31 އޮކްޓޯބަރ 2024 - 06:27
މޫސުމީ މައްސަލަތަކާ ގުޅޭ ގޮތުން ބާއްވާ ކޮޕް ސަމިޓަކީ ވަގުތު ބޭކާރުވުން ނޫން ކަމެއް ވާ ތަނެއް ނޫން ކަމަށް ބުނެ އަންނަ މަހުގެ ކޮޕް29 ސަމިޓް ބޮއިކޮޓްކުރަން ޕަޕުއާ ނިއު ގިނީން ނިންމައިފި އެވެ.
ޕަޕުއާ ނިއު ގިނީގެ ފޮރިން މިނިސްޓަރު ޖަސްޓިން ޓީކާޗެންކޯ އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޖައްވަށް ވިހަ ގޭސްތައް ބޭރުކޮށް ތަޣައްޔަރުކުރާ ބޮޑެތި ގައުމުތަކުން އެކައްޗެއް ކިޔައިގެން އެކުގައި މަސައްކަތްކުރަން ފަށަންދެން ސަމިޓް ބޮއިކޮޓްކުރަން ނިންމާފައިވާ ކަމަށެވެ.
ކޮޕް29 ސަމިޓް ބާއްވަން ހަމަޖައްސާފައި ވަނީ އަޒަރްބައިޖާންގައި، އަންނަ މަހުގެ 11 އިން 22 އަށެވެ.
"ޖައްވު ތަޣައްޔަރުކުރާ އެންމެ ބޮޑު ގައުމުތަކުން ވަނީ މޫސުމީ މައްސަލަތައް ހައްލުކުރުމަށް މިލިއަނުން އެހީވުމަށް ވައުދުވެފައި. އެކަމަކު އެ ހުރިހާ އެއްޗެސް މިހާރު ދަނީ ކޮންސަލްޓެންޓުންނަށް،" އޭނާ ވިދާޅުވި އެވެ.
ވޯލްޑް ވައިލްޑްލައިފް ފަންޑުން ބުނާ ގޮތުގައި ނިއު ގިނީ އަކީ ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ރެއިންފޮރެސްޓް އޮންނަ ތަނެވެ. އެހެންވެ އެއީ "ބިމުގެ ފުއްޕާމޭ" ގެ ގޮތުގައި ސިފަކުރެ އެވެ.
ކަނޑުގެ އައްސޭރިފަށުގައި އޮންނަ ފަގީރުކަން ބޮޑު ނިއު ގިނީ އަކީ މިހާރުވެސް ގުދުރަތީ ކާރިސާތަކުގެ ނުރައްކާ ބޮޑު ތަނެކެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ވަރަށް ބޮޑު ތަނެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
"ނަތީޖާއެއް ނުނެރެވި މިދިޔަ ތިން އަހަރު ތަކުރާރުކޮށް ދައްކާ މޮޅު ވާހަކަތައް ދެކެ މިހާރު ފޫހިވެއްޖެ،" ޓީކާޗެންކޯ ވިދާޅުވި އެވެ.
މިއީ އދ. އިން ބާއްވާ މޫސުމާ ބެހޭ މި ސަމިޓްގައި އާންމުކޮށް އަމާޒުވާ ފާޑުކިޔުމަކަށް އޮންނަނީ ވެފަ އެވެ. މޫސުމަށް ބަދަލުތައް އައުމަށް މެދުވެރިވާ ވިހަ ގޭސްތައް އެންމެ ގިނައިން ބޭރުކުރާ ގައުމުތަކުން އެފަދަ ގޭސްތައް މަދުކުރުމުގައި އެއްބަސްވުމަކަށް ނާދެވޭއިރު މާނަ ހުރި ގޮތެއްގައި އެކަށީގެންވާ ފިޔަވަޅެއް ވެސް ނޭޅެ އެވެ. އެކަމަކު ޕައުއާ ނިއު ގިނީ ވެފައި މި ވަނީ މި ކަންކަމާ ގުޅުވައި ސަމިޓް ބޯއިކޮޓްކޮށް އެންމެ ފާޅުގައި ވާހަކަ ދެއްކި އެއް ގައުމަށެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަލަ
02 November 2024
ޕަޕުއާ ކުދިންނަށް ވިސްނޭ. ފައިސާ އާއި ވަގުތު އިސްރާފުވުން ފިޔަވައި އިތުރު އެއްކަމެއްވެސް ނުވޭ
މަބުނީ
31 October 2024
ސަތޭކައިގެ ވާހަކައެއް. ބޭކާރިހަރަދު ބޮޑުވެ ދަރަނިވެރިވުން ނޫނަކަމެއްނުވެ. އެކަމަކު ދަރަނި ފިލާތޯ މަމެން މިފަހަރުވެސް ބައިވެރިވާން ގަސްތުކުރަން.
ޏަނާ
31 October 2024
ދަރަންޏެއް ނޫން ފިލާނީ! އެންމެން ކޯޓު ފަޓްލޫނު ލައިގެން ގޮސް މޮޅެތި ވާހަކަ ދައްކާފަ އަންނާނެ. އެކަމަކު މި ރާއްޖޭގައިވެސް ކަންކުރަނީ އެއާ ދިމާ އިނދިކޮޅަށް!