އިންޑިއާގެ ރެޕް ލަވަކިޔުންތެރިޔާ ބާދުޝާ.
19 ޑިސެމްބަރ 2024 - 06:18
އިންޑިއާގެ ރެޕް ލަވަކިޔުންތެރިޔާ ބާދުޝާ ޓްރެފިކް ގަވާއިދާ ހިލާފުވެގެން ޖޫރިމަނާކޮށްފި ކަމަށް ބުނެ މީޑިއާތަކުން ފެތުރި ޚަބަރުތައް އޭނާ ދޮގުކޮށްފި އެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، ބަދުޝާ އިންޑިއާގެ ގުރޫގްރާމް ސިޓީގެ މަގެއްގައި އޭނާގެ ކާރު ނުބައި ފަޅިއަކުން ދުއްވި މައްސަލައެއްގައި 15،500 ރުޕީސް އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެއީ، ގުރޫގްރާމް ސިޓީގައި ޕަންޖާބުގެ ލަވަކިޔުންތެރިޔާ ކަރަން އައުޖްލާ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޝޯގައި ޕާފޯމްކުރުމަށް ބާދުޝާ އެތަނަށް ދިޔަ މަގުމަތީގައި ހިނގި ކަމެއް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެ ސިޓީގެ ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ތިން ކާރެއް އެ މަގުން ދަތުރުކުރި ކަމަށާއި ބާދުޝާ އިނީ އެތަނުން އެއް ކާރުގައި ކަމަށެވެ. ނަމަވެސް، ކާރު ދުއްވަން އިނީ އޭނާކަން އަދި ކަށަވަރުވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެތަނުން އެއް ވެހިކަލް 15،500 ރުޕީސް ޖޫރިމަނާކޮށްފައިވާއިރު، ދެން އޮތް ދެ ކާރަކީ ވަގުތީ ގޮތުން ރަޖިސްޓްރީކޮށްދީފައި އޮތް ދެ ކާރަށް ވާތީ އެ ކާރުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި ވާހަކަތައް ދޮގުކޮށް ބާދުޝާގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން ފާހަގަކޮށްފައިވާ އެއްވެސް ކާރެއްގައި ބާދުޝާ ދަތުރު ނުކުރާ ކަމަށާއި އޭނާގެ ޓްރާންސްޕޮޓޭޝަން ހަމަޖައްސައިދިނީ އަމިއްލަ ކުންފުންޏަކުން ކަމަށެވެ. އަދި އެ ވެހިކަލްތައް ދުއްވީ ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހުން ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެތަނުން ކާރެއް ބާދުޝާ ދުއްވި ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ވެސް ކަނޑައެޅިގެން ދޮގެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy