އުރީދޫ ފަން ރަން 2024ގެ ބައިވެރިން.
20 ޑިސެމްބަރ 2024 - 21:18
އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ އެންމެ މަޖާ އަދި ބޮޑު ދުވުން ކާމިޔާބުކަމާ އެކު މިއަދު ނިންމާލައިފި އެވެ.
މިއަދު ހަވީރު ވާރޭ ވެހުނު ނަމަވެސް ޝެޑިއުލާ އެއްގޮތަށް މި ދުވުން ފެށީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުންނެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މަޖާ ކުޅިވަރުތަކާ އެކު ބައިވެރިންގެ ހޫނު ތަރުހީބެއް މި އަހަރުގެ ދުވުމަށް ވެސް ލިބުނެވެ. މި ދުވުމުގައި 6،000 މީހުން ބައިވެރިވި އެވެ.
ފަން ރަންގެ ބައިިވެރިންތަކެއް.
އަންނަ އަހަރު، ފަން ރަން ފުވަމުލައް އެޑިޝަނެއް ބާއްވާނެ ކަން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.
މި ދުވުމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދްއަލް ހަމާދީ އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި ހަރަކާތުގައި ކޮންމެ ކިލޯމީޓަރެއްގައި ދުވުންތެރިންނަށް މަރުހަބާ ކިޔަން ފަން ސްޓޭޝަންތައް ހުއްޓެވެ. އަދި ކޮންމެ ކިލޯ މީޓަރެއްގައި ކުލަ ޖެހުމާއި އޮބްސްޓެކަލަސްތައް ހުރަސްކުރުން އޮތެވެ. މި ރަން އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން ފޯމް ޕާޓީއެއް ވެސް އޮތެވެ.
މި ދުވުމުގެ އުފާވެރި މަޖާ ގިނަ މަންޒަރުތައް ބައިވެރިން ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.
އުރީދޫ ފަން ރަން އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދުވުން ޕްރޮމޯޓުކޮށް އާއިލާއާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ ދުވުމެކެވެ. މި ދުވުން މާލެ ސަރަހައްދުން ބޭރުގައި ވެސް ބާއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
21 December 2024
އެއްވެސް އުފާވެރިއެއް ނޫން! ގިނަ ބަޔަކަށް ތިޔަކަން ވީ ތުރާލަކަށް. މަގުތަށް ބަންދުކުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި ކަމާ ނުބެހޭ އެތައްބަޔަކު ވާރެޔާ ތެމުނު!