ދުނިޔެ / ސައުތު ކޮރެއާ

ދެކުނު ކޮރެއާ ކުއްލިއަކަށް ހައިޖާނުވެއްޖެ

ދެކުނު ކޮރެއާ ސިފައިން ރޭ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ވަންނަން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

05 ޑިސެމްބަރ 2024 - 05:32

7 comments

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް، އަންގާރަ ދުވަހުގެ ރޭ ކުއްލިއަކަށް މާޝަލް ލޯ ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައި ހެލިކޮޕްޓަރުތަކުގައި ސިފައިން އެ ގައުމުގެ ގާނޫނުހަދާ މަޖިލީހަށް ފޮނުއްވި އެވެ. އެކަމަކު މުޅި ގައުމު ހޫނުވުމާ އެކު އެ އެ ނިންމެވުން ހަމަ އެ ރޭ އަނެއްކާ އަނބުރާ ގެންދެވީ އެވެ.

މި ބަލައިލަނީ ހަރުދަނާ ޑިމޮކްރަސީއެއް އޮންނަ ކަމަށް ބެލެވިފައި އޮތް ދެކުނު ކޮރެއާގައި އާދަޔާ ހިލާފު ޑްރާމާއެއް ހިނގި ރެޔަކާއި އިދިކޮޅު ފަރާތްތަކުން ރައީސް ޔޫން މަގާމުން ވަކިކުރަން ތެދުވުމާ އެކު ދެން ވެދާނެ ގޮތަށެވެ.

ރައީސް އިއުލާނުކުރެއްވީ ކޮން ކަމެއް؟

އަންގާރަ ދުވަހުގެ ރޭ ޓީވީން ގައުމާ މުހާތަބު ކުރައްވައި ދެއްވި ކުއްލި ހިތާބުގައި ޔޫން ކުރެއްވި ބޮޑު އިއުލާނަކީ 52 މިލިއަނުގެ އާބާދީއެއް އޮންނަ އެ ގައުމުގައި 40 އަހަރު ތެރޭ ވެސް ކޮށްފައި ނެތް ކަމެކެވެ.

މަދަނީ ވެރިކަން ވަގުތީ ގޮތުން ހުއްޓުމަކަށް ގެންދަނީ ހަތުރުވެރި އުތުރު ކޮރެއާގެ ކޮމިއުނިސްޓް ބާރުތަކުގެ ނުރައްކަލުން ދެކުނު ކޮރެއާ ސަލާމަތްކުރުމަށާއި ރައްޔިތުންގެ މިނިވަންކަމާއި އުފާވެރިކަމާއި ދައުލަތާ ދެކޮޅު ފަރާތްތަކުގެ ކިބައިން ރައްޔިތުން ހިމާޔަތްކުރުމަށް ކަމަށް ޔޫން ވިދާޅުވި އެވެ.

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ކުއްލި ހާލަތު އިއުލާނުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ

އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ޕާކް އަން-ސޫގެ ހަ ނުކުތާގެ ގަރާރަކުން ސިޔާސީ ހަރަކާތްތަކާއި ޕާޓީތައް މަނާކޮށް، "ދޮގު ޕްރޮޕެގެންޑާ" އާއި ހަޅުތާލުކުރުމާއި "އިޖުތިމާއީ ހަމަނުޖެހުން އުފެދޭ އެއްވުންތައް" މަނާކުރި އެވެ.

ހުރިހާ މީޑިއާއެއް މާޝަލް ލޯގެ ބާރުގެ ދަށަށް ގެނެސް، ހަޅުތާލު ކުރާ ޑޮކްޓަރުން ވެސް ހިމެނޭ ގޮތަށް ހުރިހާ މެޑިކަލް ސްޓާފުން 48 ގަޑިއިރުގެ ތެރޭގައި މަސައްކަތަށް ނުކުތުމަށް ވަނީ އަންގައިފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ހިނގީ ކޮން ކަމެއް؟

ސަލާމަތީ ބާރުތަކުން ނޭޝަނަލް އެސެމްބްލީ ބަންދުކޮށް، ހެލިކޮޕްޓަރުތައް އެތަނުގެ ފުރާޅަށް ޖައްސައި، ގާތްގަނޑަކަށް 300 ސިފައިން އެ އިމާރާތް ވަށައިލި އެވެ. ބެލެވޭ ގޮތުގައި އެއީ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އެތަނަށް ވަނަ ނުދިނުމަށެވެ.

ނަމަވެސް މަޖިލީހުގެ މުވައްޒަފުން ސޯފާ ސެޓްތަކާއި އާއި އަލިފާން ނިއްވާ ސާމާނުން ސިފައިންނަށް ހުރަސް އެޅުމާ އެކު، ގިނަ އަދަދެއްގެ މެމްބަރުން އެތެރެއަށް ވަދެ ޔޫންގެ ނިންމެވުން ބާތިލްކުރުމަށް ވޯޓުލައި ފާސްކުރި އެވެ.

ގާނޫނު ހަދާ މަޖިލީހަށް ވަންނަން ސިފައިން ކުރި މަސައްކަތުގައި ދޮރެއް ހަލާކުކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ

ގަދަ ފިނީގައި އޭރު މުޒާހަރާކުރަމުން ދިޔަ އެތައް ހާސް ބަޔަކު މަޖިލީހުގެ މި ނިންމުމާ އެކު އުފާ ފާޅުކުރި އެވެ.

ޔޫން ދެން ކުރެއްވީ ކީއް؟

މާޝަލް ލޯގެ ގަރާރު މަޖިލީހުން ބާތިލްކުރުމުން ރައީސް ޔޫން ފަތިހު 4:30 ގައި އަލުން ޓީވީ މެދުވެރިކޮށް ހިތާބެއް ދެއްވައި މާޝަލް ލޯ ނިމުމަކަށް ގެނައިކަން އިއުލާނުކުރެއްވި އެވެ.

"މީގެ ކުޑަ އިރުކޮޅެއް ކުރިން ނެޝަނަލް އެސެމްބްލީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް އަންގާފައި. އެހެންވެ، މާޝަލް ލޯ ތަންފީޒުކުރަން އެތަނަށް ފޮނުވި ސިފައިން ވެސް މިހާރު ވަނީ އަނބުރާ ގެންގޮސްފައި،" ޔޫން ވިދާޅުވި އެވެ.

މި ހިތާބުގެ ފަހޫން ޔޫން ވަނީ "ގެއްލިފަ" އެވެ.

ޔޫންގެ އަމަލުތަކާއި ސިޔާސީ މަސްރަހު

ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ (ޑީޕީ) އަށް އަޣުލަބިއްޔަތު ލިބުމާ އެކު މި އަހަރުގެ ކުރީކޮޅުން ފެށިގެން ޔޫން ވެފައި ވަނީ ބާރެއް ނެތް ވެރިޔަކަށެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ އަންނަ އަހަރަށް ލަފާކޮށް ޔޫންގެ ސަރުކާރުން ހުށަހެޅި ބަޖެޓުން ގާތްގަނޑަކަށް 4.1 ޓްރިލިއަން ވޮން (2.8 ބިލިއަން ޑޮލަރު) އުނިކޮށްފަ އެވެ. އެހެން ހެދުމުން ރައީސް ވަނީ "ގައުމުގެ އަސާސީ ކަންކަން ހިންގުމަށް ބޭނުންވާ ފައިސާ ވެސް އުނިކުރަނީ" ކަމަށް ވިދާޅުވެ ޝަކުވާ ކުރައްވައިފަ އެވެ.

ދެކުނު ކޮރެއާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ (ޑީޕީ) ގެ މަޖިލިސް މެންބަރުން، ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ނަމަވެސް މި ދަތިތަކާއި ޔޫންގެ އަނބިކަނބަލުންގެ މައްޗަށް ހިންގަމުންދާ ތަހުގީގާއި ހިޔާލު ހޯދުމުގެ ވޯޓުތަކުގައި ދައްކާ ދަށް ރޭޓި އަށް ބަލާއިރު މާޝަލް ލޯ ދިފާއުކޮށް ދެއްކޭނެ ވާހަކައެއް ނެތް ކަމަށް ސްޓެންފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ގި-ވޫކް ޝިން ވިދާޅުވި އެވެ.

ޝިން އޭއެފްޕީއަށް ވިދާޅުވީ މިފަދަ ހަރުކަށި ފިޔަވަޅުތައް ހާއްސަކުރަނީ ހަނގުރާމައާއި ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކާ ގުޅޭ ކަންބޮޑުވުންތަކަށް ކަމަށެވެ.

ޔޫން ދެން އޮތީ ކޮން ގޮތެއް؟

މި ހިނގި ކަންކަމާ އެކު ޔޫން އާއި އޭނާގެ ދިފާއީ އަދި ދާޚިލީ ވަޒީރުންނާއި އެހެނިހެން ބޭފުޅުންގެ މައްޗަށް "ބަޣާވާތުގެ" ދައުވާ އުފުލާނެ ކަމަށް ބުނެ ޔޫންގެ އިސްތިއުފާ އަށް ޑީޕީން ބުދަ ދުވަހު ވަނީ ގޮވާލައިފަ އެވެ. އިދިކޮޅު ހަ ޕާޓީއަކުން ވަނީ ރައީސަށް އިތުބާރު ނެތް ކަމަށް ހުށަހަޅައިފަ އެވެ. އަދި ހުކުރު ދުވަހު ވޯޓަށް އެހުމުގެ ފުރުސަތު އެބައޮތެވެ.

ބޮޑު އަޣުލަބިއްޔަތެއް، 300 މެމްބަރުން ހިމެނޭ މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް ލިބިފައިވާއިރު، ބޭނުންވާ ތިން ބައިކުޅަ ދެ ބައިގެ ވޯޓަށް ރައީސްގެ ޕާޓީން ބޭނުންވަނީ މަދު މެންބަރުންތަކެއްގެ ތާއީދެވެ. އެކަމަކު ރައީސްގެ ޕާޓީން ވަނީ ރައީސް ވަކިކުރުމާ ދެކޮޅުހަދަން ރަސްމީކޮށް ނިންމައިފަ އެވެ.

އެކަން ފާސްވެއްޖެ ނަމަ 180 ދުވަހުގެ ތެރޭގައި ދުސްތޫރީ ކޯޓުން މި ނިންމުމާ ގުޅޭ ގޮތުން ހުކުމެއް އިއްވަންދެން ޔޫން ސަސްޕެންޑް ކުރާނެ އެވެ. އަދި އެ މުއްދަތުގައި ވަގުތީ ރައީސްގެ ގޮތުގައި ބޮޑުވަޒީރު މަސައްކަތް ފައްޓަވާނެ އެވެ.

އެހެން ގައުމުތަކުން ދެކެނީ ކިހިނެއް؟

ދެކުނު ކޮރެއާއަކީ އޭޝިއާގައި އޮންނަ، ހުޅަނގުގެ އެންމެ ގާތް ބައިވެރިޔާ އެވެ. ޑިމޮކްރަޓިކްކަން ކުޑަ، ބާރުތައް ހިފަހައްޓައިގެން އުޅޭ ވެރިން ގިނަ ކަމަށް ބެލެވޭ ސަރަހައްދެއްގައި ދެކުނު ކޮރެއާ އަކީ ޑިމޮކްރަސީގެ ބާރެއް ކަމަށް އޮންނަނީ ބެލެވިފަ އެވެ.

އެމެރިކާއިން ބުނީ މާޝަލް ލޯ އަނބުރާ ގެންގޮސްފައި ވާތީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވާ ކަމަށާއި ސިޔާސީ ހިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާއި ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އުތުރު ކޮރެއާގެ އެކުވެރި ޗައިނާއިން ވަނީ ދެކުނު ކޮރެއާގައި ޗައިނާގެ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އުތުރު ކޮރެއާއާ ގުޅުން ބޮޑުކުރަމުން އަންނަ ރަޝިއާއިން ވަނީ މި ހާލަތު "ބިރުވެރި" ކަމަށް ސިފަކޮށްފަ އެވެ.

ދެކުނު ކޮރެއާ އެކު އަބަދުވެސް ހީނަރު ގުޅުމެއް އޮންނަ ޖަޕާނުން ވަނީ މިއީ އާދަޔާ ހިލާފް ހާލަތެއް ކަމަށާއި ކަންކަން ބަދަލުވަމުންދާ ގޮތް ކަންބޮޑުވުމާ އެކު ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ

7 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަފްރާސިޔާބު

05 December 2024

އެއީވެސް ހުޅަނގުގެ ޑިމޮކްރަސީގެ ވައްތަރެއް. ގާނޫނުގެ ބާރު ކަނޑުވާލުން.

The name is already taken The name is available. Register?

ބަރުލަމާނީ ހިޔަޅު

05 December 2024

ތީ ތިން ބާރު ވަކި ވެފައިވާ ރިޔާސީ ނިޒާމް ހިގާ ގޮތް. މިތާ ވެސް ހިގަނީ އެ ގޮތަށް. ރައީސަށް މަޖިލިސްގެ އަގްލަބިއްޔަތު ނެތް ނަމަ ސިފައިން ފޮނުވައިގެން އެ ތަން ތަޅާ ލާނެ. ނުވަތަ ރައީސް ވާނީ ބާރެއް ނެތް މީހަކަށް. އަގްލަބިއްޔަތު ލިބިގެން ވާ ނަމަ ގުޅިގެން ކޮރަޕްޝަން. މަޖިލިސަކީ ބޭކާރު ތަނެއް. ފީކަޅާ ނިޒާމެއް

The name is already taken The name is available. Register?

ލކލކލ

05 December 2024

ހުރިހާވެސް ކަމަކީ ހުޅަނގާ އެމެރިކާގެ ބާރުދާތީ ގައުމުތަކުގަ ހަމަނުޖެހުން ހިންގުން. ރައްޔިތުން ބިރުވެރިކަމެއގެ ތެރެއަށް ގަންބާލުން. އެހެންޏާ، ދެކުނު ކޮރެއާއަކީ އެމެރިކާގެ ސްޓޭޓެއްކަހަލަ ތަނެއްގަ އެޒާތުގެ ކަމެއް ނުހިނގާނެ އެމެރިކާއިން އެކަމަށް އެއްބަސް ނުވާހާ ހިނދަކު.

The name is already taken The name is available. Register?

ކެނެޑީ

05 December 2024

ދެކުނުކޮރެޔާ ސިފައިންނަށް ނޭނގެންޏާ ރާއްޖޭގެ އެމްއެންޑީއެފުން ފުރާޅުން ޓިނު ނެއްޓުމުގެ ކޯހެއް ފުރިހަމަކުރުން ރަނގަޅު

The name is already taken The name is available. Register?

ގޮރުނުދޯރު

05 December 2024

1 ފެބްރުވަރީގެ ސުޕްރިމް ކޯޓުގެ އަމުރާ ގުޅިގެންވެސް ރާއްޖޭގަ ހިނގީ މިފަދަކަމެއް. ވެރިމީހާގެ ތާއީދު ގެއްލުނީމަ ވެރިކަމުން ނުފައިބަން ގަދަވިއްދީމަ ހިނގާ ހަމަނުޖެހުން...

The name is already taken The name is available. Register?

ކަކުނިބޯ

05 December 2024

ބަލަ މިތަނުންނޭ ދަސްކުރީ، ކާމިޔާބުނުވީ ޕްރެކްޓިކަލް ހަދާފަނެތީމާ،

The name is already taken The name is available. Register?

އަހްމަދުު

05 December 2024

އަދިވެސް އެއުޅުއްވަނީ އެކަންތައް ހަޖަމު ނުވެގެން. ރައްޔިތުން ބޮޑު ތަނުން ނޫނެކޭ ބުނީމަވެސް ވެރިކަމަށް ބޫތު ކައިފަ ހުރިވަރުން ކޮއްމެރެއަކު މަދު މީސްކޮޅެއް އެއްކޮލައިގެން ގައުމު ހަލަބޮލިކުރެވޭތޯ މަރުފަލިޖަހަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454