ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލެއްގައި ތުއްތު ކުއްޖަކަށް ފަރުވާ ދެނީ: ފިނި މޫސުމާ އެކު ޣައްޒާގެ ހާލަތު އިތުރަށް ވަނީ ގޯސްވެފައި. -- ފޮޓޯ: އޭއެފްޕީ
30 ޑިސެމްބަރ 2024 - 06:44
އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ފަލަސްތީނުގެ ޣައްޒާ އަށް ފިނި މޫސުމާ ކުރިމަތިލާން ޖެހިފައި ވާއިރު 20 ދުވަހުގެ ތުއްތު ކުއްޖަކު "ގަދަ ފިނީގައި" ނިޔާވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން އިއްޔެ ވިދާޅުވެއްޖެ އެވެ.
ޖުމާ އަލް ބަތުރާން ނިޔާވީ ފިނީގެ ސަބަބުން ކަމަށާއި އެ ކުއްޖާއާ އެއްމާބަނޑު ކުއްޖަކު އަދިވެސް ހޮސްޕިޓަލެއްގެ އައިސީޔޫގައި އެބަ އޮތް ކަމަށް ހަމާސް އިން ހިންގާ ސަރަހައްދުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޣައްޒާގެ ފީލްޑް ހޮސްޕިޓަލްތަކުގެ ވެރިޔާ މަރުވާން އަލް ހަމާސް ވަނީ ކުއްޖާ ނިޔާވިކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި ހަފުތާތަކުގައި "ގަދަ ފިނީގެ ސަބަބުން" ފަސް ކުއްޖަކު މިހާރު ނިޔާވެއްޖެ ކަމަށެވެ.
"ކަރަންޓެއް ނެތް. ފެން ފިނިވެފައި ވާއިރު ގޭހެއް، ހޫނުކުރާނެ އެއްޗެއް ނެތް. އަދި ކާނާއެއް ވެސް ނުލިބޭ،" ކުއްޖާގެ ބައްޕަ ޔަހްޔާ އަލް ބަތުރާން ބުންޏެވެ.
"ލޯ ކުރިމަތީގައި ދަރިންތައް މަރުވަމުން ދަނީ. އެކަކުވެސް އަޅާލަނީއެއް ނޫން. ޖުމާ މަރުވެއްޖެ، އޭނާ އެއްބަނޑު ކުއްޖާއަށް ވެސް ހާލު ޖެހިދާނެ ކަމުގެ ބިރު އެބަ އޮތް."
ޔަހްޔާ ބުނީ އޭނާ އާއި އޭނާގެ އަންހެނުން ދިރިއުޅެމުން ދިޔައީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް ބަލާހް ސިޓީގައި ހުރި ހަލާކުވެފައިވާ ޓެންޓެއްގައި ކަމަށެވެ.
ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު އެއްވެސް ވަސީލަތެއް ނެތް ޓެންޓުތަކެއްގައި ތިބެން ޖެހިފައި ވާއިރު، އޭގެ ތެރޭގައި ގިނައި ދީރް އަލް ބާލާ އާއި ޚާން ޔުނިސް އާއި ރަފާހްގެ ދެކުނުގެ ސަރަހައްދުތަކުން މީހުން ނެރެ އެ މީހުން ބައިތިއްބަން އަވަސްއަރުވާލައިގެން ބަހައްޓާފައިވާ ޓެންޓުތަކެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 45،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެޜޭގައި ވެސް ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާމުހަައްމަދުބެ
31 December 2024
ތިމާގެ ގެއެއް، ކާނޭ ގޮތެއް، ހަނގުރާމަ ހުއްޓޭނޭ ދުވަހެއްް ނޭނގޭ އިރުވެސް ދަރިން ހޯދުން އެއީ އެއްމެ ރަނގަޅު ގޮތް ބާ؟ އެއީ އެކުދިންނަށް ދެވޭ ހާދަ ބޮޑު އަނިޔާ އެކޭ ހިތަށް އަރާ.....