އިޒްރޭލުން މީގެ ކުރިން ދިން ހަމަލާއެއްގައި ޝަހީދުވި ކުޑަކުއްޖެއްގެ ހަށިގަނޑު ނަގައިގެން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
10 ނޮވެމްބަރ 2024 - 13:10
ފަލަސްތީނުގެ އުތުރުގެ ސަރަހައްދެއްގައި ދެ ގެއަކަށް އިޒްރޭލުން ދިން ދެ ހަމަލާއެއްގައި 13 ކުޑަކުދިންނާ އެކު ޖުމްލަ 30 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ ޣައްޒާގެ އުތުރުގެ ޖަބާލިއާގެ ގެއަކަށް އާދީއްތަ ދުވަހުގެ ފަތިހު ދިން ފުރަތަމަ ހަމަލާގައި 13 ކުޑަކުދިންނާ އެކު "މަދުވެގެން 25" މީހުން ޝަހީދުވެ 30 އަށް ވުރެ ގިނަ މީހުން ޒަޚަމްވި ކަމަށެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ ޣައްޒާގެ އުތުރުގެ ޖަބާލިއާ ހިމެނޭ ސަރަހައްދުތަކަށް ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާތައް ދެމުންނެވެ. އިޒްރޭލުން ބުނަނީ އެއީ ހަމާސްގެ ހަނގުރާމަވެރިން އަލުން އެސަރަހައްދުގައި ޖަމާވުން ހުއްޓުވަން ދޭ ހަމަލާތަކެއް ކަމަށެވެ.
ޣައްޒާ ސިޓީގެ ސަބްރާ އަވަށަށް ދިން އެހެން ހަމަލާއެއްގައި ފަސް މީހަކު މަރުވެފައި ވާއިރު، އެތައް ބަޔަކު ވަނީ ގެއްލިފަ އެވެ.
"އާންމުންގެ އެތައް ބަޔަކު، އިމާރާތުގެ ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ތާށިވެފައި އެބަތިބި،" މަދަނީ ދިފާއީ އިދާރާއިން ބުންޏެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 43،552 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy