ބަލޮޓެލީ (ވ) ބްރެޝިއާގެ ޖާޒީގައި. -- ފައިލް ފޮޓޯ
27 އޮކްޓޯބަރ 2024 - 10:23
އިޓަލީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް މާރިއޯ ބަލޮޓެލީގެ އެހީ ހޯދަން އިޓާލިއަން ލީގުގެ ޖެނޯއާ އިން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޖެނޯއާ އިން ވަނީ މި ސީޒަން ނިމެންދެން އޭނާ ލައްވައި ކުޅުވަން އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި މި ހަފުތާގެ ތެރޭގައި މެޑިކަލް ޓެސްޓް ހަދައި، ޖެނޯއާއާ ބަލޮޓެލީ ރަސްމީކޮށް ގުޅޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ބަލޮޓެލީ އެންމެ ފަހުން އިޓާލިއަން ލީގުގައި ކުޅުނީ 2020 ވަނަ އަހަރު ބްރެޝިއާ އަށެވެ. އޭގެ ފަހުން އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ މޮންޒާ އަށް ކުޅުމަށް ފަހުން ދެން ބަދަލުވީ ތުރުކީގެ އަޑަނާ ޑެމިރްސްޕޯ އަށެވެ. އެ ޓީމަށް އެއް ސީޒަން ކުޅުމަށް ފަހު ސްވިޒަލެންޑުގެ ސިއޮންގައި ވެސް ދުވަސްކޮޅެއް ހޭދަކުރުމަށް ފަހު މިދިޔަ އަހަރު އަލުން އަޑަނައާ ގުޅުނެވެ. އޭނާ އެ ޓީމަށް 16 މެޗުން ހަތް ލަނޑު ޖަހައިދިން ނަމަވެސް މިދިޔަ ސީޒަނަށް ފަހު ކޮންޓްރެކްޓް އާ ނުކުރެ އެވެ.
ބަލޮޓެލީ ދާދި ފަހުން ބުނީ މި ސީޒަނުގައި ވަރަށް ގިނަ ޓީމުތަކުން އޮފާ ލިބުނު ކަމަށާއި އެކަމަކު އިޓާލިއަން ލީގަށް ބަދަލުވާން ބޭނުންވާތީ އެ ފުރުސަތުތައް ދޫކޮށްލީ ކަމަށެވެ.
ބަލޮޓެލީއާ އެކު އިޓަލީ ގައުމީ ޓީމަށް ކުޅުނު އަލްބާޓޯ ޖިލަޑީނޯ ކޯޗުކޮށްދޭ ޖެނޯއާ އޮތީ ރެލިގޭޝަން ޒޯނުގަ އެވެ. ބަލޮޓެލީ ގެންނަނީ ތަޖުރިބާކާރު ފޯވާޑެއްގެ އެހީއާ އެކު ނަތީޖާ ރަނގަޅުކުރުމުގެ އުއްމީދުގަ އެވެ.
އުމުރުން 34 އަހަރުގެ ބަލޮޓެލީ އަކީ ކެރިއަރުގެ ކުރީކޮޅު އިންޓަ މިލާނާއި، މެންޗެސްޓާ ސިޓީ، އާއި އޭސީ މިލާނާއި، ލިވަޕޫލަށް ކުޅެފައިވާ އޭރުގެ އުއްމީދީ ފޯވާޑެކެވެ. އެކަމަކު އިޓަލީ ގައުމީ ޓީމަށް 2012 ގެ ޔޫރޯ އާއި، 2014 ގެ ވޯލްޑް ކަޕުގައި ވެސް ކުޅުނު ބަލޮޓެލީ އަށް އަހުލާގީ މައްސަލަތަކާ ހެދި އޭނާގެ ފެންވަރު ދެމެހެއްޓޭ ގޮތެއް ނުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy