ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ: އޭނާ އާއި އިތުރު އެތައް ބަޔަކު ހައްޔަރުކޮށް ޝަރީއަތް ހިންގުމަށް ދަނީ މަސައްކަތްކުރަމުން. -- ފައިލް ފޮޓޯ: އޭއެފްޕީ
11 ނޮވެމްބަރ 2024 - 06:32
ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުގައި ހިމެނު ބޭފުޅުންގެ ތެރެއިން މިހާރު ފިލައިގެން އުޅޭ ލީޑަރުން ހޯދަން އިންޓަޕޮލްގެ "ރެޑް ނޯޓިސް" ނެރެދިނުމަށް އެދޭނެ ކަމަށް ބަންގްލަދޭޝް އިން ބުނެފި އެވެ.
"ޖުލައި މަހާއި އޮގަސްޓް މަހު ބޭއްވި ބޮޑެތި މުޒާހަރާތައް ހުއްޓުވަން ނުހައްގުން މީހުން މެރުމުގެ ޒިންމާ އުފުލަން ޖެހޭ މީހުން ކޮންމެ ތާކުން ހިމާޔަތް ހޯދައިގެން ތިއްބަސް އަނބުރާ ގެންނާނަން،" އިންތިގާލީ ސަރުކާރުގެ ލޯ އެޑްވައިޒަރު އާސިފް ނަޒްރުލް އާދީއްތަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
"އެ މީހުން ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެކަން ކަށަވަރު ކުރާނަން."
ހަސީނާ މަގާމުން އިސްތިއުފާ ދޭން މަޖުބޫރުވި ހަމަނުޖެހުންތަކުގައި 700 އަށް ވުރެ ގިނަ މީހުން މަރުވި ހަމަނުޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ބެލެވޭ އެތައް ބަޔަކު ވަނީ ހަސީނާގެ ވެރިކަން ވެއްޓުމާ އެކު ހައްޔަރުކޮށްފަ އެވެ.
ފްރާންސްގެ އިންޓަޕޮލް އިން ރެޑް ނޯޓިސް އާންމުކުރަނީ މެމްބަރު ގައުމެއްގެ އެދުމުގެ މަތިން، އެ ގައުމެއްގެ އަމިއްލަ ގައުމުގައި ނެރެފައިވާ އަމުރެއްގެ މައްޗަށް ބިނާކޮށެވެ.
އެއްވެސް މީހެއްގެ ނަން ހާމަ ނުކުރި ނަމަވެސް ބަންގްލަދޭޝްއިން ވަނީ އުމުރުން 77 އަހަރުގެ ހަސީނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފަ އެވެ. މީހުން މެރުމާއި އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގުމުގެ ދައުވާ އިއްވަން ހަސީނާ ހާޒިރުވާން އަންގާފައި ވާއިރު އޭނާ އެންމެ ފަހުން ފެނިފައިވަނީ ބޮޑުވަޒީރުގެ ގެ ކައިރިއަށް މުޒާހަރާގެ ބައިވެރިން އެއްވާން ފެށުމާ އެކު ހެލިކޮޕްޓަރުގައި ފިއްލަވަނިކޮށެވެ. އޭނާ ވަޑައިގަތީ އިންޑިއާ އަށް ކަމަށް ވަނީ ބުނެފަ އެވެ. ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)ގެ ޗީފް ޕްރޮސެކިއުޓާ މުހައްމަދު ތާޖުލް އިސްލާމް އޭއެފްޕީއަށް ވިދާޅުވީ 60 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިވާނެ ކަމަށާއި މިހާތަނަށް ގާތްގަނޑަކަށް 25 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy