ކެފޭގެ ރެކު ތެރޭގައި މީދާ އުޅޭ ވީޑިއޯގެ ސްކްރީންޝޮޓެއް.-
27 ޖެނުއަރީ 2025 - 11:51
މާލޭގެ ކެފޭއެއްގައި ކާއެއްޗެހި ވިއްކަން ބަހައްޓާ ރެކު ތެރޭގައި މީދާތަކެއް އުޅޭ ވީޑިއޯއެއް މިއަދު ދައުރުވާން ފަށައިފި އެވެ.
އަހުމަދު ނާހިލް ނަމަކަށް ކިޔާ ޒުވާނަކު ފޭސްބުކްގައި އާއްމުކުރި ވީޑިއޯއިން ފެންނަނީ ކަލާފާނު ހިނގުމުގައި ހިންގާ "ސްޓާ ލައިޓް ކެފޭ"ގެ ރެކު ތެރޭގައި މީދާތައް ދުވެދުވެ އުޅޭ މަންޒަރެވެ. ތައްޓަކަށް އަޅާފައި ހުރި ބިސްތަކެއްގައި އަދި ރެކު ތެރޭގައި މީދާތައް ދޫލާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.
ބެލެވޭ ގޮތުގައި ކެފޭ ތެރޭގައި މީދާތައް އުޅުނީ މީހުން ވެސް ތިބި ގަޑިއެއްގަ އެވެ. ކޮމެންޓެއްގައި ނާހިލް ޕޯސްޓުކުރި އިތުރު ވީޑިއޯއެއްގައި ފެންނަނީ، ޓީވީން ފުޓްބޯޅަ މެޗެއް އަޅުވާފައި ވަނިކޮށް އެ ޓީވީ ކައިރީގައި މީދަލެއް ދުވެ އުޅޭ ތަނެވެ. މިދިޔަ ހަފުތާގައި ނެގި އެ ވީޑިއޯގައި މީދާ ހިފަން މީހަކު މަސައްކަތްކުރާތަން ވެސް ފެނެ އެވެ.
ނާހިލް "މިހާރު"އަށް ބުނީ ސްޓާ ލައިޓް ކެފޭއަކީ ރައްޓެހިންނާއެކު އޭނާ އަބަދު ވެސް ކޮފީ ބޯން ދާ ތަނެވެ. އެގޮތަށް ދާއިރު، ދޭތެރެ ދޭތެރެއިން މީދާ ފެންނަތާ އަަހަރަކަށް ވުރެ ގިނަ ދުވަސްވުމުން އޭގެ ޝަކުވާ، ކެފޭގެ ވެރިފަރާތަށް ވެސް ކޮށްފައިވާ ކަމަށް ބުންޏެވެ.
މިދިޔަ ހަފުތާގައި ވެސް ކޮފީ ބޯން ތިއްބައި މީދާ ދުވެ އުޅޭ ވީޑިއޯ ނަގައި، އެއާއެކު ކަންބޮޑުވުންތައް ހިއްސާކުރިއަސް އެއްވެސް ކަމެއް ނުކުރާ ކަމަށް ބުންޏެވެ.
"އެހެން ހުއްޓާފައި ރޭގައި ކެފޭ ބަންދުކުރި ފަހުން މި ފެނުނީ އެ ތަނުގެ ތެރެއިން އަނެއްކާ ވެސް މީދާތައް. ކެފޭގެ ތެރެއިން ވިއްސަށްވުރެ ގިނައިން މީދާ ފެނުނު،" ނާހިލް ބުންޏެވެ.
"ކޮފީއަށް ދާ މީހުންނަށް ވުރެ އެ ތަނުގައި މީދާ މިހާރު ގިނަ."
ސްޓާ ލައިޓް ކެފޭގެ ބޭރު.-- ފޮޓޯ: ނާހިލް
އެ ކެފޭގެ ވެރިމީހާ ބުނިގޮތުގައި އެ ތަނުގެ ތެރެއިން މީދަލެއް ފެންނަތާ ދެތިން ރޭ ވެއްޖެ އެވެ. އެހެންވެ، އެކަން ރަނގަޅުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. ސޯޝަލް މީޑިއާގައި އެ ވީޑިއޯ ދައުރުވުމުން މިއަދު ކެފޭ ބަންދުކޮށް، ބާގަނޑުތައް ބައްދަމުން އަންނަ ކަމަށް އޯނަރު ބުންޏެވެ. "ކެފޭ ހަދާފައި އިން ގޭގެ މަތީގައި އުޅޭ މީދާތަކެއް ކަމަށް ބެލެވެނީ އެއީ،" އޭނާ ބުންޏެވެ.
މާލޭގައި ހިންގާ ކެފޭ/ރެސްޓޯރެންޓްތައް ސާފުތާހިރުކަމުގެ މިންގަނޑަށް ފެތޭތޯ ދޭތެރެއަކުން އިންސްޕެކްޓް ކުރެ އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބަލާ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތިގެން، ބައެއް ތަންތަން ބަންދު ވެސް ކުރެ އެވެ.
ކެފޭއެއްގެ ތެރޭގައި މީދާތަކެއް އުޅޭ ވީޑިއޯއެއް ދައުރުވާން ފެށިއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަނުގެ ތެރެއިން، އިމިގްރޭޝަނުން އަންނަނީ ނުތާހިރުކޮށް ކާ އެއްޗެހި ހަދާ ތަންތަން ހޯދައި، އެކަމުގައި އުޅޭ ބިދޭސީން އަތުލައިގަންނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުޅާ މަދުވީމަ މީދާ ގިނަވީ
27 January 2025
ތެދެކެވެ! ބުޅާ މަދުވެއްޖެ އެވެ! މީދާ ގިނަވެއްޖެ އެވެ! ސަލާމަތެއް ނެތެވެ!
ރަަޢްޓެހިން
27 January 2025
ތިދެން އާއްމުކަމެއްނު. ހާބަރުކެފޭތަކުގެ ބުފޭޓްރޭދަށުން އާއްމުކޮށް މީދާދުވެއުޅޭ.
ތުނިޔަ
27 January 2025
މީދާގުއި ފެނުނަސް ވަންނަ ވަރުން މީހުންވަންނާނެ ވިއްޔަ!
ކުމާރުސާނޫ
27 January 2025
ގިނަ ކޭފޭ ރެސްޓޯރަންޓްތަކުގެ ސާފުތާހިރުކަން ވަރަށް ދަށު ދަރަޖައިގައި ހުރީ. އެހެންވެ ތަންތަނުން ނުކައި ހަމައެކަނި ގޭގައި ކައްކައިގެން ކަނީ. ބޮޑުތަނުން ޚަރަދުވެސް ކުޑަވެއްޖެ. ހުރިހާ ކުދިން ވެސް ގެއިން ކާން އާދަކޮށްބަލަ. ސިއްހީ ބޮޑު ބަލިމަޑުކަމެއް ނުޖެހެނީސް ގައުމުގެ މުއައްސަސާތައް ހޭލަން އެބަ ޖެހޭ.
ބިންގަރާސް
27 January 2025
ގޭގެ ވެރިމީހާ ތިރި ކެފޭ ހަދަންދީފަ މަތި މީދަލަށް ކުއްޔަށް ދިނީމާ އެ އެއްޗެހިވެސް ކާން އަންނާނެތާ.
މައްކޫ
29 January 2025
ގޭގެ ވެރި މީހާއަށް ބިން ދައުލަތުން ދެނީ ގޭގަ ދިރިއުޅެން، ގެ ކުއްޔަށް ދީފަ ރާއްޖެއިން ބޭރަށް ދިރިއުޅުްން ބަދަލުކޮށްލީމަ ހުރިހާގޮތަކުން ވެސް ޤައުމަށް ވަނީ ގެއްލުން، ޑޮލަރުތައް ބޭރަށް، ގޭގަ ދިރިއުޅެނީ މީދާ.
ފެޓް
27 January 2025
ފުޑް ކޯޓް ކެފޭތަކުން މީދާ ، ކުރަފި ވަރަށް ގިނައިން ފެނިފަ އެބަހުރި
ބަސްނާހާސޮރު
27 January 2025
މި މީހުންނަށް ނަސޭހަތް ދީ އިސްލާހުކުރަން އަންގަން ސަރުކާރަށް ގޮވާލަން
ރަދީފު ބިން ރަފައިދާ
27 January 2025
ބަލަ ތިތަނުގެ ވެރިއަކީ ބަންގާޅީއެއްތަ؟ ނުތާހިރުކޮށް ކާތަކެތި ގެންގުޅޭ ތަނުގެ ވެރިމީހާގެ އެއްވެސް މައްސޫލިއްޔަތެއް ޒިންމާއެއް ނޯންނަނީތަ؟
އަހައްމަދޫ
27 January 2025
މީދާ އުޅޭ އެނިމުނީ އެހިސާބުން އެކަންތައް. ކޮންމެސް ބަންގާޅީން ތަކެއް ތިބޭނީ ތިތަން ހިންގަން. ފުޑް އެންޑް އޮތޯރިޓީ ބޭފުޅުން މިވީޑިޔޯ ފެނިލައްވާފަ ގަދަ ނިދިން ހޭޅެވިގެން މިތަނައް ޒިޔާރަތް ކުރައްވައިފިތޯ
ޑރ ވާންޗޯ
27 January 2025
މާލޭގަ ހުއްދަނެތި ހެދިކާ ސައި ކޮފީ ވިއްކަމުންދާ ކަޑަތަކުގެ ކާރިޔަށް ރޭގަނޑުދަންވަރުގޮސް ބަލާލަބަލަ، ދޮރުދަށުންނާ ބާގަނޑުތަކުން މީދާތަށް ރޭސްޖަހާތަންފެންނާނެ. ހެނދުނު ހުޅުވާއިރު ރެކުތަށް ފުރެންދެން ހެދިކާހުންނާނެ. މީދާތަކަށްނުކެވިފަހުރި ބާކީތޯއްޗެ. ބަލަނީކާކު، ގާނޫނާގަވާއިދު މިހާރު ހިންގަނީ ސޯސަލްމީޑިއާއިން.
އެކްސްރޭ
27 January 2025
ޤާނޫނާއި ޤަވާޢިދު އެކަންޏެއްނޫން މުޅި ސަރުކާރުވެސް ހިންގަނީ ސޯޝަލް މީޑިއާއިން، ސަރުކާރުގެ މިނިސްޓްރީތަކާއި ޑިޕާރޓްމެންޓް ތަކުގެ އިތުރުން އެއިން ތަނަކުން ހިންގާ އޮފީސް ކިބަޅިގަނޑެއް ހުއްޓަސް ރައްޔިތުންގެ ޓެކްސްފައިސާއިން ބޮޑު މުސާރަދޭ ސިޔާސީ އެތައް ހާސް ބަޔަކު ސަރުކާރުން ވަނީ އެތަންތަނަށް ވައްދާފައެވެ. އެމީހުންގެ ވަޒީފާއަކީ އެތަން ތަނުގައި ތިބޭ ސިވިލް މީހުންނަށް ޖެއްސުން ކުރުމާއި ސޯޝަލް މީޑިއާ އަޕްޑޭޓްކުރުމެވެ.