޯތަކެތި ގޮތަށް ރައްކައުކޮށްފައި ހުރީ!