ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދިން ހަމަލާއެއްގައި ޒަހަމްވި ކުއްޖަކު ނަގައިގެން ފަރުވާ ދޭން މީހަކު ދުވެފައި ދަނީ. -- ފޮޓޯ: އޭއެފްޕީ
27 އޮކްޓޯބަރ 2024 - 06:33
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު މިހާރު ގެންދަނީ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ވަށައިގެން ތިބެ ހަމަލާތައް ދެމުން ކަމަށާއި ހާލަތު އޮތީ ވަރަށް ނުރައްކާ ހިސާބެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.
"ޣައްޒާގެ އުތުރުގެ ހާލަތު ވަރަށް ނުރައްކާތެރި،" ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް އެކްސްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިއްހީ ސާމާނުގެ ދަތިކަން ވަރަށް ބޮޑުވެއްޖެ ކަމަށާއި އެހެންވެ މީހުންގެ ފުރާނައަށް އެކަމުން ނުރައްކާވަމުންދާ ކަމަށެވެ.
ޣައްޒާގެ އުތުރުގައި އެންމެ ފަހުން ހިންގަމުން ދިޔަ ހޮސްޕިޓަލް ކަމަލް އަދްވާންއަށް އިޒްރޭލު ސިފައިން ވަދެ އެތައް ބަޔަކު ހައްޔަރުކުރި އޮޕަރޭޝަނާ މެދު ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ޓެޑްރޯސް ވިދާޅުވީ ހޮސްޕިޓަލުގައި ތިބި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާ ވަގުތީ ގޮތުން ގުޅުން ކެނޑިފައިވާކަން ޣައްޒާގެ ހެލްތު މިނިސްޓްރީން ޑަބްލިއުއެޗްއޯއަށް އަންގާފައިވާ ކަމަށެވެ.
އިޒްރޭލުން މި މަހުގެ ކުރީކޮޅު ބޮޑު އޮޕަރޭޝަނެއް ފެށި ޖަބަލިއާ ކޭމްޕްގެ ފެސިލިޓީ އަށް ދިން ހަމަލާގައި ދެ ކުއްޖަކު ޝަހީދުވެފައިވާ ކަމަށް ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން ތުހުމަތު ކުރެ އެވެ.
އިޒްރޭލު ސިފައިން ހިންގި މި އޮޕަރޭޝަންގައި އެތައް ސަތޭކަ މުވައްޒަފުންނާއި ބަލިމީހުންނާއި ގެދޮރު ގެއްލިފައިވާ މީހުން ހިފަހައްޓާފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ކަމާލް އަދްވާންގެ ވަށައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ނަމަވެސް "ހޮސްޕިޓަލުގެ ސަރަހައްދުގައި ހަމަލާތައް ދިންކަން ނޭނގޭ" ކަމަށެވެ.
އިޒްރޭލުން ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކަށް އަހަރެއް ވެފައި ވާއިރު މިހާތަނަށް ފަލަސްތީނުން 42،924 މީހަކު ވަނީ ޝަހީދުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy