ދުނިޔެ / އެފްބީއައި

އޮބާމާއާ ބެހޭ ގޮތުން ޓްރަމްޕް ކުރެއްވި ތުހުމަތަށް އެފްބީއައި އިން ދެކޮޅު

ފޯނު ކޯލު އަޑު އެހުމަށް އޮބާމާ އެންގެވި ކަމަށް ޓްރަމްޕް ދައްކަވާ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުން. --ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މާޗް 6) - ރިޔާސީ އިންތިޚާބުގެ ތެރޭގައި ފޯނު ކޯލު އަޑު އެހުމަށް ރައީސް ބަރަކް އޮބާމާ އެންގެވި ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމް ކުރެއްވި ތުހުމަތަށް އެފްބީއައި އިން ދެކޮޅު ހަދައިފި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފި އެވެ.

އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ ވަނީ ޓްރަމްޕުގެ ތުހުމަތުތަކާ ދެކޮޅު ހެދުމަށް ޖަސްޓިސް ޑިޕާޓްމަންޓުގައި އެދިފައިވާ ކަމަށް ވެސް ނިއު ޔޯކް ޓައިމްސް އިން ބުނެފައިވެ އެވެ. މި ގޮތަށް އެދިފައި ވަނީ މި ތުހުމަތާ ގުޅޭ ގޮތުން އެފްބީއައި އިން ފާޅުގައި ވާހަކަ ނުދެއްކޭނެތީ އެކަން ކުރަން އެންމެ އެކަށީގެން ވަނީ ޖަސްޓިސް ޑިޕާޓްމަންޓުން ކަމަށްވާތީ އެވެ. ނަމަވެސް އެފްބީއައި އިން އެގޮތަށް އެދުނު ނަމަވެސް ޖަސްޓިސް ޑިޕާޓްމަންޓުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ. އެފްބީއައިގެ ބައެއް ފަރާތްތަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ ފޯނު އަޑު އެހުމަކީ އެމެރިކާގައި މަނާކަމެއް ކަމަށާއި ރައީސަކަށް ހުންނަ މީހަކަށް އެކަން ނުކުރެވޭނެ ކަމަށެވެ. އަދި ފޯނެއް އަޑު އެހުމުގެ ކުރިން އެކަމަށް ކޯޓު އަމުރެއް ބޭނުންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ޓްރަމްޕުގެ ތުހުމަތުގައި އެއްވެސް ހެއްކެއް ނެތް ކަމަށް ކޯމޭ ގަބޫލް ކުރާ ކަމަށެވެ.

އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ: އޮބާމާއާ ބެހޭ ގޮތުން ޓްރަމްޕް ކުރެއްވި ތުހުމަތުތަކާ ދެކޮޅު ހެއްދެވި. --ފޮޓޯ:އޭއެފްޕީ

އިންތިޚާބުގެ ތެރޭގައި ފޯނު ކޯލް އަޑު އެހުމަށް އޮބާމާ އެންގެވި ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެއްވެސް ހެއްކެއް ދައްކަވައިފައެއް ނުވެ އެވެ. ޓްރަމްޕް ވަނީ މި ތުހުމަތުތައް ތަހުގީގު ކުރުމަށް ކޮންގްރެސްގައި އެދިވަޑައިގެންފަ އެވެ. ކޮންގްރެސް އާއި އެފްބީއައި އިން މިހާރު ދަނީ އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޑިމޮކްރެޓިކް ޕާޓީގެ އޮފިޝަލުން ބުނަމުން ދަނީ އޮބާމާއާ ބެހޭ ގޮތުން ޓްރަމްޕް މި ބާވަތުގެ ތުހުމަތުތައް ކުރައްވަމުން ގެންދަވަނީ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލައިގެ ސަމާލުކަން އަނބުރާލުމަށް ކަމަށެވެ.

އޮބާމާގެ ތަރުޖަމާން ކެވިން ލުއިސް ވިދާޅުވީ އޮބާމާ ނުވަތަ ވައިޓްހައުސްގެ އެއްވެސް ސްޓާފަކު ވެސް، އެމެރިކާގެ އެއްވެސް ރައްޔިތަކަށް ފާރަލުމަށް އަންގަވާފައި ނުވާ ކަމަށެވެ. އަދި މިނިވަން އެއްވެސް މުއައްސަސާއަކަށް އޮބާމާގެ ސަރުކާރުން ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ އިންތިޚާބުގެ ދުވަސްވަރު ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރު ޖޭމްސް ކްލެޕާ ވެސް ވަނީ ފޯނު އަޑުއެހިމަށް ޓްރަމްޕް ދައްކަވާ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. އެންބީސީގައި އޭނާ ވިދާޅުވީ ނިއު ޔޯކުގެ ޓްރަމްޕް ޓަވަރުގެ ފޯނުތައް އަޑު އަހަން ކޯޓު އަމުރެއް އޮތްކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454