ނިއުގެ ކޮންގްރެސްގައި އެ ކްލަބްގެ އާ ޗެއާމަން އަހްމަދު މޫބީން ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ނިއު އަށް އެޅި ފިޔަވަޅުގެ ތަފުސީލުތައް ރާއްޖޭގެ އިދާރާތަކާ ހިއްސާ ކުރި ކަމަށް --- ފޮޓޯ: ފަޔާޒު މުސާ | މިހާރު
30 ނޮވެމްބަރ 2024 - 10:42
ނިއު ރޭޑިއަންޓާ މެދު އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ފިޔަވަޅު އެޅީ ބޭއިންސާފުން ކަމަށާއި އެ މައްސަލަތަކުގެ ތަފްސީލު ރާއްޖޭގެ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް އެ ކްލަބްގެ އާ ޗެއާމަން އަހްމަދު މުބީން ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އެ ކްލަބުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މުބީން، ވިދާޅުވީ ނިއު "ބޭއިންސާފުން ސަސްޕެންޑް ކުރި" މައްސަލައިގައި ހައްގު ހޯދަން، ބައިނަލްއަގްވާމީ ކުޅިވަރު އާބިޓްރޭޝަން ކޯޓް (ކާސް) އަށް ދާން ޖެހުނަސް ދާނެ ކަމަށެވެ.
ޕްރެސްގައި އޭނާ ދެއްވި، އެ ވާހަކައިގެ އެއްވެސް މަސައްކަތެއް ކްލަބުން ކުރިއަށް ގެންދަންތޯ "މިހާރު" އިން ސުވާލު ކުރުމުން މުބީން ވިދާޅުވީ ކާސް އަށް މައްސަލަ ހުށަހެޅުމުގެ ކުރިން ރާއްޖޭގެ އިދާރާތަކަށް މައްސަލަ ސާފުކޮށް ދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"މިކަމުގައި ރާއްޖޭގައި ހުރި ކުޅިވަރު ހުރިހާ އިދާރާ އަކަށް އަޅުގަނޑުމެން ގޮސްފިން. ސްޕޯޓްސް މިނިސްޓަރު [އަބްދުﷲ ރާފިއު] ގެ އަރިހަށް، ސްޕޯޓްސް ކޮމިޝަނާ [މުހައްމަދު ތޮލާލް] ގެ އަރިހަށް އަޅުގަނޑުމެން ގޮސްފިން. ސްޕޯޓްސް ކައުންސިލަށް ވެސް އަޅުގަނޑުމެން ގޮސް މިކަންކަން ހިނގާދިޔަ ގޮތް ހިއްސާކޮށްފިންމ" މުބީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އިދާރާތަކުން އިންސާފު ނުލިބިއްޖެނަމަ ދެން ދާނީ ކާސް އަށް ކަމަށެވެ.
"އެ ވާހަކަ އަޅުގަނޑު ޕްރެސްގައި ދެންނެވީ،" މުބީން ވިދާޅުވި އެވެ.
އެފްއޭއެގެ ކުރީގެ ރައީސް ބައްސާމް އަދީލް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިއު ތައްޔާރުވަމުން ދިއުމުން، އެފްއޭއެމުން 2019 ގެ ޖެނުއަރީ މަހު، އެ ކްލަބް ސަސްޕެންޑް ކުރި އެވެ. ސަސްޕެންޑް ކުރީ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނުމަށް ފަހު އެވެ. އެ އެސޯސިއޭޝަނުން އޭރު ބުނީ ކުޅުންތެރިންނަށް މުސާރަ ދިނުމަށް ތަކުރާރުކޮށް ނިއު އަށް އެންގި ކަމަށެވެ.
މުބީން ވިދާޅުވީ، ކުޅުންތެރިންނަށް މުސާރަ ނުދީ ހުރުމުން ފީފާއިން އެޅީ ޓްރާންސްފާ ބޭންގެ ފިޔަވަޅެއް ކަމަށެވެ. އެކަމަކު އެ މައްސަލައިގައި އެފްއޭއެމުން އެންމެ ފުރަތަމަ ވެސް އެޅި ފިޔަވަޅަކީ އެ ކްލަބް ސަސްޕެންޑް ކުރުން ކަމަށްވުމުން، ނިއުއާ މެދު ފިޔަވަޅު އެޅީ ބޭއިންސާފުންކަން ސާފުކޮށް އެނގޭ ކަމަށް މުބީން ވިދާޅުވި އެވެ.
ޓްރާންސްފާގެ ބޭންގެ އަދަބު ތަންފީޒާ އެކު، ންމެ ފަހު ފުޓްބޯޅަ ސީޒަންގައި ބައެއް ކަލްބްތަކުން ކުޅެފައި ވެ އެވެ. އެކަމަކު، އެފްއޭއެމުން ނިއު ސަސްޕެންޑް ކުރުމުން، ފުޓްބޯޅައިގެ އެއްވެސް ހަރަކާތްތަކެއްގައި އެ ކްލަބް ބައިވެރިވުން އޭރު ހުއްޓިގެން ދިޔަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި މިހާރު ރީޖަނަލް އެއާޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާ މުބީން ވިދާޅުވީ ނިއުގެ މަސައްކަތާ، ސިޔާސީ ކަމަކާ ނުގުޅުވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
30 November 2024
މުއައްސަސާތަކާ ހިއްސާކުރިންތޯ ކުޅޫންތެރިންނަށް މުސާރަ ނުދީ ގެންގުޅުން ވާހަކަ! ފީފާއިން ފޮނުވި ސިޓީތަށްވެސް ހިމަނާލި ނަމަ ވަރަށް ފުރިހަމަވީސް!
ވަހިއްޓެ
30 November 2024
އަލީވަހީދުވެސް މާލެއައިސް އުޅެގަތްގޮތުން ހީވީ ދެން ހުރިހާކަމެއް ރަނގަޅުވީއޭމި..އެކަމު ހަމަ އާދަކާދައިގެމަތިން ޖަމަލުފޮޑިއަކައް އެކަންވީ.
ކުމާރު،
30 November 2024
ބަލަގަ! އެހެންވީމާ މީނަ ހަވާލުވީ ހައްޤު ހޯދަން ތަންތަނަށް ގޮސް ސަލާން ޖެހުންބާ؟
އެކުލަބު
01 December 2024
ނިއުގެ ދަރަނިތައް މިހާރު ޚަލާޞްކޮށްފި.
އަސަރީ
30 November 2024
މި ބޭފުޅާއަށް ފުޓުބޯޅަ އެނގޭ ބާ؟
ޙުލk
30 November 2024
ޢާން އެނގޭތީ ދޯ ބޮޑުފުޓުބޯޅަ ކުލަބެއްގެ ޗެއާރމަން އަކަށް އިންތިހާބުވާނީ