ކުޅިވަރު / ބާސްކެޓް

22 އަހަރަށް ފަހު ރިޝްމާ ބާސްކެޓްބޯޅަ ކުޅުމުން ރިޓަޔާކޮށްފި

ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ފާތިމަތު ރިޝްމާ (ރިޝްޓޯ) 22 އަހަރަށް ފަހު ކުޅުން ހުއްޓާލައިފި އެވެ.

ރިޝްމާ ރިޓަޔާކުރިކަން އިއުލާނުކުރީ، ރޭ ނިމުނު ސުޕަ ކަޕުގެ އިނާމު ދިނުމުގެ ރަސްމިއްޔާތަށް ފަހު އެވެ. މި މުބާރާތުގައި ރިޝްމާ ކުޅުނު ކުއީންސް ވަނީ ދެ ވަނަ ހޯދައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޭނާ އެވެ.

ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން 2017 ވަނަ އަހަރު ގައުމީ އިނާމު ހާސިލްކޮށްފައިވާ ރިޝްމާ ވަނީ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް ސަރަހައްދީ ދެ މުބާރާތަކުން ރިހި މެޑަލް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ވަނީ ކްލަބް ލެވެލްގައި ވިކްޓްރީ އާއި ޓީރެކްސް އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.

ރިޝްމާ ރިޓަޔާކުރުމާ އެކު އޭނާގެ ކާމިޔާބު ދުވަސްތަކުގެ މަތިން ހަނދާންކޮށް ގިނަ ބަޔަކު އަންނަނީ އޭނާ އަށް ތައުރީފުކޮށް، ހެޔޮ އެދުންތައް ފޮނުވަމުންނެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ފޭސްބުކުގައި ލިޔުއްވި ގޮތުގައި ފާއިތުވި ފާހަގަކުރުވަނިވި 20 އަހަރުގެ ތެރޭގައި ރިޝްމާ އަހަރެމެންނަށް ދިން ނިމުމެއް ނެތް ހަނދާންތަކާއި، ފިލާވަޅުތަކާއި، ހިތްވަރަށް ފަށްފަށުން ޝުކުރުއަދާކުރާ ކަމަށެވެ.

"ކުޅިވަރުގައި ރިޝްމާގެ ލެގަސީ އަބަދުވެސް ދިރި ދެމި އޮންނާނެ. ރިޝްމާގެ ކުޅިވަރު ދަތުރު ފެނި، ތަޖުރިބާކުރެވުނީތީ އަބަދަށް ޝުކުރުވެރިވަން،"

ރިޝްމާ އޭނާގެ ފިރިމީހާ ޒިލާލްއާ އެކު.

ރިޝްމާއާ އެކު ބާސްކެޓްބޯޅަ ކުޅުނު ޝިޒްނާ ރަޝީދު (ޝީޓޯޒް) ލިޔުނު ގޮތުގައި ރިޝްމާ ފަދަ ދެ ވަނަ އެއް ނާންނާނެ މި ކުޅިވަރުން ނާންނާނެ ކަމަށެވެ.

"މުޅި ކެރިއަރުގައި ވެސް ރިޝްމާ ހުރީ އެހެން އެކަކަށް ވެސް އޭނާއާ ވާދަނުކުރެވޭ ފެންވަރުގައި. ރިޝްމާ މިކަމަށް ދޭ ސަމާލުކަމާއި، ކުރާ ބުރަ މަސައްކަތް އަބަދުވެސް ހިތުގެ އަޑިން ބަލައިގަންނަން. ރިޝްމާގެ އެންމެ ހާއްސަ ކަމަކީ އޭނާގެ ހިތުގައި މިކަމަށް އޮންނަ ވަރުގަދަ ލޯބި،"

ކުރީގެ ކުޅިވަރު މިނިސްޓަރު އަދި ކިންގްސް ބާސްކެޓްބޯޅަ ކްލަބުގެ ޗެއާމަން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ސިފަކުރެއްވި ގޮތުގައި ރިޝްމާ އަކީ ސުވާލެއް ވެސް ނެތް ގޮތެއްގައި، އަބަދަށް ބެލި ނަމަވެސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންޔެރިޔާ އެވެ.

"ބާސްކެޓްބޯޅަ އާއިލާގެ އެންމެން ވެސް ރިޝްމާގެ މަތިން ހަނދާންކުރާނެ،"

ތާޖުއްދީން ސްކޫލާއި، އަމީނިއްޔާ ސްކޫލުގައި ކިޔެވިއިރު ކުޅިވަރުގައި ވިދާލި ރިޝްމާ އަކީ، ބާސްކެޓްބޯޅައިގެ އިތުރުން ނެޓްބޯޅަ އާއި ހޭންޑްބޯޅަ އާއި އެތުލެޓިކްސްގެ ވެސް ހުނަރުވެރިއެކެވެ. ގައުމީ ފެންވަރުގައި އޭނާ އެންމެ ފުރަތަމަ ފެނުނީ ނެޓްބޯޅައިން ކަމަށްވިޔަސް 2002 ވަނަ އަހަރު ބާސްކެޓްބޯޅަ ކުޅެން ފެށި ފަށައި އޭގެ ފަހުން ފަސް އެނބުރި ބަލާފައެއް ނުވެ އެވެ.

އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ކުޅުންތެރިންނަށް ކުޅިވަރު އެވޯޑެއް ދިން އަހަރު ކަމަށްވާ 2006 ގައި އެ އެވޯޑް ހާސިލްކުރީ އޭނާ އެވެ. އެއީ ހަވީރު ސްޕޯޓްސް އެވޯޑްސްގައި ވޮލީބޯޅަ އާއި ބާސްކެޓްބޯޅަ އާއި ނެޓްބޯޅަ އެއްކޮށްގެން ދިން ސްޕޯޓްސް ވުމަން އޮފް ދި އިޔާ އެވޯޑެވެ. އޭގެ ފަހުން 'ހަވީރު" އިން ބާސްކެޓްބޯޅަ އެވޯޑް ވަކިން ދޭން ފެށި ފަހުން، އޭނާ އެ އެވޯޑް 2009، 2010، 2013 އަދި 2015 ވަނަ އަހަރު ހޯދި އެވެ.

ރިޝްމާ މިހާރު އަންނަނީ ބާސްކެޓްބޯޅަ ކޯޗިން ލައިސަންސް ނަގައި، ކޯޗުވެސް ކޮށްދެމުންނެވެ. އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޔޫތު ޑިވެލޮޮޕްމަންޓަށެވެ. ރިޝްމާގެ ދައްތަ އައިމިނަތު ރީމާ އަކީ ވެސް ހުނަރުވެރި ބާސްކެޓްބޯޅަ ކުޅުންތެރިއެކެވެ. އަދި ރިޝްމާގެ ފިރިމީހާ މުހައްމަދު ޒިލާލަކީ ރާއްޖޭގެ ބާސްކެޓްބޯޅައިގެ ލެޖެންޑެކެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު1

03 October 2024

މާ ލަސްވެއްޖެ. ރިޝްއަކީ މިހާތަނައް އުފެދުނު އެންމެ މޮޅު އެއްކުޅުންތެރިޔާ. ދެބަހެއް ނުވެވޭނެ ކަމެއް. ޒުވާން ކުދިންނަށް ހުރި ހުރަހެއް މިހާރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454