ހޯމްލޭންޑް މިނިސްޓްރީގެ ނަން ބޯޑު: އީފާސްގެ ފޭސް ރެކޮގްނިޝަންގެ ވެންޑާއަކަށް ލެޓްވިއާގެ ކުންފުންޏެއް މިހާރު ވަނީ ހަމަޖައްސައިފައި.-- ފޮޓޯ: މިހާރު
01 ޑިސެމްބަރ 2024 - 19:05
ސަރުކާރުގެ އޮފީސްތަކުގެ އޮންލައިން ޕޯޓަލް ކަމަށްވާ އީފާސްގެ ފޭސް ރެކޮގްނިޝަންގެ އާ ވެންޑާއަކަށް ލެޓްވިއާގެ ކުންފުންޏެއް ސަރުކާރުން ހަމަޖައްސައިފި އެވެ.
އެންސީއައިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އީފާސްގެ ފޭސް ރެކޮގްނިޝަން ހިދުމަތް ދިނުމަށް ކުރިން ހަވާލުކޮށްފައިވާ "ސަމް އެންޑް ސަބްސްޓެންސް ޕްރައިވެޑް ލިމިޓެޑް" (ސަމްސަބް) ކުންފުނި އެ މަސައްކަތުން ވަކިކޮށް، އާ ވެންޑާއަކާ މަސައްކަތް ހަވާލުކުރުމަށް ފަހު އަލުން އޮންލައިން ފޭސް ވެރިފިކޭޝަންގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ.
ސަމްސަބް އަކީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައި އޮންނަ އިޒްރޭލުގެ ބަޔަކު އުފައްދާފައިވާ ކުންފުންޏެކެވެ. އެހެންވެ، އެކަމުގައި އާންމުންގެ ފާޑުކިޔުން ބޮޑުވުމުން ސަރުކާރުން އެ ކުންފުނި ވަކިކުރީ އެވެ.
އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން އެންސީއައިޓީން އޭރު ބުނެފައި ވަނީ ސަމްސަބްއާ އެ ހިދުމަތް ދިނުމަށް ހަވާލުކުރީ އެ ކުންފުންޏަކީ އިނގިރޭސިވިލާތުގެ ގާނޫނުގެ ދަށުން ހިންގާ ބަޔަކަށް ވާތީ ކަމަށެވެ. އަދި ފޮޓޯ ފިޔަވާ އެއްވެސް ދިވެއްސެއްގެ ޒާތީ މައުލޫމާތު އެ ކުންފުންޏަށް ނޭނގޭނެ ކަމަށް އޭރު ބުނެފައިވެ އެވެ.
އެންސީއައިޓީގެ ބަޔާނުގައި ބުނީ އާ ވެންޑާއަކަށް ހަމަޖައްސާފައި ވަނީ ޔޫރަޕުގެ ގައުމެއް ކަމަށްވާ ލެޓްވިއާގައި ރަޖިސްޓަރީކޮށްފައިވާ ރެގިއުލާ ފޮރެންސިކްސް ނަމަކަށް ކިޔާ ކުންފުންޏެއް ކަމަށެވެ. ފޭސް ވެރިފިކޭޝަން ހެދުމަށް މިހާރު ބޭނުންކުރަނީ އެ ކުންފުނީގެ އެޕްލިކޭޝަނެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"އަދި، މިކަން ހިނގާނީ ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ރައްޔިތެއްގެ ފޮޓޯއެއް ނުވަތަ އެ ނޫން ވެސް އެހެން ޒާތީ މައުލޫމާތެއް ހިއްސާކުރުމަކާ ނުލައި އެންސީއައިޓީގެ އެތެރޭގަ އެވެ،" ބަޔާނުގައި ބުންޏެވެ.
ރެގިއުލާ ފޮރެންސިކްސް އަކީ، އެންސީއައިޓީން ބުނި ގޮތުގައި، 30 އަހަރުގެ ތަޖުރިބާއާ އެކު، ސެކިއުރިޓީގެ ދާއިރާއިން ގިނަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދޭ ގާބިލް އަދި ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކާ ތަފާތު އެކި ގައުމުތަކަށް ވެސް ހިދުމަތްދެމުން އަންނަ އިތުބާރު ހުރި ކުންފުންޏެކެވެ.
އެންސީއައިޓީން ބުނީ މިވަގުތު ފޭސް ރިކޮގްނިޝަންގެ ހިދުމަތް ލިބޭނީ ވެބް ބްރައުޒާއެއް މެދުވެރިކޮށް އީފާސް އަށް ލޮގިންވާއިރު އެކަނި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމާރު އައި
02 December 2024
ކޮންމެހެންޖެހޭތަ ބޭރުބަޔަކު ލައްވާ ހައްދަން. ތަނެއްދޮރެއް ނުދަންނަމީހުނަށް ތަންތަނުގެ ބޮޑުންނަށް ލީމަ ކޮމްޕީއުޓަރު އޮންކޮށްލަންވެސް ބޭރުގެ އެކްސްޕާޓެއް ބޭނުންވާނެ ދޯ.
މެގެޒިން
02 December 2024
އިތުބާރު ހިފޭގޮތަކަށް ފުރިހަމަކަމާއި ޔަގީންކަމާއި އެއްކޮށް މިވަރުގެ ޚިދުމަތެއް އަމިއްލައަށް ފަރުމާކޮށް ފޯރުކޮށްދެެވޭނެ ރާއްޖޭގެ ކުންފުންޏެއް އަދިއެއް ނެތް. ޢެހެންނޫން އެއްޗަކަށް އެއްޗެއް ހޭވިދާނެ.
ކޮސް ވާހަކަ ގޮވުން
02 December 2024
"އަދި، މިކަން ހިނގާނީ ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ރައްޔިތެއްގެ ފޮޓޯއެއް ނުވަތަ އެ ނޫން ވެސް އެހެން ޒާތީ މައުލޫމާތެއް ހިއްސާކުރުމަކާ ނުލައި އެންސީއައިޓީގެ އެތެރޭގަ އެވެ،" ދެން އެމީހުން ސޮލިއުޝަން ޑެވެލޮޕް ކުރަނީ އެމީހުންގެ މަންމަގެ ފޮޓޯ ބޭނުންކޮށްގެން ތަ؟
ބަރީޒް
02 December 2024
ތިއީ ހުސް އިޒްރޭލް އެމެރިކާގެ އެޖެންޓް ކުންފުނިތައް! ހެޔޮ ނުވާނެ ކައިރިވާކަށް! މެލޭޝިޔާ ޗައިނާ ސިންގަޕޫރު ފަދަ ގައުމުތަކުން ނުގަންނަނީ ކީއްވެ! ހޯމް މިނިސްޓްރީއށް ތި ޕްރޮޖެކްޓަށް ހިލޭ އެހީދެނީ އެމެރިކާއިން ކަމަށްވާނަމަ ވިސްނަންޖެހޭ!
ޗަކް ނޯރިސް
02 December 2024
އެހެންވީމާ ރާއްޖޭ އެންމެންގެހެން ފޭޝަލް ރިކޮގްނިޝަން މައުލޫމާތު ހުންނާނޭތާ ތިޔަ ވަކި ކުރި ކުންފުނީގައި މިހާރުވެސް... މަށަކަށް ނޭނގެ އިތުރަށް ބުނާނެ އެއްޗެއް... އައިފޯނުވެސް ހުޅުވޭނެތާ ދޯ އެ މައުލޫމާތު ބޭނުންކޮށްގެން ހަދާލާ އެއްޗަކުން.
ސަމިމާ
02 December 2024
މިކަން ޤައުމުގަ ދިވެހި ޑިވެލޮޕަރުންނަށް ކުރެވޭނެ. ވަރަށް އާދައިގެ ކަމެއް މީ. މިރަށުގަ އުކުޅަސް ގައި އޮތް އުގެއިލުގެ އިވެންޓްގައި މީގެ 8 އަހަރު ކުރިން އައިސް ފުލުހުން ދެެއްކި ވަގުތުން ވީޑިއޯއިން ނަގާ ފޭސް ހޯދާ ސިސްޓަމްއެއް. 100% ވޯރކް ކުރޭ. ރަށުގެ ކުޑޮ ބޮޑު އެންމެން ދިޔަ ޓެސްޓު ކުރަން. އެމީހުންގެ ކުޑައިރުގެ ފޮޓޯވެސް ފެނޭވިއްޔާ. ދެން މިޒަމާނުގަ ފޯނުގަނޑުގަވެސް ކުރެވޭ މިކަން.
ރަސީދު5
02 December 2024
ފޭސް ރިކޮގްނިޝަން ، ކޭވައިސީ ހަދަން އަމިއްލައަށް ނުކުރެވެން ޖެހޭ ސަބަބެއް ނޭންގެ. މި ޓެކްނޮލޮޖީއަކީ މިހާރު ހަރަދު ކުރާވަރަށް ވުރެ ޗީޕް ކަމެއް. އޯޕަން ސޯރސް ސޮލިއުޝަންތައް ބައިވަރު، މާވަރުގަދަ ހާރޑްވެއަރ ތަކެއް ބޭނުންވާ ކަމެއް ނޫން.
ހޮޓްކިންގ
02 December 2024
މިހުރިހާ ދުވަހު އިޒްރޭލުގެ މޮސާޑަށް ފޭސް ރިކޮގްނިޝަން ހަވާލުކޮށްގެން ތިބެފާ ބަޔަކު އެވާހަކަ ދައްކައިގަތީމާ އެމީހުން އަތުން އެކަން ނެގީ.ބުނެދީބަލަ ކަލޭމެނަށް ދިވެހިން އިތުބާރު ކުރަނާނެގޮތެއް؟ އެވަރުގެ ސިފްޓްވެއާއެއްވެސް އަމިއްލައަށް ހަދާލެވޭވަރުގެ މީހަކު އެންސީއައިޓީގަނެތި މަގާމުގެ މުސާރަ ނަގަނީ.
ކުރުސީގެ ދަރި
01 December 2024
އިޒްރޭލާ ގުޅުން ނެތް ކުންފުންޏެއް ނިކަން ދައްކާލަބަލަ!
އަހްމަދުއަލީ
01 December 2024
ރާއްޖޭގައި މިފަދަ ކަންކަން ކޮށްލެވޭ ފެންވަރުގެ ކުންފުނިތައް އުފެދޭ ދުވަސް ދެކެން ބޭނުންވޭ
ކުލަދޮން
01 December 2024
ހަމަ ތިވަރު ކަމެއް ކޮއްލަންވެސް ޑޮލަރު ތަކެއްބޭރައް ކުރަން ޖެހޭދޯ. މީތޯ މިހާރު އެންމެ މުހިއްމު ކަމަމީ.