ރައީސް އޮބާމާ (ކ) އާއި ރައީސް ޓްރަމްޕް: ޓްރަމްޕުގެ ތުހުމަތު އޮބާމާގެ ޓީމުން ދޮގު ކުރޭ.
08 މާޗް 2017 - 17:00
ވޮޝިންޓަން (މާޗް 8) - ރިޔާސީ އިންތިޚާބުގެ ތެރޭގައި ކުރީގެ ރައީސް ބަރަކް އޮބާމާގެ އަމުރަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފޯނު ކޯލުތައް އަޑުއަހާފައިވާ ކަމަށް ކޮށްފައިވާ ތުހުމަތާ ގުޅޭ ގޮތުން އެފްބީއައިއާ ޓްރަމްޕް މަޝްވަރާ ކުރައްވާފައި ނުވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޓްރަމްޕުގެ ތުހުމަތުގައި އެއްވެސް ހެއްކެއް ދައްކަވައިފައެއް ނުވެ އެވެ. އެފްބީއައިގެ ޑިރެކްޓާ ޖޭމްސް ކޯމޭ ވެސް ވަނީ ޓްރަމްޕުގެ ތުހުމަތާ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެއީ އެމެރިކާގެ ރައީސް އަށް ވިޔަސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ޓްރަމްޕުގެ ތުހުމަތާ ޖަސްޓިސް ޑިޕާޓްމަންޓުން ވެސް ދެކޮޅު ހެދުމަށް ކޯމޭ އެދިވަޑައިގެންފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފައިވެ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާން ޝޯން ސްޕައިސާ އިއްޔެ ވިދާޅުވީ ފޯނު އަޑުއެހުމާ ގުޅޭ ގޮތުން އެފްބީއައިގެ އޮފިޝަލުންނާ ޓްރަމްޕް ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފޯނު ކޯލު އަޑު އެހި މައްސަލަ ތަހުގީގު ކުރުމަށް ޓްރަމްޕް ވަނީ ކޮންގްރެސްގައި އެދިވަޑައިގެންފަ އެވެ. އެމެރިކާގެ ސެނެޓާ ޖޯން މެކްކޭން ވަނީ ޓްރަމްޕުގެ ތުހުމަތުގައި ހެކި ހުރި ނަމަ ހާމަކުރުމަށް އެދިވަޑައިގެންފަ އެވެ.
އިންތިޚާބު ދުވަސްވަރު ނޭޝަނަލް އިންޓަލިޖެންސްގެ ޑިރެކްޓަރަކަށް ހުންނެވި ޖޭމްސް ކްލެޕާ ވެސް ވަނީ ޓްރަމްޕުގެ ކެމްޕޭނަށް ފާރަލުމަށް ފޯނު ކޯލު އަޑު އަހާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އޮބާމާގެ ޓީމުން ވަނީ ޓްރަމްޕް ކުރައްވާ ތުހުމަތުގައި އެއްވެސް އަސްލެއް ނެތް ކަމަށް ބުނެފަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ އޮފިޝަލުން ބުނެފައި ވަނީ އެއީ ޓްރަމްޕުގެ ސްޓާފުންނާއި ރަޝިޔާއާ ގުޅުން އޮތްކަން ފަޅާ އަރަމުންދާތީ އެކަމުގެ ސަމާލުކަން އަނބުރާލަން ކުރާ ކަމެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެތީމުދޯ
08 March 2017
އެފްބީއައި އިން ވެސް ޖެހޭނެ މރ. ޓްރަމްޕް ވިދާޅުވުމުން އެފަދަ މައްސަލަ އެއް ތަހްގީގް ކުރަން. ކުރީގެ ރައީސް އޮބާމާ ޓްރަމްޕް ޓަވަރުގެ ފޯން ޓެޕް ކޮށްފައިވާ ކަމަށް ޝައްކު ކުރެވޭނަމަ އެކަން ޝައްކެއް ނެތި ޔަގީން ވާވަރަށް އެފްބީއައި އިން ޖެހޭނެ އެކަން އިންވެސްޓިގޭޓް ކޮށްދޭން. އެނިމުނީ އެވެ. ދެން އެފްބީއައި އިން މާ ބޮޑަށް މިކަމުގައި ފުއްޕާނެ ކަމެއް ނެތް ދެކޮޅު ހަދަން އިނގޭ. ތަމެންގެ މުސާރަ ކޮޅު ހިފަހައްޓާވެސް ލެވިދާނެ ވައިޓް ހައުސް އިން ބޭނުން ނަމަ އިނގޭ. އެއިރަށް އެފްބީއައި އަށް އޮންނާނެ ދޯ ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ.