ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި މީހަކު ކާނާ ހޯދަން ދަނީ: އިޒްރޭލުގެ ސަބަބުން މުޅި ޣައްޒާ ބަނޑަށް ޖެހިފައި ވާއިރު ވެސް އިޒްރޭލުން އަބަދުވެސް ގޯސްކުރަނީ އެހެން މީހުން. -- ފޮޓޯ: އޭއެފްޕީ
24 ޑިސެމްބަރ 2024 - 05:41
ޣައްޒާގެ އުތުރު ސަރަހައްދަށް، މިދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ވެއްދުނީ ކާބޯތަކެއްޗާއި ފެނުގެ އެންމެ 12 ޓްރަކް ކަމަށް، އެހީގެ ޖަމާއަތެއް ކަމަށްވާ އޮކްސްފަމް އިން ބުނެފި އެވެ.
ޣައްޒާގެ ހާލަތު ވަރަށް ބޮޑަށް ނުރައްކާވަމުންދާ ކަމުގެ އިންޒާރާ އެކު އޮސްފަމް އިން މިހެން ބުނުމާ އެކު އިޒްރޭލުން ވަނީ މިއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ދެމުން އަންނަ އެއްބާރުލުން ގަސްތުގައި "ފޮރުވަނީ" ކަމަށް ބުނެފަ އެވެ.
"ފާއިތުވި ދެ މަހާއި ބައިގެ ތެރޭގައި ކާބޯތަކެއްޗާއި ފެން ބަރުކޮށްގެން ދިޔަ 34 ޓްރަކަކަށް ޣައްޒާގެ އުތުރު ސަރަހައްދަށް ވަނުމުގެ ހުއްދަ ދިން ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ގަސްތުގައި ހުރަސްއެޅުމާއި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ލަސްކުރުވާތީ މިހާތަނަށް އާންމުންނަށް ފޯރުކޮށްދެވިފައި ވަނީ މީގެ ތެރެއިން އެންމެ 12 ޓްރަކްގެ ސާމާނު،" ހޮނިހިރު ދުވަހާ ހަމައަށް ލިބިފައިވާ މައުލޫމާތަށް ބުރަވެ އޮކްސްފަމް އިން ބުންޏެވެ.
"އޭގެ ތެރެއިން ތިން ޓްރަކެއްގެ ކާނާ އާއި ފެން، މީހުން ހިޔާވަހިކަން ހޯދަމުންދާ ސްކޫލަކަށް ފޯރުކޮށްދިންތަނާ، އިޒްރޭލު ސިފައިން އެ ސަރަހައްދު ހުސްކުރުމަށް ފަހު ވަނީ ބޮން އަޅާފައި."
އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާއަށް ހަމަލާ ދޭން ފެށުމުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭން އެކި ޖަމާއަތްތަކުން މަސައްކަތްކުރާއިރު އިޒްރޭލުން އެކަމަށް ވަރަށް ބޮޑަށް ހުރަސްއަޅަ އެވެ. އިޒްރޭލުން ބުނަނީ އެހީގެ ޖަމާއަތްތަކަށް، އެއްފަހަރާ ގިނަ އަދަދެއްގެ އެހޯ ފޯރުކޮށްނުދެވުމަކީ މިކަން އުނދަގޫވާ ސަބަބު ކަމަށެވެ.
އިޒްރޭލުން މީގެ އަހަރެއް ކުރިން ފެށިގެން ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 45،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy