29 ޑިސެމްބަރ 2024 - 13:10
ހުކުރު ދުވަހުގެ ރޭ ދުބާއީގައި ބޭއްވި ގްލޯބް ސޮކާ އެވޯޑް ރަސްމިއްޔާތުގައި، މެދުއިރުމަތީގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދިނުމުން ފުޓްބޯޅަ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ފާޑުކިޔައިފި އެވެ.
މިދިޔަ އަހަރު ވެސް މި އެވޯޑް ހޯދި ރޮނާލްޑޯ، 39، ވަނީ 2023/2024 ސީޒަންގައި އައް ނަސްރަށް ކުޅެދިން 45 މެޗުން 44 ގޯލު ޖަހައި 13 އެސިސްޓް ކޮށްފަ އެވެ. ހަމަ އެއާ އެކު ސައުދީ ޕްރޯ ލީގުގައި 35 ލަނޑު ޖަހައިގެން ލީގުގެ ރަން ބޫޓު ވެސް ހޯދީ އޭނާ އެވެ.
ނަމަވެސް ރޮނާލްޑޯގެ ގޯލުތަކާ އެކު ވެސް އައް ނަސްރަށް ތައްޓެއް ނުލިބޭތީ ސަޕޯޓަރުން ވަނީ މި އެވޯޑްގެ އެންމެ ހައްގުވެރި ފަރާތަކީ އޭނާ ކަމާ މެދު ސުވާލު އުފައްދައިފަ އެވެ.
"މިއީ އޭނާ [ރޮނާލްޑޯ] އަށް ހާއްސަކޮށް އުފައްދާފައިވާ އެވޯޑެއް،" ސަޕޯޓަރަކު އެކްސްގައި ހިޔާލު ފާޅުކޮށްފައިވެ އެވެ.
ދެހާސް އެގާރަ ވަނަ އަހަރު ދޭން ފެށި ގްލޯބް ސޮކާ އެވޯޑްގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯ ވަނީ ހަ ފަހަރު ކާމިޔާބު ކޮށްފަ އެވެ. ރޮނާލްޑޯ ފިޔަވައި މި އެވޯޑް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ހޯދާފައި ވަނީ ކީލިއަން އެމްބާޕޭ އެވެ. އޭނާ ވަނީ ދެ ފަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. މިއަހަރު ލިބުނީ ވިނީޝިއުސް ޖޫނިއާ އަށެވެ. މިއަހަރުގެ އެވޯޑްގައި ރޮނާލްޑޯ ވަނީ، މިއަހަރުގެ ބެލޮންޑިއޯ އެވޯޑުގައި ވިނީޝިއުސް އާ މެދު ކަންތައް ކޮށްފައި ވަނީ ބޭއިންސާފުން ކަމަށް ބުނެފަ އެވެ.
މިދިޔަ ސީޒަންގައި އައް ނަސްރު، ސައުދީ ޕްރޯ ލީގުގެ ދެވަނައިގައި ނިންމި އިރު، އޭއެފްސީ ޗެމްޕިއަންސް ލީގާއި ސައުދީ ސުޕަ ކަޕް އަދި ކިންގްސް ކަޕް ވެސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. މިހާތަނަށް ނަސްރާ އެކު ރޮނާލްޑޯ އަށް ކާމިޔާބު ކުރެވިފައި ވަނީ ސައުދީ އަރަބިއްޔާގެ މިދިޔަ ސީޒަން ފެށުމުގެ ކުރިން ބޭއްވި އަރަބި ކްލަބް ޗެމްޕިއަންސް ކަޕެވެ.
އަލް ހިލާލުން މިދިޔަ ސީޒަންގައި ސައުދީ އަރަބިއްޔާގެ ހުރިހާ މުބާރާތެއް އެއްވެސް މެޗަކުން ބަލި ނުވެ ކާމިޔާބު ކޮށްފައި ވާއިރު، އެ ޓީމަށް 40 ގޯލު ޖަހައިދިން ސާބިއާގެ އެލެކްސެންޑަ މިޓްރޮވިޗް މި އެވޯޑަށް ނޮމިނޭޓެއް ނުވެ އެވެ.
ރޮނާލްޑޯ އެވޯޑް ހޯދީ ހިލާލުގެ ސާޖެގް މިލިންކޮވިޗް ސަވިޗް އާއި އަލް އަހްލީގެ ރިޔާދް މާރޭޒް އާއި ނަސްރުގެ ސާލިމް އައް ދައުސާރީ އަދި ޔޫއޭއީ ގެ އަލް އައިން އަށް ކުޅޭ ސުފިއާން ރަހީމީއާ ވާދަކޮށެވެ.
މި ސީޒަންގައި އައް ނަސްރު މިވަގުތު އޮތީ ސައުދީ ޕްރޯ ލީގުގެ ހަތަރު ވަނައިގަ އެވެ. އެޓީމުން 13 މެޗުން 25 ޕޮއިންޓް ހޯދާފައި ވާއިރު، އެއް ވަނައިގައި އޮތް އިއްތިހާދު ވަނީ މިހާތަނަށް 36 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތީ 34 ޕޮއިންޓް ހޯދާފައިވާ ހިލާލެވެ.
ތިން ވަނައިގައި އޮތީ މިދިޔަ ސީޒަންގައި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ގޯދައިގެން ޕްރޮމޯޓްވި އަލް ގަދްސިޔާ އެވެ. ޕިއޭ އެމެރިކް އޮބާމެޔަންގް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ނާޗޯ ފެނާންޑޭޒް ކުޅެމުން އަންނަ ގަދްސިޔާ ވަނީ މިހާތަނަށް 28 ޕޮއިންޓް ހޯދައިފަ އެވެ.
މި ސީޒަނުގައި މިހާތަނަށް ނަސްރަށް ކުޅެދިން 19 މެޗުން ރޮނާލްޑޯ ވަނީ 16 ގޯލު ޖަހައި ތިން އެސިސްޓް ކޮށްފަ އެވެ. ލީގުގައި ރޮނާލްޑޯ އާއި އަލް އިއްތިހާދުގެ ކަރީމް ބެންޒެމާ ވަނީ މިހާތަނަށް 10 ގޯލު ޖަހައިފަ އެވެ. ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ 12 ގޯލު ޖަހާފައިވާ މިޓްރޮވިޗް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައިސޭ މާވަހަރު
30 December 2024
ދެން ކާކަށް ދޭންވީ!!! ޕޭއްސީއަށް ތަ!!!. ކިހާދެރަކަމެއް. މީހަކަށް އެއްޗެށް ލިބުނަސް ތިވަރަކަށް ހަސަދަލައިގެން އުޅޭކަށް ނުވޭ.
1181
29 December 2024
މިހާރު ނޫހުން ބަލާލަދީބަލަ 2010، 2015، 2019، 2021 އަދި 2023 ވަނަ އަހަރު މެސީ އަށް 2024 ވަނަ އަހަރު ރޮޑްރީ އަށް ބެލޮންޑިޔޯ އެވޯޑު ދީފައިވަނީ އޭނާއަަށް އެ އެވޯޑު ހައްގުވެގެންތޯ؟
I’m ރާމިޒް
29 December 2024
ކޮރަޕްޝަން