އަވަސް ރައިޑު އެޕް.
09 ޖެނުއަރީ 2025 - 11:05
ޓެކްސީ ހިދުމަތަށް އޮންލައިންކޮށް އެދެން ބޭނުންކުރާ އަވަސް ރައިޑް އެޕް އަޕްގްރޭޑުކޮށް، ލޯންޗުކުރުމަށް ހަވާ އެރުވުމާ އެކު މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން އަވަސް އެންޓަޕްރައިޒް އިން ނިންމައިފި އެވެ.
އަވަސް އެންޓަޕްރައިޒް އިން ބުނީ މާދަމާ ހަވީރުން ފެށިގެން މާދަމާ ރޭ އެޕް ލޯންޗުކުރުމާ ހަމައަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. ހަވާ އެރުވުން އޮންނާނީ އެޕު ލޯންޗުކުރުމަށް ފަހު އެވެ.
އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުން އޮންނާނީ، މާދަމާ ހަވީރު 4 އިން ރޭގަނޑު 7 ޖެހުމާ ހަމައަށް އާއިލީ ހަވީރެކެވެ.
އާއިލީ ހަވީރަކީ ކުޑަކުދިންނަށް މަޖާ ގިނަ ކުޅަވަރުތަކެއްގެ އިތުރުން ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭން ޝޯއަކާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. އެ ހަރަކާތުގައި އެކި ކަހަލަ ކާބޯތަކެތީގެ ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ފުޑް ސްޓޭންޑުތަކެއް ހުންނާނެ ކަމަށް އަވަސް އެންޓަޕްރައިޒް އިން ބުންޏެވެ.
އެ ހަރަކާތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ބައިވެރިންނަށް އަގުހުރި އިނާމެއް ހުށަހަޅައި ހާއްސަ ލަކީޑްރޯއެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ ލަކީޑްރޯއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ސޮނީ ޕްލޭސްޓޭޝަން 5އެއް ލިބޭނެ އެވެ.
އާއިލީ ހަވީރަށް ފަހު އެޕްލޯންޗްކުރާނީ އެ ރޭ 8 ޖަހާއިރެވެ. އެއަށް ފަހު، 9:30ގައި ހަވާ އަރުވާނެ އެވެ.
އަވަސް އެންޓަޕްރައިޒްގެ އަވަސް ރައިޑް އެޕްލިކޭޝަނަކީ ގިނަ އަދަދެއްގެ މީހުން ބޭނުންކުރާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން އަލުން ލޯންޗުކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އެޕަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ގިނަ އަޕްގްރޭޑުތަކަކާ އެކު އެވެ.
އަވަސް އެންޓަޕްރައިޒް އިން ބުނި ގޮތުގައި އަވަސް ރައިޑު އެޕަކީ ދިވެހި ޒުވާން ޓީމަކާ އެކު ދަތުރުފަތުރުގެ ހިދުމަތަށް އިންގިލާބެއް ގެނައުމުގެ މަގުސަދުގައި 2019 ވަނަ އަހަރު ފެށި ހިދުމަތެކެވެ. އެ އެޕުގެ ހިދުމަތް މާލެއިން ފަށައި މިހާރު ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ހިދުމަތް ފުޅާކޮށްފަ އެވެ. އެ އެޕް މެދުވެރިކޮށް ގާތްގަނޑަކަށް 3،000 އެއްހާ އުޅަނދު ހިދުމަތުގައި ބޭނުންކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިސްމީ
09 January 2025
ޢެހެންވީމަ މާދަން އޮންނާނީ ހުސް ހުޅުމާލެ ދަތުރުތައް ދެއްތޯ
ގަދަ
09 January 2025
ގަދަ ގަދަ