ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ މައިދާނުގައި ސިފައިން: ރަޝިޔާ ސިފައިންގެ ބަޔަކަށް ޒަހަރު ދޭން އުޅުނު ކަމަށް ބުނެ މީހަކު ވަނީ 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި. -- ފޮޓޯ: އޭއެފްޕީ
19 ޑިސެމްބަރ 2024 - 06:40
ޔުކްރެއިނަށް ތާއީދުކުރާ ރަޝިޔާ މީހަކު، އޭނާގެ އަމިއްލަ ގައުމުގެ ސިފައިންނަށް ޒަހަރު ދޭން އުޅުނު ކަމަށް ބުނާ މައްސަލައެއްގައި 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
ރަޝިޔާގެ ސެކިއުރިޓީ ސާވިސް، އެފްއެސްބީއާ ހަވާލާދީ އާރްއައިއޭ ނޮވޮސްތީ ސްޓޭޓް ނިއުސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ގައުމަށް ޣައްދާރުވި ކަމުގެ ކުށުގައި ޖަލަށް ލާން ހުކުމްކުރީ ސިފައިންނަށް ކެއިންބުއިމުގެ ހިދުމަތް ދޭ ތަނެއްގައި މަސައްކަތްކުރާ މީހެއް ކަމަށެވެ.
"1981 ވަނަ އަހަރު އުފަން ރަޝިއާގެ މި މީހާ އަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޔޫކްރެއިންގެ ސްޕެޝަލް ސާވިސަސްއާ ގުޅުން ބަދަހިކުރި މީހެއް" ކަމަށް އެފްއެސްބީގެ ބަޔާނުގައިވެ އެވެ.
"ކެންޓީނެއްގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާ މަސައްކަތް ކުރީ އަލްޓައިގެ މޮބިލައިޒްޑް ކޮންޓިންޖެންޓެއްގައި ތިބި ސިފައިންނަށް ޒަހަރު ދޭން" ކަމަށް އެފްއެސްބީން ބުންޏެވެ. އޭނާ މިކަން ކުރީ ޔުކްރެއިންގެ ސްޕެޝަލް ފޯސަސް އަށް ފޮނުވަން ވީޑިއޯ ވެސް ކުރަމުން ކަމަށް އޭގައި ބުނެފައިވެ އެވެ.
އަދި ކާއެއްޗިއްސަށް އެޅި މާއްދާ އަކީ ވަރަށް ނުރައްކާ ވިހައެއް ކަމަށާއި އެ ކެވުނު ނަމަ ވަރަށް ނުރައްކާވީސް ކަމަށް ޓެސްޓުތަކުން ދައްކާ ކަމަށް އެފްއެސްބީން ބުންޏެވެ.
ރަޝިޔާއިން 2022 ވަނަ އަހަރު ޔުކްރެއިނަށް ހަމަލާ ދޭން ފެށި ފަހުން، ރަޝިޔާގެ އެތައް ބަޔަކަށް ވަނީ ޔުކްރެއިނަށް ތާއީދުކޮށް އެކި ކަންކަން ކުރާ ކަމުގެ ތުހުމަތަށް ބޮޑެތި އަދަބުތައް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy