31 އޮކްޓޯބަރ 2024 - 05:57
އިންޑިއާގެ އެންމެ ބޮޑު ނިއުސްވަޔާ ސާވިސް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އިން ވިކިޕީޑިއާއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައަކާ އެކު އިންޑިއާގައި އެ ވެބްސައިޓްގެ ކުރިމަގާ މެދު ސުވާލު އުފެދިއްޖެ އެވެ.
ވިކިޕީޑިއާ ހިންގާ ވިކިމީޑިއާ ފައުންޑޭޝަނާ ދެކޮޅަށް އޭއެންއައި އިން 20 މިލިއަން ރުޕީސް (237،874 ޑޮލަރު) ގެ ބަދަލެއް ހޯދަން ދައުވާކޮށް ކޯޓަށް ހުށަހެޅީ އަބުރު ގެއްލޭ ފަދަ ކޮންޓެންޓެއް ވިކިޕީޑިއާގައި ޝާއިއުކޮށްފައިވާ ކަމަށް ބުނެ އެވެ.
ދިއްލީގެ ހައި ކޯޓުގައި އުފުލި ދައުވާގައި ބުނެފައިވަނީ އޭއެންއެއައިއާ ބެހޭ ގޮތުން ވިކިޕީޑިއާގައި އޮތް މައުލޫމާތުގައި އެއީ މިހާރުގެ ސަރުކާރުގެ ޕްރޮޕަގެންޑާ ހަތިޔާރެއް ކަމަށާއި ފޭކް ނިއުސް ވެބްސައިޓްތަކުން މައުލޫމާތު ނަގައިގެން ހަބަރު ފަތުރާ ބައެއް ކަމަށް ލިޔެފައިވާ ކަމަށެވެ. އެއީ އަބުރަށް އަރައިގަތުން ކަމަށާއި އެ މައުލޫމާތު އުނިކުރަން އަމުރުކުރުމަށް ދައުވާގައި ވަނީ އެދިފަ އެވެ.
ވިކިޕީޑިއާއިން ރައްދުގައި ބުނެފައިވަނީ އެ ވެބްސައިޓް މެނޭޖްކުރަނީ ވޮލަންޓިއަރުން ކަމަށާއި ވިކިމީޑިއާ ފައުންޑޭޝަންގެ އެއްވެސް ކޮންޓްރޯލެއް އޭގައި ހުންނަ ކޮންޓެންޓުގެ މައްޗަށް ނޯންނަ ކަމަށެވެ.
މިހެން ބުނެފައި ވާތީ އޯގަސްޓް މަހު ކޯޓުން ވަނީ އޭއެންއައިގެ މައުލޫމާތު އެޑިޓްކޮށް، ދައުވާގައި ބުނާ އިބާރާތްތައް އިތުރުކުރީ ކާކުކަން ކޯޓަށް ހާމަކުރުމަށް އަމުރުކޮށްފަ އެވެ. އެ އަމުރަށް ތަބާނުވެއްޖެ ނަމަ އިންޑިއާގައި ވިކިޕީޑިއާ މަނާކުރާނެ ކަމުގެ އިންޒާރު ކޯޓުން ދީފައިވެ އެވެ.
މިހާރު ވެސް ހިނގަމުންދާ މި މައްސަލައިގައި ވިކިޕީޑިއާ އިން މިހާރު ވަނީ ކޯޓުން އަމުރުކުރި ގޮތަށް، މައުލޫމާތު އެޑިޓްކުރި މީހާގެ އެންމެ އަސާސީ މައުލޫމާތު ފަނޑިޔާރުންނަށް އެކަނި ހިއްސާކުރެވިދާނެ ކަމަށް ބުނެފަ އެވެ.
ތަޖުރިބާކާރުން ބުނަނީ މިއީ ވިކިޕީޑިއާގައި "ވަކި އަތަކަށް ނުޖެހި" މައުލޫމާތު ފެތުރުމުގައި ވިކިޕީޑިއާއިން ގެންގުޅޭ އުސޫލަށް ބޮޑު ބަދަލެއް ގެންނަން ޖެހިދާނެ މައްސަލައަކަށް ވެދާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިމީޑިއާ
31 October 2024
ވިކިޕީޑިއާއަކީ ކޮންމެމީހަކަށްވެސް ލިޔުންތައް ލެވޭގޮތަށް އޮންނަ ޕްލެޓްފޯމެއް ނަމަވެސް ކޮންޓެންޓްތައް ފިލްޓަރ ކުރުމުގެ ބާރު ވިކިޕީޑިއާއަށް އޮންނާނެ. ދެން އެހެންނޫނަސް ވިކިޕީޑިއާގަ ހުންނަ ގިނަ މައުލޫމާތަކީ %100 ސައްހަ މައުލޫމާތެއް ނޫން
ދަގޭ
31 October 2024
ކޮންތާކު %100 ސައްހަ މައުލޫމާތު ހުންނަނީ؟