އުރީދޫގެ ޕާޓްނަރަކަށް އެވޯޑު ހަވާލުކުރަނީ: އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ ޕާޓްނަރުންގެ އަގު ވަޒަންކޮށް އަދި އެވޯޑް ވަނީ ދީފައި --- ފޮޓޯ/އުރީދޫ
26 އޮކްޓޯބަރ 2024 - 20:42
އުރީދޫ މޯލްޑިވްސްގެ ބިޒްނަސް ޕާޓްނަރުންގެ އަގު ވަޒަންކޮށް، ފާހަގަކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނާ އެވޯޑާއި ގާލާ ނައިޓެއް ބާއްވައިފި އެވެ.
އުރީދޫން ބުނީ އެ ހަފްލާއަކީ އެކި ކެޓަގަރީތަކުގެ ޕާޓްނަރުންގެ އަގު ވަޒަންކޮށް، އިނޮވޭޝަނާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި ވިޔަފާރީގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާ ކުރަމުންދާ ޕާޓްނަރުން ފާހަގަކުރުން ކަމަށެވެ.
މި ހަފްލާގައި، އުރީދޫއާއެކު އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އުރީދޫގެ ބިޒްނަސް ޕާޓްނަރުންނަށް ހަނދާނީ ލިޔުން ހަވާލުކުރި އެވެ. އުރީދޫން ބުނީ އެ ޕާޓްނަރުންގެ ސަބަބުން އުރީދޫއަށް ކާމިޔާބުކަމާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ހިދުމަތް ފުޅާ ކުރެވިފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ކްލަބް ޕްރިމިއާގެ ޓޮޕް ޕާޓްނަރުންނާއި ޓޫރިސްޓް ޕާޓްނަރުންގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑެއް ވަނީ ދީފަ އެވެ.
އުރީދޫގެ ޕާޓްނަރަކަށް އެވޯޑް ހަވާލު ކުރަނީ --- ފޮޓޯ/އުރީދޫ
މި ހަފްލާގެ އެންމެ އަގުހުރި އެވޯޑް، ބެސްޓް ބިޒްނަސް ޕާޓްނަރުގެ އެވޯޑް ދީފައިވަނީ ސޭލްސް އެންޑް ސާވިސް އިން ފެށިގެން ކަސްޓަމަރުންގެ ތަޖުރިބާއާ ހަމައަށް ހުރިހާ ދާއިރާއަކުން ވެސް އެންމެ ފާހަގަ ކޮށްލެވޭ ޕާޓްނަރަށެވެ. މި ޕާޓްނަރަކީ އުރީދޫގެ އަސާސްތަކާއި މިޝަންގެ ނަމޫނާ ދައްކައި، އެއް ބަޔަކު އަނެއް ބަޔަކަށް ކާމިޔާބީ ހޯދައި ދިނުމުގައި ވަރަށް ބޮޑު އެހީތެރި ކަމެއް ފޯރުކޮށްދީފައިވާ ޕާޓްނަރެއްކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
މި ގާލާ ނައިޓުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވަނީ ހުރިހާ ޕާޓްނަރުން ގުޅިގެން ކުރާ މަސައްކަތަށް ތައުރީފު ކުރައްވައި، ޝުކުރު އަދާ ކުރައްވައިފަ އެވެ.
"މިރޭ އަޅުގަނޑުމެން ފާހަގަ ކުރަނީ އަޅުގަނޑުމެން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭ އެއްބާރުލުމާއި ހިއްސާވާ ވިސްނުމުގެ ރޫހު. ތިޔަ ޕާޓްނަރުންގެ ސަބަބުން ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ވަނީ މަގުފަހިވެފައި." އޭނާ ވިދާޅުވި އެވެ.
އުރީދޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ޕާޓްނަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy