ކްލަބް ޗެމްޕިއަންޝިޕްގެ ސެމީގައި ހެލްޕް ނޭޕާލާ ދެކޮޅަށް އެޗްޑީސީ ކުޅުނު މެޗުގެ ތެރެއިން؛ އެޗްޑީސީ ވަނީ ތިންވަނަ ހޮވި މެޗުގައި އީރާނުގެ ޗަދޯރުމަލޫ އަތުން ބަލިވެފަ.-- ފޮޓޯ :ކާވާ
15 ޑިސެމްބަރ 2024 - 08:55
ރޭ ނިމުނު ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޮވި މެޗުން ރާއްޖޭގެ ކްލަބް އެޗްޑީސީ، އީރާނުގެ ޗަދޯރުމަލޫ އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.
ފަހު ވަގުތާ ޖެހެންދެން ވެސް ހިތްވަރާ އެކު ކުޅުނު އެޗްޑީސީގެ މައްޗަށް އީރާނު ޓީމުން ކުރި ހޯދީ 25-21، 27-25 އަދި 27-25 އިން ސެޓްތައް ގެންގޮސްގެންނެވެ.
ފަސް ޓީމާ އެކު ރައުންޑް ރޮބިން އުސޫލުން ކުޅުނު މި މުބާރާތުގައި އެޗްޑީސީން ވަނީ ފުރަތަމަ މެޗުގައި ފަހަތުން އަރައި 3-2 ސެޓުން ނޭޕާލްގެ ގަންޑާކީ ކްލަބް ބަލިކޮށްފަ އެވެ.
ނަމަވެސް ދެވަނަ މެޗުގައި ވަނީ 3-2 ސެޓުން ޗަދޯރުމަލޫ އަތުން ބަލިވެފަ އެވެ. މި މެޗުގެ ސެޓްތައް ޗަދޯރުމަލޫ ގެންދިޔައީ 25-16، 22-25، 23-25، 25-20 އަދި 15-13 އިންނެވެ. ތިންވަނަ މެޗުގައި އިންޑިއާގެ ކަލިކަޓް ހީރޯސް އާ ވާދަކޮށް އެޗްޑީސީ ވަނީ 25-13، 25-23 އަދި 25-21 އިން ބަލިވެފަ އެވެ.
މި ބުރުގެ ފަހު މެޗުގައި ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް އަތުން އެޗަޑީސީ ބަލިވީ 3-1 ސެޓުންނެވެ. ހެލްޕް ނޭޕާލް އިން ސެޓްތައް ގެންގޮސްފައި ވަނީ 25-22، 24-26، 25-19 އަދި 25-21 އިންނެވެ.
ފުރަތަމަ ބުރުގެ ހަތަރުވަނަ އާއެކު އެޗްޑީސީ ވަނީ މުބާރާތުގެ ސެމީ ފައިނަލް ކުޅެފަ އެވެ. ސެމީގައި ހެލްޕް ނޭޕާލާ ދެކޮޅަށް ކުޅެގެން ބަލިވީ ސީދާ ތިން ސެޓުން، 25-16، 25-18 އަދި 25-21 އިންނެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 3-1 ސެޓުން ހެލްޕް ނޭޕާލް ބަލިކުރި ކަލިކަޓް ހީރޯސް އެވެ. ކަލިކަޓް ހީރޯސް ފައިނަލް މެޗުގެ ސެޓްތައް ގެންދިޔައީ 25-21، 24-26، 25-14 އަދި 25-17 އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޗްދީދީ
15 December 2024
އެޗްޑީސީގަ ލާރި އޮތީމަ ހަރަދު ކޮއްލަން ޗުއްޓީއަށް ދިޔަ ގުރޫޕެއް.