ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ--ފޮޓޯ: މަޖިލިސް
17 ސެޕްޓެމްބަރ 2024 - 11:50
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.
ދެވަނަ ދައުރުގެ ޖަލްސާތަކުގެ ތެރޭގައި މަޖިލީހުން ދަައުރުން ބޭރުން މިއަދު ބޭއްވި ތިން ވަނަ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދައުރުން ބޭރުގައި ޖަލްސާ ބާއްވައިގެން ކުރިއަށް ގެންދިއުމަށް 50 މެންބަރުން ސޮއިކުރައްވައި ހުށަހެޅި ހުރިހާ މަސައްކަތެއް މިއަދު ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް ބޭފުޅަކު އައްޔަން ކުރުމާއި ސަރުކާރުން ހުށަހަޅާފައިވާ ކުންފުނިތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމެވެ.
މިއަދުގެ ޖަލްސާގައި ވަނީ އެ ބިލް ފާސްކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަން ކުރަން ފާސްކޮށްފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް އެ މަނިކުފާނު ނިންމަވާފައިވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް އެޖެންޑާ ކުރުމުގެ ބާރު އޮންނަނީ މަޖިލީހުގެ ރައީސަށެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމައި މަޖިލިސް ޗުއްޓީ އަށް ދިޔައީ މިދިޔަ މަހުގެ 22 ގަ އެވެ. މަޖިލީހުން ޗުއްޓީ އަށް ދިޔައީ ދައުރުގެ މަސައްކަތްތަކުގެ ތެރެއިން 82 ޕަސެންޓް މަސައްކަތްތައް ނިންމާފައި ކަމަށް ރިޔާސަތުން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy