30 ޑިސެމްބަރ 2024 - 08:41
އިޓަލީގެ އޭސީ މިލާނުން އެ ޓީމުގެ ކޯޗުކަމުން ޕޯޗުގަލްގެ ޕައޮލޯ ފޮންސެކާ ވަކިކޮށް، އެ މަގާމަށް އެ ގައުމުގެ އެހެން ކޯޗެއް ކަމަށްވާ ސާޖިއޯ ކޮންސެސާއޯ ހަމަޖައްސައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ސީޒަނުގައި މިލާނުން ގެނައި ފޮންސެކާ ވަކިކުރީ ނަތީޖާތައް ދަށްވުމުގެ އިތުރުން ބައެއް ކުޅުންތެރިންނާ މައްސަލަ ޖެހުމާއި، މެނޭޖްމަންޓާ ވެސް ހިތްހަމަނުޖެހުންތަކެއް އުފެދުމުންނެވެ.
އިޓާލިއަން ލީގުގައި ރޭ ރޯމާއާ 1-1 އިން މިލާން އެއްވަރުވި މެޗުގެ ކުރިން ވެސް މީޑިއާތަކުން ވަނީ އެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ފޮންސެކާ ވަކިކުރާނެ ކަމަށް ބުނެފަ އެވެ.
މަޝްހޫރޫ ފުޓްބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ އާއި އިތުބާރު ހިފޭ އެހެން މީޑިއާތަކުން ބުނާ ގޮތުގައި މިލާނުން މިހާރު ވަނީ ފޮންސެކާ ވަކިކުރަން ނިންމައިފަ އެވެ. އަދި ކޮންސެސާއޯއާ އެކު މިލާނުން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި، އޭނާ މިއަދު އެ ކްލަބާ ރަސްމީކޮށް ހަވާލުވާނެ ކަމަށް ވެސް ބުނެ އެވެ.
އަހަރުތަކެއް ވަންދެން މިލާނަށް ކޯޗުކޮށްދިން ސްޓެފާނޯ ޕިއޮލީ މިދިޔަ ސީޒަނަށް ފަހު ވަކިކުރުމަށް ފަހު މިލާނުން އެންމެ ފުރަތަމަ ގެންނަން ނިންމީ ވެސް ކޮންސެސާއޯ އެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކޮށް ފޮންސެކާ ގެނައީ އެވެ. އޭނާގެ ކޯޗުކަމުގައި މިލާނަށް އޮތީ އިޓާލިއަން ލީގުގެ 8 ވަނައިގަ އެވެ. އަދި ޓީމުގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ރަފައެލް ލިއާއޯ އާއި ތެއޯ ހެނާންޑޭޒްއާ ވެސް މައްސަލަ ޖެހިފަ އެވެ.
ކޮންސެސާއޯ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އިޓާލިއަން ލީގު ތަޖުރިބާކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ ލާޒިއޯއާ އެކު ނުވަދިހައިގެ ފަހުކޮޅު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. ފަހުން އޭނާ ޕާމާ އާއި އިންޓަ މިލާނަށް ވެސް ކުޅުނެވެ. ކޯޗިން ކެރިއަރު 2010 ގައި ފެށި ކޮންސެސާއޯ މިދިޔަ ސީޒަނުގެ ނިޔަލަށް ކޯޗުކޮށްދިނީ ޕޯޗުގަލްގެ ޕޯޓޯ އަށެވެ. އޭނާ ވަނީ އެ ޓީމަށް ޕޯޗުގީސް ލީގު ތިން ފަހަރު ކާމިޔާބުކޮށްދީފަ އެވެ.
ކޮންސެސާއޯގެ ކޯޗުކަމުގައި މިލާން ކުޅޭ ފުރަތަމަ މެޗަކީ އިޓާލިއަން ސުޕަ ކަޕުގައި ސައޫދީ އަރަބިއްޔާގައި ހުކުރު ދުވަހުގެރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭނާގެ ދަރިފުޅު ފްރެންސިސްކޯއަކީ ޔުވެންޓަސްގެ ކުޅުންތެރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy