20 އޮކްޓޯބަރ 2024 - 11:59
"އެމްއޭސީއެލް ކެރިއާ 2024"ގެ ނަމުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކެރިއަށް ގައިޑެންސް ޕްރޮގްރާމެއް ފަށައިފި އެވެ.
"އެމްއޭސީއެލް ކެރިއާ 2024"ގެ އަމާޒަކީ އޭވިއޭޝަން ދާއިރާގެ އިތުރުން، އެއާޕޯޓް އޮޕަރޭޝަންސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، އެ ފުރުސަތުތަކަށް އަހުލުވެރިކުރުވުމެވެ.
ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފެށި މި ހަރަކާތުގައި އިއްޔެ ވަނީ މި ޕްރޮގްރާމްގެ ފުރަތަމަ ފެއާ އާޒީ ސްކޫލުގައި ބާއްވައިފަ އެވެ.
މި ފެއާ ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ޓެކްނިކަލް ގޮތުން ގާބިލު ދިވެހިން ބިނާކުރުމަކީ އެމްއޭސީއެލްގެ އަމާޒެއް ކަމަށެވެ. އަދި ސްކޫލް މަރުހަލާ ނިންމާ ދަރިވަރުންނަށް އެމްއޭސީއެލް ފަދަ ކުންފުންޏަކުން ހުޅުވިފައިވާ ފުރުސަތުތައް އެނގުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ޝަރީފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ވަކި ރަށެއްގައި ހިންގާ ތަނަކަށްވުމުން އެ ތަނުގައި އެއާޕޯޓް އޮޕަރޭޝަންސްގެ އިތުރުން ވަރަށް ގިނަ މުނިސިޕަލް ހިދުމަތްތަކާ އެކު އެ ތަނަކީ ގިނަ އިންޑަސްޓްރީތަކެއްގައި މަސައްކަތް ކުރުމުގެ މަގު ފަހިވެފައި އޮތް ކުންފުންޏެއް ކަމަށެވެ. އޭނާ ވިދާޅުވީ މުސްތަގުބަލުގައި ކުންފުނީގެ ހުރިހާ ވަޒީފާއެއްގައި ދިވެހިން މަސައްކަތްކުރާތަން ފެނުމަކީ އުންމީދެއް ކަމަށެވެ.
މި ސެޝަންތަކުގައި އެ ކުންފުނިން ވަނީ ހާއްސަ ލަކީޑްރޯއެއް ވެސް ނަގައިފަ އެވެ. މި ލަކީޑްރޯއިން ގުރުއަތުން ހޮވުނު 20 ދަރިވަރުންނަށް އެ ކުންފުނީގެ މަސައްކަތްތައް ގާތުން ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ގުރުއަތުން ހޮވުނު 10 ދަރިވަރަކަށް ހާއްސަ ހަދިޔާއެއް ވެސް ވަނީ ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy