15 ޖެނުއަރީ 2025 - 06:36
ޗައިނާއިން ޖާސޫސްކުރާ ކަމުގެ ތުހުމަތުގައި އެމެރިކާއިން ޓިކްޓޮކް މަނާކުރަން ތައްޔާރުވެފައި ވާއިރު އެމެރިކާގެ ގިނަ އަދަދެއްގެ ޓިކްޓޮކް އިންފުލެންސަރުން ޗައިނާގެ "ރެޑް ނޯޓް" އެޕްލިކޭޝަން ބޭނުންކުރަން ފަށައިފި އެވެ.
"ޓިކްޓޮކް ރެފިއުޖީން" ކަމަށް ބުނެ ގިނަ ބަޔަކު ބޭނުންކުރަން ފެށި މި އެޕްލިކޭޝަން އޮތީ މިދިޔަ ހޯމަ ދުވަހު އެމެރިކާގެ އެޕަލް އެޕް ސްޓޯރުގެ އެންމެ ކުރީގަ އެވެ.
އިންސްޓަގްރާމް އަދި ޓިކްޓޮކްގެ ލޭއައުޓާ ދާދި އެއްގޮތް މި އެޕްލިކޭޝަނަކީ ޗައިނާ, ޓައިވާން އަދި މެންޑަރިން ބަހުން ވާހަކަދައްކާ ގިނަ ގައުމުތަކުގައި މަގްބޫލު އެޕްލިކޭޝަނެކެވެ. މިހާތަނަށް އައިއިރު, 300 މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި އެޕްލިކޭޝަން ބޭނުންކުރެ އެވެ. އަދި ލައިފްސްޓައިލާއި ފެޝަން އަދި ޑޭޓިންއާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އަންހެނުންގެ މެދުގައި މި އެޕްލިކޭޝަން މަގުބޫލެވެ.
ޓިކްޓޮކް ބޭނުންކުރުން ހުއްޓުވުމަށް އެމެރިކާގަ މިދިޔަ އަހަރު ފާސްކޮށްފައިވާ ގާނޫނުގައިވާ ގޮތުން ޓިކްޓޮކް ބޭނުންކޮށްގެން އެމެރިކާ ރައްޔިތުންގެ ޒާތީ މައުލޫމާތު ފޮނުވައި ޗައިނާ އިން ދަނީ ޖާސޫސްކުރަމުންނެވެ. މި މަހުގެ 19 އާ ހިސާބަށް މުއްދަތު ކަނޑައަޅައި ފާސްކުރި މި ގާނޫނާ އެކު ޓިކްޓޮކްގެ ޗައިނާގެ މައި ކުންފުނި ބައިޓްޑާންސަށް ވަނީ އެ ޕްލެޓްފޯމް ވިއްކާލަން ނުވަތަ ހުއްޓާލަން މަޖުބޫރުވެފަ އެވެ.
ނަމަވެސް ފާޑުކިޔުންތެރިން ބުނާގޮތުން މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ކަމެކެވެ. އަދި ޗައިނާ އާއި ބައިޓްޑާންސް ވަނީ ޖާސޫސްކުރުމުގެ ތުހުމަތުތައް ހަރުކަށި އިބާރާތުން ދޮގުކޮށްފަ އެވެ.
ރެޑް ނޯޓް އެޕްލިކޭޝަނުގައި މިހާރުވެސް "ޓިކްޓޮކް ރެފިއުޖީންނަށް" ނިސްބަތްވާ 63,000 އަށްވުރެ ގިނަ ޕޯސްޓްތައް އެބަހުއްޓެވެ. މީގެތެރޭގައި ގިނައީ އެޕްލިކޭޝަން ބޭނުންކުރާ ގޮތް ކިޔައިދޭ ޕޯސްޓުތަކާއި އާންމު ބައެއް ޗައިނާ ލަފްޒުތައް އޮޅުންފިލުވާދޭ ޕޯސްޓްތަކެވެ.
މިހާރު ވެސް އެމެރިކާގެ 170 މިލިއަން މީހުން ޓިކްޓޮކް ބޭނުންކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy