ސްރީ ލަންކާގައި މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒެއްގެ ބޭރުގައި ސަލާމަތީ ބާރުތަކުން ފޯރިމަރާއިރު އޮބްޒާވަރަކު މަޑުކޮށްލައިގެން. -- ފޮޓޯ: އޭއެފްޕީ
21 ސެޕްޓެމްބަރ 2024 - 10:10
ބޭރު ފައިސާ ހުސްވެ ދަރަނި ދެއްކޭނެ ގޮތެއް ނެތި ސްރީ ލަންކާ ބަނގުރޫޓުވި ފަހުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
ލަންކާއަށް މިއިން ޒަމާނަކު ވެސް ކުރިމަތިނުވާ ބޮޑު ދަތިކަމެއް ކުރިމަތިވެ ގައުމު ސަލާމަތްކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދިޔަސް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުންގެ މެދުގައި އެންމެ ބޮޑު ބަހުސަކަށް ވެފައި އޮތީ އައިއެމްއެފްގެ އުނދަގޫ އަދި ރައްޔިތުންގެ ނުރުހުން ބޮޑު ޝަރުތުތަކެވެ.
ނަމަވެސް، ގައުމަށް ކުރިމަތިވި ދަތިކަމުގައި ރައްޔިތުން ނުކުމެ ވެރިކަމުން ދުރުކުރި ގޮޓާބެ ރާޖަޕަކްސަގެ ދައުރު ފުރިހަމަކުރުމަށް، ގާނޫނު ހަދާ މަޖިލީހުން ވެރިކަން ހަވާލުކުރި ރަނިލް ވިކްރެމަސިންހާ އަމިއްލަ ގޮތުން އިންތިހާބަށް ނުކުންނަވައި އައިއެމްއެފްގެ އެހީ ހޯދުން ގެންދަނީ ދިފާއުކުރައްވަމުންނެވެ.
ސްރީ ލަންކާގައި މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓުލާން ކިއޫ ހަދާފައި. -- ފޮޓޯ: އޭއެފްޕީ
"ބަނގުރޫޓުވުމުން އަރައިގަތުމަށް ގައުމު އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭ،" އުމުރުން 75 އަހަރުގެ ރަނިލް މިދިޔަ ހަފްތާގައި ބޭއްވި ކެމްޕެއިން ރެލީއެއްގައި ވިދާޅުވި އެވެ.
"ރައްޔިތުން ނިންމަންވީ ކުރިން ގައުމުގައި އޮތް ބިރުވެރިކަމުގެ ތެރެއަށް އެނބުރި ދާނީތޯ ނުވަތަ ކުރިއެރުން އިހްތިޔާރުކުރާނީތޯ."
ނަމަވެސް 2.9 ބިލިއަން ޑޮލަރުގެ އައިއެމްއެފް ބެއިލްއައުޓްގެ ޝަރުތުތަކާ އެއްގޮތަށް ރަނިލް ޓެކްސް ބޮޑުކޮށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ދިރިއުޅުން ވަނީ ދަތިވެފަ އެވެ.
ލަފާކުރެވިފައިވާ ގޮތުގައި، މީގެ ކުރިން މާބޮޑު ހަރަކާތްތެރިކަމެއް ނެތި އޮތް މާކްސިސްޓް ޕާޓީގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔަކަ އާއި އެހެން ލީޑަރުންނާ އެއްވަރުގެ ކާމިޔާބީއެއް ވެސް ރަނިލް އަށް ނުލިބޭނެ އެވެ. އުމުރުން 55 އަހަރުގެ ޑިސަނަަކަ ގައުމުގެ ކޮރަޕްޝަނާ ދެކޮޅަށް ދައްކަވާ ވާހަކަތަކާ އެކު ވަނީ ރައްޔިތުންގެ ބޮޑު ތާއީދެއް ކުއްލިއަކަށް ލިބިވަޑައިގެންފަ އެވެ.
މީގެ އިތުރުން 1993 ވަނަ އަހަރު، އެގައުމުގައި އެތައް އަހަރެއް ވަންދެން ކުރި ދާޚިލީ ހަނގުރާމައިގައި އަވަހާރަކޮށްލި ކުރީގެ ރައީސެއްގެ ދަރިކަލުން، އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާ، 57، އަށް ވެސް ބޮޑު ތާއީދެއް އެބަ އޮތެވެ.
މި އިންތިހާބުގައި 39 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި މިދިޔަ މަހު ހާޓް އެޓޭކެއް ޖެހިގެން އަވަހާރަވި އުމުރުން 79 އަހަރުގެ ކެނޑިޑޭޓުގެ ނަން ވެސް ވޯޓު ކަރުދާހުގައި އޮންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy