10 ޑިސެމްބަރ 2024 - 11:31
ޕައިޕްލައިން އެވޯޑްސް 2024ގައި "އިނޮވޭޝަން އިން ޑިޖިޓަލް ޓްރާންސްފޯމޭޝަން" އެވޯޑު ދިރާގަށް ލިބިއްޖެ އެވެ.
މި އެވޯޑު ދިރާގަށް ލިބުނީ އެ ކުންފުނިން އެތިޔާއާ އެކު ކުރިއަށް ގެންދިޔަ ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމެންޓް (ސީއާރުއެމް) ޓްރާންސްފޮމޭޝަން ޕްރޮޖެކްޓަށެވެ. ދިރާގުން ބުނީ އެ އެވޯޑަކީ ދިރާގުން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، އޮޕަރޭޝަންތައް ސްޓްރީމްލައިންކުރުމަށް ޒަމާނީ ޓެކްނޮލޮޖީ ގެނައުމަށް ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެއް ކަމަށެވެ.
އެތިޔާގެ ބިޒްނަސް ސަޕޯޓް ސިސްޓަމް (ބީއެސްއެސް) ޕްލެޓްފޯމްގެ އެހީގައި ކުރިއަށްގެންދިޔަ އެޕްރޮޖެކްޓަކީ ކަސްޓަމަރުންނާ ގުޅުން ބަދަހިކޮށް، ކަސްޓަމަރުންނަށް ކުރިއަށް ވުރެ ރަނގަޅު ފެންވަރުގެ ހިދުމަތް ދިނުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދިރާގުން ސިފަކުރެ އެވެ.
ދިރާގުގެ ސީޓީއައިއޯ، މުހައްމަދު މުއްސަދު ވިދާޅުވީ ޑިޖިޓަލް އިނޮވޭޝަން ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ދޭ އެވޯޑެއް ދިރާގަށް ލިބުމަކީ ކުންފުންޏަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.
"މި ކާމިޔާބީން ދައްކުވައިދެނީ އަޅުގަނޑުމެންގެ ހީވާގި ޓީމާއި ޕަރޓްނަރުންގެ ބުރަ މަސައްކަތާއި އެއްބާރުލުން،" އޭނާ ވިދާޅުވި އެވެ.
މުއްސަދު ވިދާޅުވީ ޑިޖިޓަލް މާހައުލުގައި ކުރިއަރަމުން އަންނައިރު، ދިރާގުގެ އުއްމީދަކީ ތަފާތު ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، މުޖުތަމައުތައް ބާރުވެރި ކުރުވުން ކަމަށެވެ.
ޕައިޕްލައިން އެވޯޑްސްއަކީ ޑިޖިޓަލް އީޖާދުތައް ގެނައުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް ފާހަގަކުރާ ބައިނަލްއަގްވާމީ އެވޯޑެކެވެ. އަދި މި އެވޯޑް ދިރާގަށް ލިބުމަކީ އެ ކުންފުނިން މިހާރަށްވުރެ ހަރުދަނާ، މުއާސަލާތީ ގޮތުން އިތުރަށް ގުޅިފައިވާ މުސްތަގުބަލެއް ބިނާކުރުމަށް ގެންގުޅޭ ދެމެހެއްޓެނިވި ވިސްނުމުގެ ހެއްކެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy