ސީރިއާގެ ލީޑަރު އަހުމަދު އަލް ޝަރާ (ކ) އާއި ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން ދިމިޝްގުގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
23 ޑިސެމްބަރ 2024 - 06:34
ސީރިއާގެ ހަނގުރާމަވެރިންގެ ހުރިހާ ހަތިޔާރެއް ސަރުކާރުގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް އެ ގައުމުގެ ލީޑަރު އަހުމަދު އަލް ޝަރާ ވިދާޅުވެއްޖެ އެވެ.
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލައި ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާންއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރާ ވިދާޅުވީ އަސްކަރިއްޔާގެ އާ އޮނިގަނޑަކާ ގުޅޭ ގޮތުން ދިފާއީ އަދި އަސްކަރީ އޮފިޝަލުންނާ އެކު ކުރިއަށް އޮތް މަޝްވަރާތަކަށް ފަހު ހަތިޔާރު އެޅި ޖަމާއަތްތައް ސިފައިންގެއަށް ވައްދަން ފަށާނެ ކަމަށެވެ.
ކުރުދީން އިސްވެ ހަރަކާތްތެރިވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސްއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ދައުލަތުގެ ބާރުގެ ބޭރުން ގައުމުގައި ހަތިޔާރު ގެންގުޅުމުގެ ފުރުސަތު އެއްވެސް ބަޔަކަށް، އެއްވެސް ވަރަކަށް ނުދެއްވާނެ ކަމަށެވެ.
ސޫރިޔާގެ އުތުރާއި އިރުއުތުރުގެ ސަރަހައްދުތައް ކޮންޓްރޯލްކުރާ، އެމެރިކާގެ ތާއީދު ލިބިފައިވާ އެ ޖަމާއަތް ތުރުކީން ދެކެނީ ދުޝްމަނުންގެ ގޮތުގަ އެވެ. އަދި އެއީ ތުރުކީގައި މަނާކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އާ ގުޅިފައިވާ ބައެއް ކަމަށް ވެސް ބުނެ އެވެ.
މަޒުހަބުތަކާއި ބައި މަދު މުޖުތަމައުތަކުގެ މެދުގައި ހިނގާފާނެ ހަމަނުޖެހުންތަކުން އެ މީހުން ސަލާމަތްކުރުމަށާއި، "ފިތުނަ ފަސާދަ އުފައްދަން" މި ހާލަތުގެ ބޭނުން ހިފުމަށް މަސައްކަތްކުރާ "ބޭރުގެ" ނުފޫޒުތަކުން ގައުމު ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ޝަރާ ވިދާޅުވި އެވެ.
"މިއީ އެންމެންގެ ގައުމެއް. އަދި މިއީ އެންމެންނަށް އެކުގައި އުޅެވޭނެ ގައުމެއް،" ޝަރާ ވިދާޅުވި އެވެ.
ސީރިއާގައި އެތައް ޒަމާނެއް ވަންދެން ވެރިކަންކުރެއްވި ފަހުން ޝަރާ އިސްވެ ހުރެ ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އިން ސިޓީތައް ހިފައި ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ފަހު މިހާރު ގެންދަނީ އެހެން ގައުމުތަކާ ވާހަކަ ދައްކައި ގުޅުން ބަދަހިކޮށްގެން ގައުމު އާރާސްތުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝުޛާ
23 December 2024
ކިހާވަރަކުން ދާނެބާ
މާލު
23 December 2024
އަހަރެމެން ކިޔަނީ އަބޫ މުހައްމަދު އަލް ޖައުލާނީ
ސަންޕަަ
23 December 2024
ޖައުލާނީތަ ޖޯލާނީތަ؟
ފަހުދު.
23 December 2024
ޖަބުލާނީ
ޔެސްސަރ
27 December 2024
އަބޫ މުހައްމަދު އަލް ޖޫލާނީ !!!